ރިޔާޒް (އޮގަސްޓް 7) - ސައުދީ އަރަބިއާ އާއި ކެނެޑާއާ ދެމެދު މިހާރު އުފެދިފައިވާ ޑިޕްލޮމެޓިކް މައްސަލަތަކުގައި ސައުދީ އެއާލައިނުގެ ދަތުރުތައް ޓޮރޮންޓޯ އަށް ހުއްޓާލައިފި އެވެ.

ގައުމީ އެއާލައިން ސައުދީއާ އިން ބުނެފައި ވަނީ ޓޮރޮންޓޯ އަށް ދަތުރުތައް ހުއްޓާލަނީ އޮގަސްޓް 13 އިން ފެށިގެން ކަމަށެވެ.

ދެ ގައުމުގެ މެދުގައި މައްސަލަ އުފެދުނީ ސައުދީގައި ހައްޔަރުކޮށްފައިވާ އަންހެން އެކްޓިވިސްޓުން ދޫކޮށްލުމަށް ކެނެޑާ އިން ގޮވާލުމާ ގުޅިގެންނެވެ. ސައުދީން މިހާރު ވަނީ ކެނެޑާ ސަފީރު ފޮނުވާލަން ނިންމައި ވިޔަފާރީގެ ހުރިހާ ގުޅުންތަކެއް ކެނެޑާއާ ކަނޑާލައިފަ އެވެ. އަދި ކެނެޑާގައި ހުރި ސައުދީ ސަފީރު ވެސް ގެންނަން ވަނީ ނިންމައިފަ އެވެ.

ކެނެޑާ އިން ބުނެފައި ވަނީ ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް ސައުދީގައި އިންސާނީ ހައްގުތައް ގާއިމް ކުރުމަށް ބާރު އަޅާނެ ކަމަށެވެ. ކެނެޑާގެ ޚާރިޖީ ވަޒީރު ކްރިސްޓިއާ ފްރީލޭންޑް ވިދާޅުވީ ސަފީރުން ފޮނުވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަމަކު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އިންސާނީ ހައްގުތައް ގާއިމް ކުރުމާއި އަންހެނުންގެ ހައްގުތަކަށް ކެނެޑާ އިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މިނިވަން ކުރަން ކެނެޑާ އިން ގޮވާލި ފަރާތްތަކުގެ ތެރޭގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ސައުދީގެ އެކްޓިވިސްޓް ސަމަރު ބަދަވީ ހިމެނެ އެވެ. އޭނާގެ ބޭބެ ބްލޮގަރެއް ކަމަށްވާ ރައީފް ބަދަހީ ވެސް ހުރީ 10 އަހަރުގެ ހުކުމެއްގައި ޖަލުގަ އެވެ. ރާއިފްގެ އަންހެނުން އިންސާފް ހައިދަރު ދިރިއުޅެނީ ކެނެޑާގަ އެވެ. ދާދި ފަހުން އޭނާ އަށް ވަނީ ކެނެޑާގެ ރަށްވެހިކަން ވެސް ދީފަ އެވެ.

ސައުދީގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތެއް ކަމަށްވާ މަނާލް އަލް ޝަރީފް ވަނީ ކެނެޑާގެ ގޮވާލުމަށް ތާއީދުކޮށްފަ އެވެ.