މެދުއިރުމައްޗަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ، އެމެރިކާ-އީރާން ހަނގުރާމައަށް މިއަދު ހަ މަސް ފުރުނުއިރު، އީރާން އަދިވެސް އޮތީ މަޝްވަރާއިން ހައްލު ހޯދަން ތައްޔާރަށް ކަމަށާއި އެކަމަކު  އޭގެ ކުރިން އެމެެރިކާއިން އީރާނަށް ފިއްތުންތައް ކުރިމަތިކުރުން ހުއްޓާލަންޖެހޭނެ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

"ސުލްހައިގެ ވާހަކަތައް އަލުން ފެށުމަކީ ނުކުރެވޭނެ ކަމެއް ނޫން. އެކަން ގުޅިފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ފިއްތުންތައް ކުރިމަތިކުރުމަކީ އޭގެ ނަތީޖާ ނުކުންނާނެ ކަމެއް ނޫންކަން އެމެރިކާއަށް ވިސްނުމުގެ މައްޗަށް،" އީރާނުގެ ފޮރިން މިނިސްޓަރު އަައްބާސް އަރާގްޗީ ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ފެބްރުއަރީ މަހުގެ 28 ގައި އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައަށް ނިމުމެއް ގެނައުމަށް، ޕާކިސްތާނާއި ގަތަރު ހިމެނޭ ގޮތަށް މެދުވެރިން އިސްނަގައިގެން ކުރިއަށްގެންދާ ޑިޕްލޮމެޓިކް މަސައްކަތްތަށް އެތައް މަހެއް ވެއްޖެ އެވެ. ނަމަވެސް އެކަމުން އަދި އެދެވޭ ނަތީޖާއެއް ނުނިކުމެ އެވެ.

އޭޕްރީލް މަހު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށްޓަކައި ޖޫން މަހު އެމްއޯޔޫއެއްގައި ސޮއިކުރި ނަމަވެސް، އެކަމާ ގުޅޭ ފައިނަލް އެއްބަސްވުމަކަށް ނާދެވުނެވެ. އަދި އޭގެ ފަހުން އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" އިއުލާންކޮށްފަ އެވެ.

ޑިޕްލޮމެޓިކް މަސައްކަތްތައް އަލުން ފެށުމަށް ކުރާ އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރެއިން، އަރާގްޗީ ވަނީ ބުރާސްފަތި ދުވަހު އީރާނުގެ އަގުރަސްމަލްގައި ގަތަރުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ހަނގުރާމަ ފެށުމާ އެކު އީރާނުން ބަންދުކުރި ހޮރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. މިއީ އީރާނުން އުމާން އަދި ޕާކިސްތާނާ އެކު ކުރިއަށްގެންދިޔަ މުހިންމު މަޝްވަރާތަކަށް ފަހު ބޭއްވި ބައްދަލުވުމެކެވެ.

އީރާނަށް ބޭނުންވާ ތެޔޮ އުފެއްދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ނޭވީން އީރާނުގެ ބަނދަރުތައް ހިސާރުކުރުމުގެ ސަބަބުން އީރާނަށް ޕެޓްރޯލް ލިބުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. މިއީ އެމެރިކާއިން އީރާނަށް ފިއްތުންތައް އިތުރުކުރުމުގެ ގޮތުން "އިގްތިސާދީ ޑީ-ޑޭ" އިއުލާންކުރުމާ ގުޅިގެން ކުރިމަތިވި ކަމެކެވެ.

އޭޕްރީލް މަހު ހަމަލާތައް ހުއްޓާލުމުން، ވަރުގަދަ ހަަމަލާތައް ހުއްޓުނަސް، ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ދޭ ހަމަލާތަކުގެ ސަބަބުން، ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެކަމުގެ އުންމީދު ވަނީ ކުޑަވެފަ އެވެ.

އިތުބާރު އުފެއްދުން

އީރާނުން ދަނީ ހޯރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލާ ގުޅޭގޮތުން އުމާނާ އެކު މަޝްވަރާތައް ކުރަމުންނެވެ. އެ ކަނޑުއޮޅީގެ އަނެއް ބައި އޮންނަނީ އުމާންގެ ސަރަހައްދީ ކަނޑުގެ ތެރޭގަ އެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ، ޖޫން މަހުގެ އެމްއޯޔޫގެ ދަށުން އެމެރިކާއިން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، ހިސާރުކުރުން ނިމުމަކަށް ގެނެސް ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް ހޮރްމޫޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށެވެ.

"އެމެރިކާއިން ޖެހޭނީ އިތުބާރު އުފައްދައި، އިހުތިރާމާ އެކު ވާހަކަދައްކައި، އަޅުގަނޑުމެންގެ ހައްގުތައް ގަބޫލުކޮށް، ވެފައިވާ އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތަން،" އަރާގްޗީ ވިދާޅުވި އެވެ.

އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އިސްމާއިލް ކައުސަރީ ހުކުރު ދުވަހު ދައުލަތުގެ ޓީވީއަށް ތަކުރާރުކޮށް ވިދާޅުވީ، އެމްއޯޔޫއަށް އަމަލުނުކޮށް، އެމެރިކާއިން އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ނުހިތައިފި ނަމަ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ އިތުރުން، އީރާނުގެ ހަމަލާތަކަށް އެމެރިކާ ތައްޔާރުވާންޖެހޭނެ ކަމަށެވެ. އަދި އެންމެ ދުރު ސަރަހައްދުތަކުން ވެސް އެމެރިކާއަށް ހަމަލާދޭނެ ކަމަށް އިންޒާރު ދެއްވި އެވެ.

އެމެރިކާގެ މިހާރުގެ އަމާޒަކީ އީރާނުގެ އިގްތިސާދު އިނދަޖައްސާލުން ކަމަށްވާއިރު، އީރާނުން ވަނީ ބައިނަލްއަގުވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އެތައް އަހަރެއް ހޭދަކޮށްފަ އެވެ. އެހެންވެ، އެމެރިކާއަށް އިތުރަށް ކެތްކުރެވޭނީ ކިހާވަރަކަށްތޯ މަޝްވަރާކުރާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ދިރާސާކުރާ މީހުން ބުނާގޮތުގައި އީރާން އެކަހެރިކުރުމަށް އެމެރިކާއިން ގެންގުޅޭ ރޭވުން ކާމިޔާބުވާނީ އީރާނުގެ ވިޔަފާރި ބައިވެރިއެއް ކަމަށްވާ ޗައިނާގެ އެއްބާރުލުން ލިބިގެންނެވެ. ނަމަވެސް ޗައިނާއިން ވަނީ އީރާނާ އެކު އޮތް ގުޅުން ދިފާއުކޮށް، އެ ގައުމުގެ މަސްލަހަތު ހިމާޔަތްކުރާނެ ކަމަށް ބުނެފަ އެވެ. ހޮރްމޫޒް ކަނޑުއޮޅިއަށް ބަރޯސާނުވެ، އެއްގަމު މަގުން އީރާނުގެ ސާފުނުކުރާ ތެޔޮ ގަތުމުގެ ފުރުސަތު ޗައިނާއަށް އަދިވެސް އެބައޮތެވެ. މިއީ އީރާނަށް އާމްދަނީ ލިބޭ މުހިންމު ވަސީލަތެކެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އެމެރިކާއަށް ކުރައްވާނެ ކަމަށް ބެލެވޭ ސެޕްޓެމްބަރު މަހުގެ ދަަތުރުގެ ކުރިން، އީރާނާ އެކު ވިޔަފާރިކުރާ ޗައިނާގެ ބޭންކުތަކަށް އެމެރިކާއިން ފިޔަވަޅު އަޅާނެތޯ ސުވާލުކުރުމުން، އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ "އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އަތް ނުފޯރާނެ އެއްވެސް ތަނެއް ނޯންނާނެ" ކަމަށެވެ. -- އޭއެފްޕީ