ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހަކުރު ހިމެނުން ހުއްޓާލާކަށް ނުވޭ ބާވަ އެވެ؟

އާއްމު ސިއްހަތުގެ މާހިރަކު މި ސުވާލު އުފައްދަވަނީ ދިވެހިންގެ ކެއިންބުއިމުގައި ހަކުރު ބޭނުންކުރުން ގިނަވުމަކީ ސިއްހީ ބޮޑު ގޮންޖެހުމަކަށް ވެފައި ވާތީ އެވެ. ބޮޑެތި އެކި ކަހަލަ ބަލިތަކަށް މަގުފަހިކުރާ އާދަތަކެއްގެ މައްޗަށް ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންވެފައިވާ އިރު، އޭގެ ތެރެއިން، ސިއްހީ މާހިރުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް އެއް މައްސަލައަކީ ހަކުރާއި ހަކުރު ގިނަ ބުއިންތައް ބޭނުންކުރުމުގެ ސަގާފަތެއް އަށަގެންފައިވާ ކަމެވެ؛ ޚާއްސަކޮށް ކުޑަކުދިންގެ މެދުގަ އެވެ.

ބަރުދަން އިތުރުވުމާއި ފަލަވުން ނުވަތަ އޮބީސިޓީ، ބޮޑެތި މީހުންނާއި ކުޑަކުދިންގެ ތެރޭގައި ވެސް އާއްމުވެފައިވާކަން އެނގެން ހުރި ދިރާސާތަކުގެ އަލީގަ އާއި ގައިން ގަޔަށް ނާރާ ބަލިތައް އާއްމުވެފައިވާ މިންވަރަށް ބަލައި ސިއްހީ މާހިރުންގެ ނަސޭހަތަކީ ހަކުރު ބޭނުންކުރުން ވަރަށް ބޮޑަށް މަދުކުރުމެވެ. ސަބަބަކީ، އެއީ ހަށިގަނޑަށް ބޭނުންވާ އެއްޗަކަށް ނުވުމާއި ގިނައިން ހަކުރު ބޭނުންކުރުމަކީ ބޮޑު ނުރައްކަލަކަށް ވުމެވެ. އެހެންކަމުން، ސަރުކާރުގެ ބޮޑު ޚަރަދަކުން ސަބްސިޑައިޒްކޮށްގެން ހެޔޮއަގުގައި ވިއްކަމުން ގެންދާ ހަކުރާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހިއްޖެ ކަމަށް ވެސް ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ރާއްޖޭގައި އަޅުގަނޑުމެން އަދިވެސް މި ބަލަނީ ހަކުރަކީ ކާޑުގެ ބާވަތެއްގެ ގޮތުގައި. އެކަމަކު އެ ލިސްޓުން ހަކުރު އުނިކޮށް ހަކުރުން ޓެކްސް ނަގަން ފަށަން އެބަ ޖެހޭ،" ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގައި އެޕިޑެމިއޮލޮޖިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރައްވާފައިވާ ޑރ. އައިޝަތު އަރޫނާ ވިދާޅުވި އެވެ.

"މިހާރު ހަކުރަކީ ދުޅަހެޔޮ ޑައިޓެއްގައި ހިމަނަން ލަފާދޭ އެއްޗެއް ނޫން. ހަކުރު ބޭނުންކުރުން މަނައެއް ނުކުރޭ. އެކަމަކު ހަކުރު، ހަކުރުގެ ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި ބަތް، އާޓާ ފުށުގެ ރޮށި އަދި އެހެނިހެން ހޯލް ގްރެއިންސް ފަދަ ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ބޭނުންކުރާ ނަމަ އިންސާނުންނަށް މާ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބެވޭނެ."

"މިހާރު 14-16 އަހަރުގެ ކުދިން ދައްކަން އައިމަ ބީޕީ ޗެކްކޮށްލާ އިރު ބީޕީ މަތި. ދެން ފަސް ފޫޓު ކިރިޔާ ހަމަނުވާ އިސްކޮޅުގެ ކުދިންގެ ބަރުދަން އެބަ ހުރޭ 60-65 ކިލޯގައި."

"ހަކުރާ ދެކޮޅަށް ހަނގުރާމަކުރަން އެބަ ޖެހޭ"

ގިނައިން ހަކުރު ބޭނުންކުރުމާ ގުޅުން ހުރި ނުރައްކާތައް އާއްމުވެފައިވާ އިރު ސިއްހީ މާހިރުންނާއި އަމިއްލަ ބައެއް ޖަމްއިއްޔާތަކުން މި ވަގުތު އެންމެ ސީރިއަސްކޮށް ނަގާ އެއް ކަމަކީ ކުޑަކުދިން ހަކުރުގެ ދުނިޔެއަކަށް ގެނބިފައިވާ މައްސަލަ އެވެ. ފައިދާހުރި ކާނާ ބޭނުންކޮށް ހެލިފެލިވެއުޅޭ ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ އަމާޒުގައި، ކުޑަކުދިން ވީހާ ވެސް ބޮޑަށް ހަކުރާ ދުރުހެލިކުރުމުގެ އަޒުމެއް ގެންގުޅެން އެ ފަރާތްތަކުން ބާރުއަޅަ އެވެ.

މިސާލަކަށް ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އެވެ. ހަކުރު މަދުކުރުމުގެ މުހިއްމުކަން ބުނެދިނުމަކީ އެ ޖަމްއިއްޔާގެ "ހެލްތީ ހާޓް" ޕްރޮގްރާމްގެ ބައެކެވެ.

"ހަކުރުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތައް އެބަ ދިމާވޭ. މިސާލަކަށް ހަކުރުބަލި، ލޭމައްޗަށް ދިޔުން، ކެންސަރު ކަހަލަ ކަންކަން،" ޓައިނީ ހާޓްސްގެ ޗެއާޕާސަން އަދި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އަސީލް ޖަލީލް ވިދާޅުވި އެވެ.

"އެހެންވީމާ ހަކުރާ ދެކޮޅަށް ހަނގުރާމަކުރަން އެބަ ޖެހޭ، ދަރިން ރައްކާތެރިކުރަން ބޭނުމިއްޔާ. އޭގައި މި ކުރަން ޖެހޭ ކަމަކީ ހަކުރު މަދުކުރުމާއި ފައިދާހުރި ކާނާ ކެއުމާއި ހަރަކާތްތެރިކޮށް އުޅުން."

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ދުޅަހެޔޮ ސިއްހަތަކަށް ލިބޭނެ އެންމެ ފަހި ފުރުސަތަކީ ކުޑައިރު ރަނގަޅު ބިންގަލެއް އަޅައިދިނުމެވެ.

"ފަލަވުމުން ރައްކާތެރިވެގެންވާ ދުޅަހެޔޮ އަދި ކާމިޔާބު ދިރިއުޅުމެއް އަޅުގަނޑުމެންގެ ދަރިންނަށް ލިބުމުގެ ފުރުސަތު އެންމެ ރަނގަޅަށް ހޯދައިދިނުމަށްޓަކައި، ކުޑަ އިރު ކެއިންބުއިމުގެ ދުޅަހެޔޮ އާދަތަކެއް ފައްޓައިދިނުން ވަރަށް މުހިއްމު،" ކުޑަކުދިންގެ ޑޮކްޓަރު ޒުމްރާ ލަތީފް ފާހަގަކުރެއްވި އެވެ.

"ދުޅަހެޔޮ ލައިފްސްޓައިލްއެއް އަޅުގަނޑުމެންގެ ކުދިންނަށް ދަސްކޮށްދެވިއްޖެއްޔާ ފަހުން ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަވާނެ. ކުޑަ އިރު އަލާމާތްތަކެއް ނުފެނުނު ކަމަށް ވިޔަސް މިފަދަ ބަލިތައް ކުޑައިރު ފެށިގެން ގޮސް ބޮޑުވާ ފަހުން ސީރިއަސްވުން އެކަށީގެންވޭ."

"ތައުލީމީ ދާއިރާގެ ހަރަކާތްތައް އަންހެލްތީ ނުވަތަ ޝުގަރީ ބުއިންތަކުން ސްޕޮންސަކުރީމާ ބެލެނިވެރިންނަށް އެބަ ހީވޭ އޭގެ މަނާއަކީ އެ އެއްޗެހި ބުއިމަކީ ރަނގަޅު ކަމެކޭ. އެހެންވީމާ ބެލެނިވެރިންނަށް އެ ދެވެނީ ވަރަށް ނުބައި މެސެޖެއް."

ބަރުދަން އިތުރުވުމާއި ފަލަވުމުގެ މައްސަލަ ބޮޑެތި މީހުންގެ މެދުގައި ސީރިއަސް ހިސާބެއްގައި އޮތް އިރު، ކުޑަކުދިންގެ ތެރޭގައި ވެސް އެކަން ވަނީ ކަންބޮޑުވާ ދަރަޖައަކަށް ގޮސްފަ އެވެ. އޭގެ ހެކި ޑޮކްޓަރުންނަށް ގާތުން ފެނެ އެވެ.

"މިހާރު 14-16 އަހަރުގެ ކުދިން ދައްކަން އައިމަ ބީޕީ ޗެކްކޮށްލާ އިރު ބީޕީ މަތި. ދެން ފަސް ފޫޓު ކިރިޔާ ހަމަނުވާ އިސްކޮޅުގެ ކުދިންގެ ބަރުދަން އެބަ ހުރޭ 60-65 ކިލޯގައި. ގިނަ ފަހަރު މިފަދަ ކުދިން މީހުންގެ ތެރެއަށް ނުކުމެ ވަރަށް ނޫޅޭ. އަނެއްކާ އެ މީހުން ކުޅިވަރެއްގައި އުޅުނަސް ވަރަށް ޕްރޮގްރާމްޑް ގޮތަކަށް އުޅޭނީ، ލައިފްސްޓައިލްއެއްގެ ގޮތަކު ނޫން،" ޑރ. އަސީލް ވިދާޅުވި އެވެ.

ނަތީޖާއަކީ ބަރުދަން އިތުރުވުމާ ގުޅިފައިވާ އެކި ކަހަލަ މައްސަލަތަކެވެ. ތަޖުރިބާ އިން ޑރ. އަސީލް ކަންބޮޑުވުން ފާޅުކުރެއްވީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމްއާ މެދުގަ އެވެ.

"މިހާރު ބައެއް ކުދިން ޕިއުބަޓީ އަށް އެބަ ދޭ 9-11 އަހަރުގައި. އެ ކަހަލަ ބައެއް ކުދިންނަށް މި ދިމާވާ ގޮތަކީ އޮބީސިޓީއާ އެކީގައި ޕީރިއަޑް އިރެގިއުލާވެފައި، ޕޮލިސިސްޓިކް އޯވަރީސް ފޯމްވަނީ. އެ ގޮތަށް ދިމާވަނީ، ފެޓް ޓިޝޫ ގިނަވުމުގެ ސަބަބުން ހޯމް އިމްބެލެންސެއް އަންނާތީ. އޯވަރީސް ޕޮލިސިސްޓިކް ވުމުގެ މާނައަކީ، ކުދިކުދި ސިސްޓްތަކެއް އުފެދި އޯވަރީގެ މާހައުލު މުޅިން ބަދަލުކޮށްލަނީ. އެހެންވީމާ ހޯމޯންސް އުފައްދަނީ ނޯމަލްކޮށެއް ނޫން. އަދި ޕީރިއަޑް ވުމުގެ ތަރުތީބު ގެއްލި މައްސަލަތައް ދިމާވަނީ. މިއީ ކުރިމަގުގައި ދަރިން ނުލިބުމަށް ވެސް މެދުވެރިކުރުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

"ޕޮލިސިސްޓިކް ވީމާ، ތުނބުޅި މަތިމަސް ގޮތަށް މޫނުމަތީގައި އިސްތަށިފެޅުމާއި ކަރުދޮށް ކަޅުވުމާއި އޮށާޅަނެގުން ވެސް އެބަ ދިމާވޭ. އަދި ޕޮލިސިސްޓިކް ވެފައި އޮބީސް ވީމާ ގައިން ނުބައި ވަސް ދުވަން ވެސް ދިމާވޭ. މިއީ ކުދިންނަށް ބުލީން ކަހަލަ މައްސަލަތައް ވެސް ދިމާވާ އަދި އެހެން ކުދިންގެ ތެރޭގައި އުޅެން ޖެހިލުންވާ ކަހަލަ ކަމެއް."

އެކަމަކު މައްސަލައަކީ ބަރުދަން އިތުރުވުން އެކަންޏެއް ނޫނެވެ. ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީނިން އިން އެނގޭ ގޮތުގައި ވަރަށް ގިނަ ކުދިންގެ ބަރުދަން ގޯހީ ބަރުދަން މަތިވުމާއި ދަށްވުމުގެ މައްސަލަ ވެސް ހިމެނޭ ގޮތަށެވެ. އެގޮތުން، 2016 ވަނަ އަހަރުގެ ސްކްރީނިން ދެއްކި ގޮތުގައި، ދިރާސާގައި ބައިވެރިވި 24 ޕަސެންޓް ކުދިންގެ ބަރުދަން މާ މަތި އިރު 14 ޕަސެންޓް ކުދިންގެ ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ ދަށެވެ.

ޑރ. އަރޫނާ ވިދާޅުވާ ގޮތުގައި އެ ދެ މައްސަލަ ވެސް ހަކުރާ ގުޅެ އެވެ.

"ކެއިންބުއިމުގައި ހަކުރު ގިނަވުމާއި ހަކުރު އެޅި ބުއިންތައް ބޭނުންކުރުމަކީ ބަރުދަން މަތިވުމަށާއި ލުއިވުމަށް ވެސް މަގުފަހިވާ ކަމެއް،" އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި މާ ގިނައިން ފޮނި އެއްޗެއްސާއި ހަކުރު އެޅި ޑްރިންކްސް ބޯ ބައެއް ކުދިން، ކާ ގަޑީގައި ކާލެއް މަދު. އަދި އެފަދަ ކުދިން ހަރަކާތްތެރިކޮށް އުޅެންޏާ ހަށިގަނޑަށް ހަކަތަ ނަގާލެއް ވަރަށް އަވަސްވެ، ބަރުދަން ދަށަށް ދޭ. އެހެން ބައެއް ކުދިން ގިނައިން ހަކުރު ބޭނުންކުރީމަ ބަރުދަން އިތުރުވެ، މާ ބޮޑަށް މައްޗަށް ގޮސް އޮބީސްވޭ."

ހަރަކާތްތަކުގެ ސްޕޮންސަރުން - "ނުބައި މެސެޖެއް"

ސިއްހަތަށް ގެއްލުންހުރި އަދި ހަކުރު ގިނަ ބުއިންތަކާ ދުރުވާން ކުދިންނަށް ފަސޭހަވާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ އެއްޗެހި ވަނީ އެ މީހުންގެ ސްކޫލް ހަޔާތާ ގުޅިލާމެހިފަ އެވެ. ދަރިވަރުން ބައިވެރިވާ ކުޅިވަރު މުބާރާތްތަކާއި ހެލިފެލިވެއުޅުން ޕްރޮމޯޓްކުރާ ހަރަކާތްތައް ސްޕޮންސަކުރަނީ އެ ބުއިންތަކެވެ.

"ތައުލީމީ ދާއިރާގެ ހަރަކާތްތައް އަންހެލްތީ ނުވަތަ ޝުގަރީ ބުއިންތަކުން ސްޕޮންސަކުރީމާ ބެލެނިވެރިންނަށް އެބަ ހީވޭ އޭގެ މަނާއަކީ އެ އެއްޗެހި ބުއިމަކީ ރަނގަޅު ކަމެކޭ. އެހެންވީމާ ބެލެނިވެރިންނަށް އެ ދެވެނީ ވަރަށް ނުބައި މެސެޖެއް،" އެޑްވޮކެޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)ގެ މެނޭޖިން ޑިރެކްޓަރު މުރުތަލާ މޫސާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޑރ. އަރޫނާ ފާހަގަކުރައްވާ ގޮތުގައި ޕެކެޓްކޮށްފައި ހުންނަ ގިނަ ބުއިންތަކުގައި 5-6 ސަމުސަލަށް ވުރެ ގިނައިން ހަކުރު އެކުލެވެ އެވެ.

އާކް އަށް ފާހަގަކުރެވޭ އަނެއް ކަމަކީ ސްކޫލާ ގުޅުންހުރި ކަންކަމަށް ފައިސާ ހޯދަން ބެލެނިވެރިން ހިންގާ ހަރަކާތްތަކުގައި ވިއްކާ ކާބޯތަކެތީގައި ވެސް އެކައްޗެއް އާއްމު ކަމެވެ؛ ހަކުރެވެ.

"އެފަދަ ފަންޑް ރެއިޒިން އިވެންޓްތަކުގައި ވިއްކެނީ އެންމެ ރަނގަޅު އެއްޗެއްސެއް ނޫން. ކަޕްކޭކް، ޑޯނަޓް ކަހަލަ އެއްޗެހި ވިއްކުން ވަރަށް އާއްމު. އެއީ ވެސް ވަރަށް ސީރިއަސް އިޝޫއެއް،" މުރުތަލާ ވިދާޅުވި އެވެ.

އަޅަންވީ އެއް ފިޔަވަޅު: ޓެކްސް ބޮޑުކުރުން

ޑރ. އަރޫނާ އިންޒާރުދެއްވާ ގޮތުގައި މާ ގިނައިން ހަކުރު ބޭނުންކުރުމުގެ ގެއްލުންތައް ކުރިމަތިވާނީ ދިގުމުއްދަތުން އެކަންޏެއް ނޫނެވެ؛ ވަގުތުން ވެސް މެ އެވެ.

"ހަކުރު މަތިވުމަށް ފަހު ކުއްލިއަކަށް މާ ބޮޑަށް ދަށްވުމުން ލޮޑުވުން، ނިދުން، ވަރުބަލިވުން ފަދަ މައްސަލަތައް ވެސް ދިމާވޭ. މިއީ ހުރިހާ އުމުރުފުރައެއްގެ އެންމެންނަށް ވެސް ދިމާވާ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

"ލޭގައި ހަކުރު ނުވަތަ ގްލޫކޯޒްގެ މިންވަރު ކުއްލިއަކަށް މަތިވެ، އޭގެ ފަހުން ކުއްލިއަކަށް އަދި މާ އަވަހަށް ދަށްވެގެންދާނެ. ގްލޫކޯޒް މަތިވާ ކުޑަ ވަގުތުކޮޅުގައި ވެސް ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް ގެއްލުން ލިބޭނެ."

މިއީ ހަކުރުބަލި ހުންނަ މީހުންނަށް އަމުދުން ނުރައްކާތެރި ކަމެއްކަން ޑރ. އަރޫނާ ފާހަގަކުރައްވަ އެވެ.

ހަކުރާ ގުޅިފައިވާ ސިއްހީ އެތައް މައްސަލައެއްގެ ދެއްވަމުން އޭނާ ގޮވައިލައްވަނީ ހަކުރާއި ހަކުރު ގިނަ ބުއިންތަކުން ޓެކްސް ބޮޑުކުރުމަށެވެ. ޑރ. އަރޫނާ ވިދާޅުވާ ގޮތުގައި އެއީ ހަކުރު ބޭނުންކުރުން މަދުކުރަން ކާމިޔާބު ފިޔަވަޅެއްކަން އެކަން ތަންފީޒުކޮށްފައިވާ ގައުމުތަކުގެ ތަޖުރިބާ އިން ހެކިދެ އެވެ. ހަކުރު ގިނަ ބާވަތްތަކުގެ ތެރެއިން އެނަޖީ ޑްރިންކްތަކަށް މިހާރު ވެސް 50 ޕަސެންޓްގެ ޓެކުހެއް ނަގަ އެވެ. އެކަމަކު ޗައިނާއާ އެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން، ޓެކުހެއް ދައްކަން ނުޖެހި، ސިއްހަތަށް ގެއްލުން ހުރި ބުއިންތަކާއި އެ ނޫން ވެސް ބާވަތްތައް އެތެރެވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

"އެހެން ގައުމުތަކާ އެކު ފްރީ ޓްރޭޑް އެއްބަސްވުންތައް ހަދާ އިރު ސަރުކާރުތަކުން އާއްމުންގެ ސިއްހަތު އިސްކޮށް، ސިއްހަތަށް ގެއްލުން ހުރި އެއްޗެހި އިސްތިސްނާކުރަން އެބަ ޖެހޭ. މިސާލަކަށް އެނަޖީ ޑްރިންކް، ހަކުރު ގިނަ ޑްރިންކްސް، ދުންފަތް އަދި ފޯއް ފަދަ ބާވަތްތައް،" ޑރ. އަރޫނާ ވިދާޅުވި އެވެ.

މައިންބަފައިން ހިތްވަރެއް ލާންވީ

ޑރ. އަސީލް ގަބޫލުކުރައްވާ ގޮތުގައި ކުދިން ހަކުރާ ދުރުކުރަން އެންމެ ބޮޑު ބާރެއް ލެވެން އޮތީ މައިންބަފައިންނަށެވެ.

"ޕަބްލިކް ހެލްތު ނަޒަރުން ވިސްނާ އިރު ފާސްޓް ފުޑް، ހަކުރު އެޅި ބުއިންތައް ވަރަށް ބޮޑަށް ޕްރޮމޯޓްކުރެވެމުން ދަނީ. އެކަމަކު އެކަން ބަދަލުކުރަން އެހާ ފަސޭހައެއް ނޫން. އެހެންވީމާ އަމިއްލަ އަށް ކުރާ ކަންކަން ގިނަކުރަން އެބަ ޖެހޭ. އަމިއްލަ ޒިންމާއަކާއި އަމިއްލަ އާއިލާ އަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް ވެސް އޮވޭ،" އޭނާ ވިދާޅުވި އެވެ.

"އެންމެން ވެސް މި ވާހަކަ ދައްކާ. އެކަމަކު ދެމެހެއްޓެނިވި، ހަރުދަނާ ބާރެއް މި ކަމަކަށް ނުލެވޭ. ކޮންމެ މީހަކު ވެސް ގޭގައި މިކަން ކޮށްފިއްޔާ ކޮމިއުނިޓީ ތެރެއަށް ވެސް މި ކަން އަންނާނެ."

ޑރ. ޒުމްރާގެ ނަސޭހަތަކީ ވެސް މައިންބަފައިން އެ މީހުންގެ ދަރިންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވަން މަސައްކަތްކުރުމެވެ. ފައިދާހުރި ކާނާ ކެއުމަށާއި ގަވާއިދުން ކަސްރަތުކުރަން ނުވަތަ ހަރަކާތްތެރިކޮށް އުޅެން ހިތްވަރުދިނުމުގެ މައްޗަށް ކުދިންގެ މުޅި ދިރިއުޅުން ބައްޓަންކުރުމެވެ. އަދި ކެވެނީ ކޯއްޗެއްކަން ރަނގަޅަށް ބަލައި ހަކުރާ މެދު ސަމާލުވުމެވެ.

"ރަނގަޅު ސިއްހަތަކަށް އަޅަން އެންމެ ރަނގަޅު އެއް ފިޔަވަޅަކީ ކެވެނީ ކޯއްޗެއްކަން ދެނެގަތުން. ކާބޯތަކެތީގެ ބޭރުގައި ލިޔެފައި ހުންނަ އެއްޗެހި ކިޔާ އިރު، ސުކްރޯސް، ފްރުކްޓޯސް، ގްލޫކޯޒް، ކޯން ސިރަޕް، ކޯން ސްވީޓްނާ، މިފަދަ ލަފްޒުތައް ހުރިތޯ ބަލައިލުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

"ތާޒާ މޭވާ އާއި ތަރުކާރީ އާއި ކިރުން ހަކުރު ލިބިގަންނަންވީ. އަދި އޭގެ އިތުރުން ހަކުރު ބޭނުންކުރެވެނީ ކިހާ ވަރަކަށްތޯ ސަމާލުވާންވީ."

ޑރ. އަސީލްގެ ނަޒަރުގައި "މިހާރުއްސުރެ މި ވާހަކަ ދައްކާ، މިއީ ޑެއިލީ ކަމަކަށް ވާން އެބަ ޖެހެ" އެވެ. އޭގެ މާނައަކީ ކެއިންބުއިމުގެ ކޮންމެ މުނާސަބަތެއްގައި ވެސް ހަކުރާ މެދު ސަމާލުވުމެވެ.

"މިސާލަކަށް ޕާޓީއެއް ބާއްވާ އިރު ލިމިޓެއްގެ ތެރޭގައި އެކަން ކުރުން. ހަޑިގަނޑަށް ފައިދާ ހުރި އެއްޗެހި ވެސް ހިމެނޭ ގޮތަށް ކެއުމުގެ ބާވަތްތައް ބެހެއްޓިދާނެ،" އޭނާ ވިދާޅުވި އެވެ. "ވިސްނާލަން އެބަ ޖެހޭ، ކޮންމެ ދުވަހަކު ނުވަތަ ކޮންމެ ހަފްތާއަކު ދަރިފުޅަށް ކިހާ ވަރަކަށް ހަކުރުގެ ބާވަތްތައް އެބަ ދެވޭތޯ. ޕާޓީއަކަށް ދާން އޮތިއްޔާ، ގޭގައި އެ ދުވަހު ނުދޭންވީ ކޮން އެއްޗެއްތޯ. މި ކަހަލަ ކަންކަން ކޮށްލުމުގެ ރޫހު ނާންނަންޏާ ކުދިންނަށް މި ދެވެނީ ވަރަށް ބޮޑު ގެއްލުމެއް."