ކުޅިވަރު ސާމާނު އުފައްދާ އެޑިޑާސް ކުންފުނީގެ އަންހެން އެތުލީޓުންނާ މެދު ތަފާތުކުރުން ކުރުން ގެންގުޅޭ މައްސަލަ ފަޅާއަރުވާލީ ކުރިގެ އެގްޒެކެޓިވް މުވައްޒަފަކު ވަޒީފާއިން ވަކި ކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
ލިންޑްސޭ ގްރެގްއަކީ އެޑިޑާސްގެ ބާސްކެޓްބޯލް ސެކްޓާގެ މާކެޓިންގެ ކުރީގެ އިސްވެރިޔާ އެވެ. މިދިޔަ ފެބްރުއަރީ މަހު އެ ކުންފުނިން އޭނާ ވަކިކުރީ އަންހެން ކުޅުންތެރިންނަށް ކުރާ ތަފާތުކުރުންތަކާ ދެކޮޅަށް އަޑުއުފުލުމުން ކަމަށް އޭނާ ބުންޏެވެ.
އެމެރިކާގެ އޮރެގަންގެ ކޯޓަކަށް ހުށަހެޅި މި ދައުވާގައި ލިންޑްސޭ ބުނެފައިވަނީ، އަންހެން ކުޅުންތެރިންނަށް ދޭ ވަސީލަތްތައް މަދުވުމާއި، މާހައުލުގެ ރައްކާތެރިކަން ނެތް މައްސަލަ އޭނާ ތަކުރާރުކޮށް ފާހަގަކުރަމުން ދިޔަ ކަމަށެވެ.
އެކަމަކު އެ މައްސަލަ ފާހަގަކުރުމުން މިދިޔަ ފެބްރުއަރީ މަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޯޓަށް ހުށަހެޅި ލިޔުންތަކުގައި އޭނާ ބުނެފައިވެ އެވެ.
މިއީ ވިސުލްބްލޯވަރެއްގެ ހައިސިއްޔަތުން އޭނާ ކުރި މަސައްކަތަށް ދިން ނުހައްގު އަދަބެއް ކަމަށް ދައުވާގައި ފާހަގަކޮށްފައިވެ އެވެ.
ލިންޑްސޭގެ ވަކީލުނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ތަފާތުކުރުންތަކާ ދެކޮޅަށް އަޑުއުފުލާ މުވައްޒަފުންނަށް ގާނޫނީ ރައްކާތެރިކަން ލިބިގެންވާ ކަމަށެވެ.
"(ލިންޑްސޭ) ގްރެގް ކުރީ ސީދާ ގާނޫނުން ބާރުދޭ ކަންތައްތަކެއް. އޭނާ ވާހަކަދެއްކީ ނުހަމަ އުސޫލުތަކާއި ރައްކާތެރިކަމާ ގުޅޭގޮތުން. އެކަމާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރުމަކީ ހަމައެކަނި ގޯހެއް ނޫން، އެއީ ޣައިރު ގާނޫނީ އަމަލެއް،" ވަކީލުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭނާ ވަޒީފާއިން ވަކިކުރުމުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށާއި، އަލުން ވަޒީފާ އިއާދަކޮށްދިނުމަށް ގްރެގް ވަނީ ކޯޓްގައި އެދިފަ އެވެ.
"އަހަރުތަކެއް ވަންދެން އަހަރެން ވަކާލާތުކުރީ ކުޅުންތެރިންނަށް ހަމަހަމަ ވަސީލަތްތަކާއި އިހުތިރާމް ހޯދައިދިނުމަށް. ނަމަވެސް އަންހެނުން ނުރައްކަލަށް ހުށަހެޅޭ ފަދަ ކަންކަމާއި ތަފާތުކުރުންތަކާ މެދު އަހަރެން ވާހަކަދެއްކުމުން، އެޑިޑާސްއިން އިޚްތިޔާރުކުރީ މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އަހަރެން ވަޒީފާއިން ވަކިކުރަން،" ލިންޑްސޭ ބުނެފައި ވެއެވެ.