ޑައިވިންގެ ދުނިޔޭގެ އެންމެ ބޮޑު ރެކޯޑް ރާއްޖޭގެ 12 ރިސޯޓެއްގައި އެއް ފަހަރާ މިއަދު ހަދައިފި އެވެ.
އެންމެ ގިނަ ބަޔަކު އެއް ފަހަރާ އެންމެ ގިނަ ވަގުތެއްގައި މޫދުގެ އަޑީގައި އޮތުމުގެ ރެކޯޑްގައި 400 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
ރެކޯޑްގެ ގްރޭންޑް އިވެންޓް ކުރިއަށް ދިޔަ، ކްރޮސްރޯޑްގައި 140 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. މިއަދު އެ ރިސޯޓްގައި ކުރިއަށް ގެންދިޔަ އިވެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.
"ނޭވާ 2" ގެ ނަމުގައި ބޭއްވި އިވެންޓްގައި ބައިވެރިވި ގިނަ ބައިވެރިން ވެސް ވަނީ ދެ މިނެޓް ވަންދެން މޫދުގެ އަޑީގައި ނޭވާ ހިފަހައްޓާލާފަ އެވެ. މިއީ މިރެކޯޑް ދުނިޔޭގައި ހެދި ފުރަތަމަ ފަހަރެވެ.
ރެކޯޑް ރަސްމީކޮށް ފެށުމުގެ ކުރިން ހަތަރު ބުރެއްގެ މަތިން، ވޯމް އަޕް ކުރިއަށް ގެންދިޔަ އެވެ. ފުރަތަމަ ދެ ބުރު ކުރިއަށް ގެންދިޔައީ، ކޮންމެ ބުރެއް 30 ސިކުންތަށެވެ. އަދި ފަހު ދެ ބުރު ކުރިއަށް ގެންދިޔައީ ކޮންމެ ބުރެއް އެއް މިނެޓަށެވެ. ކޮންމެ ބުރެއްގެ ދެމެދުން ދެ މިނެޓްގެ ރެސްޓް ޓައިމެއް ދިނެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބާތާ ދިމާކޮށް، ޑައިވް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ އިވެންޓަކީ، އެ ޖަމިައްޔާއިން ރާއްޖޭގައި ހެދި ޑައިވިންގެ ދުނިޔޭގެ ދެ ވަނަ ވޯލްޑް ރެކޯޑެވެ.
"ނޭވާ" ގެ ނަމުގައި 2019 ގައި ބޭއްވި އިވެންޓަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު ޑައިވްކުރި އިވެންޓެވެ. އެ ފަހަރުގެ އިވެންޓްގައި ޖުމްލަ 521 މީހުން ބައިވެރިވެފައިވެ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ޑައިވްކުރި އިވެންޓެވެ.