އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި މޫދުގައި އޮވެ ނޭވާ ހިފަހައްޓާލުމުގެ ފްރީ ޑައިވް ދުނިޔޭގެ ރެކޯޑް ހެދުމަށް ބާއްވާ އިވެންޓުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "ނޭވާ 2" ގެ ނަމުގައި ބާއްވާ އިވެންޓް ހާއްސަ ކުރަނީ ރިސޯޓް މުވައްޒަފުންނަށެވެ. އެކަމަކު އާންމުންނަށް ވެސް މި އިވެންޓުގައި ބައިވެރި ވެވޭނެ އެވެ. އެ އިވެންޓްގައި ޖެހޭނީ މޫދުގެ ތިލަ ހިސާބެއްގައި ގާތްގަނޑަކަށް ދެ މިނެޓް ވަންދެން ނޭވާ ހިފަހައްޓައިލައިގެން ތިބޭށެވެ.
އޮކްޓޯބަރު މަހު ބާއްވަން ތައްޔާރުވާ މި އިވެންޓަކީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފްރީ ޑައިވް މޯލްޑިވްސްއިން ބާއްވާ ދެވަނަ ވޯލްޑް ރެކޯޑް އިވެންޓެވެ. ފްރީ ޑައިވް މޯލްޑިވްސްއިން ބުނީ އިވެންޓްގައި ބައިވެރިވާ ރިސޯޓް މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ ކުރިން ވެސް އެ ޖަމިއްޔާ އިން ބޭއްވި އިވެންޓެއް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްގައި ލިސްޓްކޮށްފައި ވެއެވެ. "ނޭވާ" ގެ ނަމުގައި 2019 ގައި ބޭއްވި އިވެންޓަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު ޑައިވްކުރި އިވެންޓެވެ. އެ ފަހަރުގެ އިވެންޓްގައި ޖުމްލަ 521 މީހުން ބައިވެރިވެފައިވެ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ޑައިވްކުރި އިވެންޓެވެ.