ވޮޝިންޓަން (މެއި 3) - އެމެރިކާގެ އަސްކަރީ ޖަލު ގުއަންޓަނާމޯ ބޭގައި ބަންދުކޮށްފައި ހުރި ސައުދީ އަރަބިއާގެ ގައިދީއަކު ސައުދީ އަށް ބަދަލުކޮށްފި އެވެ.
ޔަމަނުގެ ބޭރުގައި އޮތް ތެޔޮ ޓޭންކަރެއް 2002 ވަނަ އަހަރު ގޮއްވާލި ކަމަށް 2014 ވަނަ އަހަރު އެއްބަސްވި އަހުމަދު އަލް ދަރުބީ ސައުދީ އަށް ބަދަލުކުރިކަން ޕެންޓަގަނުން އެންގީ އިއްޔެ އެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ގުއަންޓަނާމޯ ބޭ ޖަލުން ނެރުނު ފުރަތަމަ ގައިދީ އެވެ. އެ ޖަލުގައި އަދިވެސް 40 ގައިދީން ބަންދުގައި އެބަތިއްބެވެ. ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ ގުއަންޓަނާމޯ ބޭ ޖަލު ބަންދު ކުރަން ވަރަށް މަސައްކަތް ކުރައްވައިފަ އެވެ.
ދަރުބީ ސައުދީ އަށް ބަދަލު ކުރީ އޭނާ ކުށަށް އިއުތިރާފްވުމުން އޭނާއާ އެކު ގާއިމްކުރި އެއްބަސްވުމެއްގެ ދަށުން ކަމަށް ޕެންޓަގަނުން ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން ދަރުބީ އަށް އެމެރިކާއާ ދެކޮޅަށް ދައުވާއެއް ނުކުރެވޭނެ އެވެ. ދަރުބީ ކުރިން ވަނީ ވޯޓަބޯޑިން ފަދަ ބޮޑެތި ލާއިންސާނީ އަނިޔާތައް ޖަލުގައި އޭނާ އަށް ދީފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާ އަށް ދެން އެ މައްސަލަތަކެއް ނުޖެއްސޭނެ އެވެ.
ޓެރަރިޒަމްގެ ކުށުގައި ދަރުބީ ކުށްވެރިވުމުން އޭނާ 13 އަހަރަށް ޖަލަށްލުމަށް އެމެރިކާގެ އަސްކަަރީ ފަނޑިޔާރުން ހުކުމްކުރީ މިދިޔަ އަހަރު އެވެ. އޭނާގެ ހުކުމުގެ ބާކީ އޮތް ބައި ދެން ތަންފީޒުކުރާނީ ސައުދީގަ އެވެ.
ކިއުބާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގައި ގާއިމްކޮށްފައިވާ ގުއަންޓަނާމޯ ބޭ ޖަލުގައި ދަރުބީ ބަންދުކުރީ އޮގަސްޓް 2002 ގަ އެވެ. ދަރުބީ ވަނީ ޓޭންކަރު ގޮއްވާލަން ރާވާ އަދި ބޮމުގެ ހަމަލާ ދޭން ބޭނުންކުރި ބޯޓުތައް ގަނެދީފަ އެވެ. ފްރާންސްގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރު ޗާޓަރުކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏަކުންނެވެ. ޓޭންކަރަށް ދިން ބޮމުގެ ހަމަލާގައި ފަޅުވެރިއަކު މަރުވެ 12 މީހުން ޒަޚަމްވި އެވެ.