ނަފްސާނީ ބައްޔަށް ހާއްސަކޮށްގެން ހޮޓްލައިނެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހުލޫފު "މިހާރު" އަށް މިއަދު ވިދާޅުވީ ނަފްސާނީ ބައްޔާއި އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ހިޔާލު ގެންގުޅޭ މީހުންނާ ވާހަކަދެއްކޭނެ ހެލްޕް ލައިނެއް ގާއިމްކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތުގައި ފަސްޓްލޭޑީ ފަޒްނާ އަހުމަދު އިސް ދައުރެއް އަދާކުރައްވަމުން އަންނަ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
މިނިސްޓަރުު ވިދާޅުވީ އެ ބަލި ތަހައްމަލު ކުރަމުންދާ މީހަކާ އެ ވަގުތެއްގައި އެކަނި ވާހަކަދައްކާލެވުނަސް އެއީ އެހީތެރިކަން ދެވުނު ކަމަަކަށް ނުބެލޭނެ ކަމަށެވެ. އެ މީހެއްގެ ފްލޯއަޕް ހެދޭނެ ގޮތްތައް ވެސް އޮންނަން ޖެހޭނެ ކަމަށާއި މަޝްވަރާކުރަމުން އަންނަނީ އެފަދަ އިންތިޒާމްތައް ހަމަޖެއްސޭނެ ގޮތްތަކާ ގުޅޭގޮތުން ކަމަށް ވިދާޅުވި އެވެ.
ނަފްސާނީ ދުޅަހެޔޮ ކަމަށް އިސްކަންދީގެން މަސައްކަތް ކުރަމުން އަންނައިރު އައިޖީއެމްއެޗުގައި ވަނީ މެންޓަލް ހެލްތު ސެންޓަރެއް ގާއިމްކޮށްފަ އެވެ. އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އާސަންދަ ލިބޭނެގޮތް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ.
"މި މަސައްކަތް ކުރުމަށް އާސަންދަ ތެރެއިން ވެސް ކުރަންޖެހޭ ބައެއް ކަންކަން އެބަހުރި. އައިޖީއެމްއެޗުގައި އަދި ވެސް ބޮޑު ކިއުއެއް އެބައޮތް. އެހެންވެގެން ރަނގަޅަށް ސެޓަޕް ހަދާފައި މި މަސައްކަތް ފަށައިގަންނަން މި ތައްޔާރުވަނީ،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމާ ގުޅުންހުރި ފަރާތްތަކާ އެކު އަންނަ ހަފުތާގައި ބައްދަލުކޮށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން ގޮތްތަކެއް ނިންމާނެ ކަމަށެވެ.