ރާއްޖޭގެ އާބާދީ އަށް ބަލާއިރު 80 ޕަސެންޓް ޒުވާނުން ބޭންކް އެކައުންޓް ގެންގުޅޭކަން ވޯލްޑް ބޭންކުން ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.
ވޯލްޑް ބޭންކުން ހެދި މިދިޔަ އަހަރުގެ "ފައިނޭންޝަލް އިންކްލޫޝަން އިން ދަ މޯލްޑިވްސް (ފިންޑެކްސް) ދައްކާގޮތުގައި ދެކުނު އޭޝިއާގެ ދެވަނަ އަށް އެންމެ ގިނަ ޒުވާނުން ބޭންކް އެކައުންޓް ގެންގުޅޭ ގައުމަކީ ދިވެހިރާއްޖެ އެވެ. އެންމެ ގިނަ ޒުވާނުން ބޭންކް އެކައުންޓް ގެންގުޅެނީ މި ސަރަހައްދުން އިންޑިއާގަ އެވެ. އެކަމަކު އެއީ ނިސްބަތުން ރާއްޖެއާ ވަރަށް ކުޑަ ފަރަގަކުންނެވެ.
މި ސާވޭ ދައްކާގޮތުގައި ބޭންކް އެކައުންޓް ގެންގުޅޭ ޒުވާނުންގެ ތެރެއިން އެންމެ ގިނައީ ފިރިހެނުންނެވެ. އެއީ 85 ޕަސެންޓެވެ. އެކައުންޓް ގެންގުޅޭ އަންހެނުންގެ ނިސްބަތް އުޅެނީ 75 ޕަސެންޓުގަ އެވެ. މިއީ ޕާކިސްތާނާއި، އަފްޣާނިސްތާން އަދި ބަނގްލަދޭޝްއާ އަޅާބަލާއިރު ޖިންސުގެ ހަމަހަމަ ކަމުގައި ރަނގަޅު މިންވަރެއް ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފަ އެވެ.
ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖޭގެ ޒުވާނުން ބޭންކް އެކައުންޓް ގެންގުޅޭ އަދަދު ގިނައީ އާމްދަނީގެ ހަމަހަމަ ކަމުގެ ސަބަބުންނެވެ. ދެކުނު އޭޝިއާގައި ޒުވާނުން އެންމެ ގިނައިން ބޭންކް އެކައުންޓް ގެންގުޅެނީ އިންޑިއާގައި ކަމަށް ވިޔަސް ބޭނުން ނުކުރާ އެކައުންޓްތައް އިންޑިއާގައި ގިނަކަން ފާހަގަކޮށްފައިވެ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު ރާއްޖެ އަކީ އެންމެ ގިނަ ޒުވާނުން ފޯނުގެ ޒަރީއާ އިން ފައިސާގެ މުއާމަލާތް ކުރާ ގައުމެވެ. އެގޮތުން ރާއްޖެގޭ 23 ޕަސެންޓް ޒުވާނުން އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް ބޭންކިން ބޭނުންކުރެ އެވެ.
ބޭންކު އެކައުންޓްތައް ގެންގުޅޭ މީހުން ގައުމެއްގައި ގިނަވުމަކީ އެ ގައުމުގެ އިގްތިސާދުގެ ތެރޭގައި ފައިސާ ދައުރުވާކަން ހާމަކޮށްދޭ ކަމެކެވެ. މިގޮތަށް ފައިސާ ދައުރުވާ ނަމަ އިގްތިސާދު މުއްސަނދިވެ ފައިސާގެ އަގު ހިފެހެއްޓެ އެވެ.