އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރެއް ނެތް ކަމަށް އީރާނުގެ ރައީސް މައްސްއޫދު ޕެޒެޝްކިއަން ވިދާޅުވިތާ ދެތިން ދުވަސް ފަހުން އޭގެ އަނެއްކޮޅަށް އޭނާ ވާހަކަ ދައްކަވައިފި އެވެ. 

"ބައެއް މީހުން ބުނޭ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އެއްވެސް އަސަރެއް ނުކުރެޔޭ؛ އެފަދަ މީހުންނަށް ބުނާނެ އެއްޗެއްވެސް އަޅުގަނޑަކަށް ހަގީގަތުގައި ނޭނގެ،" ހުކުރު ދުވަހުގެ ރޭ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޕެޒެޝްކިއަން ވިދާޅުވިއެވެ.

"އަހަރެމެން މިތިބީ ހަނގުރާމައިގެ ހާލަތެއްގައި، އަދި އަހަރެމެން ޖެހޭނީ ހަނގުރާމައިގެ މި ހާލަތްތައް ގަބޫލުކުރަން."

ހޯމަ ދުވަހު އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ އީރާނުގެ "އިގްތިސާދު ނައްތާލުމުގެ" ރޭވުންތައް ހާމަކުރައްވައި، އެމެރިކާގެ މި ހަރަކާތުގައި ބައިވެރިނުވާ ގައުމުތަކަށް ނުރައްކާތެރި ނަތީޖާތަކަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. މި އާ ފިޔަވަޅުތަކަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އީރާނާ އެކު ވެފައިވާ ބައިނަލްއަގުވާމީ އެއްބަސްވުމުން 2018 ވަނަ އަހަރު ރައީސް ޑޮނަލްޑް ޓްރަންޕް ވަކިވެވަޑައިގަތުމާ ގުޅިގެން އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް އިތުރުކުރި ފިޔަވަޅުތަކެކެވެ.

ޕެޒެޝްކިއަން ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، އެމެރިކާއިން އީރާނުގެ ބަނދަރުތައް ކަނޑުމަގުން ބަންދުކޮށްފައިވާތީ، ފަހަކަށް އައިސް އީރާނުން ބޭރުކުރާ އަދި އެތެރެކުރާ މުދަލުގެ އަދަދު ވަނީ 25 އިން 35 ޕަސެންޓަށް ދަށްވެފަ  އެވެ.

ރައީސް ވިދާޅުވީ ވިޔަފާރި ދަށްވުމާ ގުޅިގެން އީރާނުގައި ތެލުގެ އަގު ބޮޑުކުރަންޖެހޭ ކަމަށެވެ.

"އަހަރެމެން ޖެހޭނީ ތިންވަނަ ލެވެލްގެ ކޯޓާގެ އަގު ބޮޑުކުރަން... މިސާލަކަށް 5،000 ތޯމަން އިން 10،000 ތޯމަން އަށް،" އޭނާ ވިދާޅުވި އެވެ.

އެ ކޯޓާއަކީ އީރާނުގެ ކަސްޓަމަރުންގެ އަތުން ތެލަށް އަގު ނަގާނެ މިންވަރު ކަނޑައަޅާ ބާވަތްތަކުގެ ތެރެއިން އެއް ކަންތަކެވެ. މުޅި ދުނިޔޭގައި އެންމެ އަގުހެޔޮކޮށް ތެޔޮ ލިބޭ އަދި ތެޔޮ އުފައްދާ ބޮޑު ގައުމެއްގެ ގޮތުގައި އޮތް އީރާނުން ތެލަށް ބޮޑު ސަބްސިޑީއެއް ދެމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެހެންވެ ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނައުމަކީ ސިޔާސީގޮތުން ނާޒުކު ކަމެކެވެ.

ނައިބު ރައީސް މުހައްމަދު ޖައުފަރު ގާއިމްޕަނާ ބުދަ ދުވަހު ވިދާޅުވީ އެމެރިކާއިން ކަނޑުމަގުން ބަންދުކުރުމުގެ ސަބަބުން، ގައުމަށް ބޭނުންވާ ވަރަށް ތެޔޮ އެތެރެކުރުމަށް ހުރަސްއެޅި، އެތެރޭގައި ތެޔޮ އުފައްދާ މިންވަރު މަދުވެފައިވާ ކަމަށެވެ. ނަމަވެސް، އެ ދުވަހު ޕެޒެޝްކިއަން ވިދާޅުވީ އެމެރިކާގެ ފަހުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން "އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެ" ކަމަށެވެ. "މިހާތަނަށްވެސް ކަންތައް ކުރި ފަދައިން އަދި ކުރިއަށް އޮތް ތަނުގައި ވެސް އަހަރެމެން އިގްތިސާދީ ފިއްތުންތަކާ ދެކޮޅަށް ސާބިތުކަމާ އެކު ތިބޭނަން،" ދައުލަތުގެ މީޑިއާއަށް ޕެޒެޝްކިއަން އޭރު ވިދާޅުވި އެވެ. -- އޭއެފްޕީ