ކުއާލަ ލަމްޕޫރު (ޖުލައި 28) - ކޮރޯނާވައިރަހުގެ ހާލަތު ގޯސްވެފައިވާ ކަމަށް ބުނެ މެލޭޝިއާގެ ޕާލަމެންޓް ސަސްޕެންޑް ކުރިތާ ހަތް މަސް ފަހުން ހޯމަ ދުވަހު އަލުން ހުޅުވައިފި އެވެ.
މިދިޔަ ޖެނުއަރީ މަހު ސްޓޭޓް އޮފް އިމަޖެންސީ ހިންގުމަށް ފަހު ޕާލަމެންޓުގެ ބައްދަލުވުންތައް ވެސް ހުއްޓުމަކަށް ގެނަ އެވެ. ނަތީޖާއެއްގެ ގޮތުން އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ބޭފުޅަކީ ބޮޑުވަޒީރު މުހްޔިއްދީން ޔާސީނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ ސްޓޭޓް އޮފް އިމަޖެންސީގެ ބޭނުމަކީ ބޮޑުވަޒީރު މަގާމުގައި އިތުރަށް ދެމިހުންނެވުން ކަމަށާއި ސަރުކާރު ވައްޓާލަފާނެތީ ޕާލަމެންޓް ސަސްޕެންޑްކުރީ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ ޖޫން 1 ވަނަ ދުވަހުން ފެށިގެން މެލޭޝިއާ ލޮކްޑައުން ކުރި ނަމަވެސް ކޮރޯނާވައިރަހުގެ ކޭސްތައް މަދުވަމުން ނުދާކަމުގެ ޝަކުވާކޮށްފަ އެވެ. ލޮކްޑައުން ކުރި ފަހުން ކޮވިޑް ކޭސްތައް ވަނީ 77 ޕަސެންޓް އިތުރުވެފަ އެވެ. މެލޭޝިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މި ހަފުތާގައި ވަނީ އެއް މިލިއަނަށް އަރައިފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 16,117 މީހުން ޕޮޒިޓިވްވެ 207 މީހުން މަރުވެފަ އެވެ. ކޮވިޑްގައި އެ ގައުމުން މިހާތަނަށް ވަނީ 84،00 މީހުން މަރުވެފަ އެވެ.
ޕާލަމެންޓް ހުޅުވުމަށް ފަހު ލޯ މިނިސްޓަރު ތަކިޔުއްދީން ހަސަން ވިދާޅުވީ އޮގަސްޓް 1 އަށް ފަހު އިމަޖެންސީ އިތުރު ނުކުރާނެ ކަމަށެވެ.
ބޮޑުވަޒީރު މުހްޔިއްދީން ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ކޭސްތައް އިތުރުވީ ކަމަށެވެ.