ކޮލަމްބޯ (ޖޫން 15) - ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު ލަންކާގައި "ނަމޫނާ" އިންތިޚާބެއް އިއްޔެ ބާއްވައިފި އެވެ.
މިއީ އޮގަސްޓް 5 ވަނަ ދުވަހު ބާއްވާ އާއްމު އިންތިޚާބުގެ ކުރިން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރައްޔިތުން އަހުލުވެރި ކުރުވުމަށް ބޭއްވި އިންތިޚާބެކެވެ. ނަމޫނާ އިންތިޚާބުގައި ވޯޓުލާފައި ވަނީ އެންމެން މާސްކް އަޅައިގެން، ތިން ފޫޓު ދުރުމިނުގައި ތިބެގެންނެވެ. ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ކޮންމެ މީހަކު ވެސް ގެނެސްފައި ވަނީ އަމިއްލަ ގަލަމާއި ފަންސުރެވެ. އޮފިޝަލުން ތިބީ ޕްލާސްޓިކް ސްކްރީނުން ރައްކާތެރިވެގެން ނުވަތަ ފޭސް ޝީލްޑުގަ އެވެ.
ނަމޫނާ އިންތިޚާބު ބާއްވާފައި ވަނީ އިލެކްޓޯރަލް 22 ޑިސްޓްރިކްޓުގެ ތެރޭން ހަތަރު ޑިސްޓްރިކްޓުގަ އެވެ. ނަމޫނާ އިންތިޚާބު ބޭއްވީ އާ ސިސްޓަމަށް ވޯޓުލާ މީހުން ހޭނުވުމަށާއި ވޯޓުލުމަށް ކިހާ ވަގުތެއް ބޭނުންވޭތޯ ބެލުމަށެވެ.
"ނަމޫނާ އިންތިޚާބުގައި ވޮލަންޓިއަކޮށްގެން ބައިވެރިވި އެންމެން ވެސް ފޭސް މާސްކާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ތިބީތީ ވަރަށް އުފާކުރަން،" އިލެކްޝަން ކޮމިޝަނުގެ ޗެއާމަން މަހިންދާ ޑެޝަޕްރިޔާ ވިދާޅުވި އެވެ.
އިންތިޚާބު ބާއްވަން ކުރިން ކަނޑައެޅި ތާރީޚަށް ވުރެ ތިން މަސް ދުވަސް ފަސްކުރަން ޖެހުނީ ކޮރޯނާވައިރަސް ފެތުރޭތީ މުޅި ގައުމު މާޗް މަހު ލޮކްޑައުން ކުރަންޖެހުމުންނެވެ. ނަމަވެސް ލޮކްޑައުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ލަންކާގައި އެންމެ ފުރަތަމަ އާއްމު އިންތިޚާބު ބޭއްވުމަށް ނިންމީ އެޕްރީލް 25 ގަ އެވެ. ނަމަވެސް އެ ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެތީ ދެން ފަސް ކުރީ ޖޫން 20 އަށެވެ. މި މަހު ވެސް އިންތިޚާބު ބޭއްވިދާނެ ކަމަށް ލަފާ ނުކުރެވޭތީ އާ ތާރީޚެއްގެ ގޮތުގައި ކަނޑައެޅީ އޮގަސްޓް 5 ވަނަ ދުވަހު އެވެ.
ރައީސް ގޯޓާބޭ ރާޖަޕަކްސާ އުއްމީދު ކުރައްވަނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އެމަނިކުފާނުގެ ޕާޓީ އަށް ލިބޭނެ ކަމަށެވެ.
ކޮރޯނާވައިރަހުގެ ކޭސްތައް ވަރަށް ބޮޑަށް މަދުވުމާ އެކު ލަންކާ އިން މިހާރު ނިންމާފައި ވަނީ އަންނަ މަހު ކުރީކޮޅު ސްކޫލްތައް ވެސް ހުޅުވާށެވެ. އަދި އޮގަސްޓް 1 އިން ފެށިގެން ޓޫރިސްޓުން ގެންދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ. ލަންކާ އިން މިހާތަނަށް ވަނީ 1,889 މީހުން ޕޮޒިޓިވްވެ 11 މީހުން މަރުވެފަ އެވެ.