ދުނިޔޭގެ މި އަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށްޓަކައި ސަރުކާރުގެ ގިނަ އޮފީސްތަކާއި މުއައްސަސާތަކުން ސިއްހަތަށް ރަނގަޅު ނާސްތާ ދީފި އެވެ.
އެގްރިކަލްޗަރު މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ގިނަ މިނިސްޓްރީތަކުންނާއި ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުން ވެސް ބައިވެރިވެ، ސިއްހަތަށް ރަނގަޅު ކާނާ ހިމެނޭ ނާސްތާއެއް އެ ތަންތަނުގެ މުވައްޒަފުންނަށް ދިނެވެ. މިއަދުގެ ނާސްތާގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އާޓާފުށް ރޮއްޓާއި މަސްހުންޏާއި އެކި ބާވަތްތަކުގެ ސެލަޑާއި މޭވާގެ ބާވަތްތަކެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެމްޑަބްލިއުއެސްސީން ވަނީ މާލޭގެ އިތުރުން ހދ. ކުޅުދުއްފުށީގަ އާއި ކ. މާފުށި އަދި ރ. ދުވާފަރުގައި ތިބި އެ ކުންފުނީގެ މުވައްޒަފުންނަށް ހެލްތީ ބްރެކްފާސްޓް ދީފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ޕާކިން ލޮޓުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އެމްޑަބްލިއުއެސްސީގެ ނާސްތާ ޝަރަފްވެރި ކޮށްދެއްވީ ހީޓް، ހެލްތް އެންޑް ފިޓްނެސްގެ ސީއީއޯ ޝިފާނާ ވަޖީހު އެވެ. އެ ހަފްލާގައި އޭނާ ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމުގެ އިތުރުން ކަސްރަތު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި ހަށިގަނޑަށް ބޭނުންވާ ހުރިިިހާ މާއްދާތައް އެކުލެވިގެންވާ ބެލެންސްޑް ޑައިޓެއްގެ މުހިއްމުކަމާ ގުޅޭ ގޮތުން ވެސް އޭނާ ވާހަކަ ދެއްކި އެވެ.
ޓްރާންސް ފެޓް ފަދަ ހަށިގަނޑަށް ގެއްލުން ހުރި ބާވަތްތައް ގިނައިން ބޭނުުން ނުކުރުމަށް ވެސް ޝިފާނާ އިލްތިމާސް ކުރެއްވި އެވެ.
"އަޅުގަނޑު މި ބުނަނީ ކޭކު ނުކާށެކޭ ނޫން. ދުުވާލަކު ކޭކު ފޮއްޗެއް ކެޔަސް އެންމެ ރަނގަޅު ވާނެ. އެކަމަކު ދުވާލަކު ކޭކެއް ކައިގެނެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީން ވަނީ އާންމުކޮށް ބޭނުންކުރާ ހުދުފުށުގެ ބާވަތްތަކާ ދުރަށް ދިއުމަށް އެދިފަ އެވެ. އެ ކުންފުނީގެ މިއަދުގެ ނާސްތާގައި ހުރީ އާޓާ ފުށުގެ ރޮށްޓާއި ޕާނެވެ. އެއާ އެކު، ކާން ދެ ބާވަތެއްގެ މަސްހުނި ވެސް ހުއްޓެވެ. ފޮނި އެއްޗެއްގެ ގޮތުގައި ހުރީ އަލަނާސި، ކަރާ އަދި އާފަލެވެ.
ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ބިލަބޮންގް ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ވެމްކޯ އިން ކުރިއަށް ގެންދިޔަ އެެވެ. އޯގެނިކް ވޭސްޓް ނުވަތަ ކާތަކެތިން އުފެދޭ ކުނި މަދުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މި ސެޝަނުގައި އެ ކުންފުނިން ވާހަކަ ދެއްކި އެވެ.