އެމެރިކާގައި ހަރަކާތްތެރިވާ، އިޒްރޭލަށް ތާއީދު ހޯދަން މަސައްކަތްކުރާ އެންމެ ނުފޫޒުގަދަ ލޮބީ ގްރޫޕުން މި އަހަރުގެ މިޑްޓާމް އިންތިހާބާ ދިމާކޮށް ރެކޯޑް އަދަދަކަށް ދަނީ ހޭދަކުރަމުންނެވެ. ނަމަވެސް، ކުރިން ސިޔާސީ ގޮތުން ބޮޑު ބާރަކަށް ވެފައި އޮތް އެ ޖަމާއަތުގެ ތާއީދަކީ، މިހާރު ސިޔާސީ ވާދަވެރިންނަށް ލިބިފައިވާ ވަރުގަދަ ހަތިޔާރަކަށް ވަނީ ބަދަލުވެފަ އެވެ.

އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) އިން، އެ ޖަމާއަތުގެ އިންތިހާބީ ހަރަދުތައް ކުރާ މައިގަނޑު ވަސީލަތް ކަމަށްވާ "ޔުނައިޓެޑް ޑިމޮކްރަސީ ޕްރޮޖެކްޓް" (ޔޫޑީޕީ) މެދުވެރިކޮށް، މުޅި އެމެރިކާގެ އިންތިހާބުތަކަށް އެތައް މިލިއަން ޑޮލަރެއް ވަނީ ހޭދަކޮށްފަ އެވެ.

ކެމްޕޭން ފައިނޭންސް މޮނިޓަކުރާ "އޯޕަންސީކްރެޓްސް" އިން ބުނާ ގޮތުގައި، ކެންޑިޑޭޓުންނާ ވަކިން މިނިވަންކަމާ އެކު ހަރަކާތްތެރިވާ ނަމަ، އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށްޓަކައި ހައްދެއް ނެތް މިންވަރަށް ފައިސާ ހަރަދުކުރުމުގެ ހުއްދަ އޮންނަ، "ސުޕަ ޕެކް" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ގްރޫޕުން ވަނީ ކޮންގްރެސްގެ އިންތިހާބުތަކަށް 54 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.

އޯޕަންސީކްރެޓްސް އިން ބުނި ގޮތުގައި މިއީ މި އިންތިހާބީ ދައުރުގައި ބޭރުގެ ވަކި ފަރާތަކުން ކުރި އެންމެ ބޮޑު ހަރަދެވެ. އަދި އިޒްރޭލަށް ތާއީދުކުރާ އެހެން ޑޯނަރުންގެ ވިއުގަތަކާ އެކު ޖުމްލަ 71 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، މިއީ ކްރިޕްޓޯކަރަންސީ އިންޑަސްޓްރީއަށް ފަހު ދެވަނައަށް އެންމެ ބޮޑު އަދަދެވެ.

މި އާދަޔާ ހިލާފު މާލީ ބާރުވެރިކަމުން ދައްކުވައިދެނީ ވޮޝިންޓަންގައި އައިޕެކްގެ ނުފޫޒު އަދިވެސް ވަރުގަދަކަމެވެ. ނަމަވެސް، މިއާ އެކު އިޒްރޭލާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތަށާއި، އެމެރިކާގެ އިންތިހާބުތަކުގައި، މުއްސަނދިންގެ މަސްލަހަތު ހިމެނޭ ގްރޫޕްތަކުގެ ދައުރާ މެދު އާންމުންގެ މެދުގައި ދަނީ ދެކޮޅުވެރިކަން އިތުރުވަމުންނެވެ.

އައިޕެކްގެ ހަރަދުތަކުގެ ބޮޑުބައެއް އަމާޒުކޮށްފައިވަނީ ޑިމޮކްރެޓިކް ޕްރައިމަރީތަކަށެވެ. އެގޮތުން، އިޒްރޭލަށް ވަރަށް ބޮޑަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް އެހީތެރިކަން ދިނުމާއި، އެއްވެސް ޝަރުތަކާ ނުލައި އެމެރިކާއިން އިޒްރޭލަށް ދޭ އަސްކަރީ އެހީއަށް ފާޑުކިޔާ ފަރާތްތައް ބަލިކުރުމަށް އެ ޖަމާއަތުން ދަނީ މަސައްކަތްކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް އެދުމުން އައިޕެކް އިން ޖަވާބެއް ނުދިނެވެ. ނަމަވެސް، އެ ޖަމާއަތުގެ ނުފޫޒު ކުޑަވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަމުން އެ ޖަމާއަތުން ބުނެފައިވަނީ، އެ ފަރާތުން ތާއީދުކުރި އެތައް ސަތޭކަ ކެންޑިޑޭޓުންނެއް ޕްރައިމަރީތައް ކާމިޔާބުކޮށްފައިވާ ކަމަށެވެ.

މި އަހަރު އެ ޖަމާއަތުގެ ފައިސާގެ އެހީގައި ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް، ބޮޑެތި ހަރަދުތަކެއް ކޮށްގެން ބައެއް ނާކާމިޔާބީތަ ކާވެސް ވަނީ ކުރިމަތިލާން ޖެހިފައެ ވެ.

ފައިސާއަށް ކުރިމަތިވި ހުރަސްތައް

މިޝިގަންގައި، ކުރީގެ ޕްރޮގްރެސިވް ސިއްހީ އޮފިޝަލް އަބްދުލް އަލް-ސައްޔިދު، ޕާޓީގެ އިސްސަފުގެ ތާއީދު އޮތް ކޮންގްރެސް ވުމަން ހޭލީ ސްޓީވަންސްއާ ވާދަކޮށް ޑިމޮކްރެޓިކް ސެނެޓް ޕްރައިމަރީ ކާމިޔާބުކުރުން ހުއްޓުވުމަށްޓަކައި، އައިޕެކް އަދި އެއާ ގުޅުންހުރި ގްރޫޕްތަކުން ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ޚަރަދުކުރި އެވެ. ނަމަވެސް އެ މަސައްކަތްވީ ނާކާމިޔާބެވެ.

މީގެއިތުރުން ކެލިފޯނިއާ، އިލިނޯއި އަދި ނިއު ޔޯކްގެ ކޮންގްރެސް އިންތިހާބުތަކުގައި ވެސް، ޕްރޮގްރެސިވް ކެންޑިޑޭޓުން ވަނީ އައިޕެކްގެ ފައިސާގެ އެހީ ލިބުނު ކެންޑިޑޭޓުން ބަލިކޮށްފަ އެވެ. އަދި ގިނަ ފަހަރަށް އެ ގްރޫޕުން ކުރާ ހަރަދުތަކަކީ ކެމްޕޭނުގެ މައިގަނޑު ބަހުސަކަށް ވަނީ ހަދައިފަ އެވެ.

އެމެރިކާގެ ފޮރިން ޕޮލިސީ ތިންކް ޓޭންކެއް ކަމަށްވާ ކުއިންސީ އިންސްޓިޓިއުޓްގެ އެލީ ކްލިފްޓަން ވިދާޅުވި ގޮތުގައި، މިޝިގަންގައި އެންމެ ބޮޑު ހަރަދެއް ކުރީ ޔޫޑީޕީންނެވެ. ނަމަވެސް އެ ޖަމާއަތަށް ލިބުނު ބޮޑެތި އެހީތަކުގެ 97 ޕަސެންޓަކީ އެ ސްޓޭޓުން ބޭރުން ލިބިފައިވާ ފައިސާ އެވެ. އަދި އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވަނީ ރިޕަބްލިކަން ބިލިއަނަރުންނެވެ.

"މިއީ ވަކި ޕާޓީއެއްގެ އިމުން ބޭރުގައި ހަރަކާތްތެރިވާ، ހާއްސަ މަސްލަހަތެއް އޮތް ގްރޫޕެއް. އަދި މިކަމުގެ އަސްލު ބޭނުމަކީ ބޭރު ގައުމެއްގެ މަސްލަހަތު ކުރިއެރުވުން،" އޭއެފްޕީއަށް އޭނާ ވިދާޅުވި އެވެ.

މި ގްރޫޕާ މެދު އުފެދިފައިވާ ނުތަނަވަސްކަން މިހާރު ހަމައެކަނި ޑިމޮކްރެޓުންނަކަށް ހާއްސައެއް ނޫނެވެ.

މިޝިގަންގެ ރިޕަބްލިކަން ސެނެޓް ކެންޑިޑޭޓް މައިކް ރޮޖާސްގެ ސަޕޯޓަރުން ދާދިފަހުން ވަނީ، އޭނާގެ ދިފާއުގައި ފާޅުގައި އިސްތިހާރު ނުކުރުމަށް އައިޕެކްގެ ކިބައިން އެދިފައި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެއީ، އަރަބި ނަސްލުގެ އެމެރިކާ މީހުން ގިނަ އެ ސަރަހައްދުގައި އެ ޖަމާއަތުން ފާޅުގައި ބައިވެރިވުމަކީ އަލް-ސައްޔިދަށް ފައިދާ ކުރާނެ ކަމެއް ކަމަށް ބަލައިގެންނެވެ.

ވިސްނުމަށް އަންނަމުންދާ ބަދަލު

މި ނުތަނަވަސްކަމުން ދައްކުވައިދެނީ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އާއި މެދުއިރުމަތީގައި ފުޅާވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އިޒްރޭލާ މެދޔ އެމެރިކާގެ ރައްޔިތުންގެ ވިސްނުމަށް އަންނަމުންދާ ބޮޑު ބަދަލެވެ.

ޖޫން މަހު ކުއިނިޕިއަކް ޔުނިވަސިޓީން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާގެ ވޯޓުލާ އާބާދީގެ 48 ޕަސެންޓް މީހުން ގަބޫލުކުރަނީ އެމެރިކާއިން އިޒްރޭލަށް މާ ބޮޑަށް ތާއީދުކުރާ ކަމަށެވެ. މީގެ ތެރޭގައި ޑިމޮކްރެޓުންގެ 66 ޕަސެންޓް ހިމެނެ އެވެ. މިއީ މި ސާވޭ ހަދަން ފެށި ފަހުން ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި މި އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މި ބަދަލު އެންމެ ސާފުކޮށް ފެންނަން އޮތީ ޑިމޮކްރެޓިކް ވާތުފިޔައިގެ ތެރެއިންނެވެ؛ އެ ފަރާތްތަކުގެ ކެންޑިޑޭޓުން ދަނީ އައިޕެކްއަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މާބޮޑަށް ގުޅިފައިވާ، އަދި އާންމު ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ފައިސާގެ ނުފޫޒު އިސްކުރާ ބައެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ނަމަވެސް، މި ފާޑުކިޔުންތައް މިހާރު ވަނީ ޕޮޕިއުލިސްޓް ކަނާތުފިޔައަށް ވެސް ފެތުރިފަ އެވެ. އެގޮތުން "އެމެރިކާ ފަސްޓް" ފިކުރުގެ ބައެއް ކޮންޒަވޭޓިވް ފަރާތްތަކުން ވަނީ އިޒްރޭލަށް އެމެރިކާއިން ދޭ ތާއީދަށް ފާޑުކިޔައި، ބޭރުގެ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ ވައްދަނީ ޕްރޯ-އިޒްރޭލް ލޮބީ ގްރޫޕްތަކުގެ ސަބަބުން ކަމަށް ބުނަމުންނެވެ.

މިއާ އެކު ވެސް، އައިޕެކްގެ މާލީ ބާރުވެރިކަން ދަނީ އިތުރުވަމުންނެވެ. އޯޕަންސީކްރެޓްސްއިން ބުނާ ގޮތުގައި، އެ ޖަމާއަތުން އެކަނިވެސް ވަނީ ޔޫޑީޕީ އަށް 30 މިލިއަން ޑޮލަރު ދީފަ އެވެ. އަދި އެ ޖަމާއަތުގެ ސިޔާސީ ނުފޫޒު އަދިވެސް ވަރަށް ވަރުގަދަ އެވެ. އެގޮތުން، އެމެރިކާއިން އިޒްރޭލަށް ދޭ އަސްކަރީ އެހީއަށް ކޮންގްރެސްގެ ބޮޑު ތާއީދެއް އަދިވެސް ލިބެ އެވެ.

ނަމަވެސް، ރެކޯޑް އަދަދަކަށް ފައިސާ ހަރަދުކުރުމަކީ ކާމިޔާބީ ކަށަވަރުކޮށްދޭ ކަމެއް ނޫންކަން ޕްރައިމަރީތަކުން ވަނީ ސާބިތުވެފަ އެވެ. އަދި ކުރިން ވަރަށް އަގުހުރި އެއްޗެއްގެ ގޮތުގައި ބެލެވުނު އެ ޖަމާއަތުގެ ތާއީދަކީ، މިހާރު ބައެއް އިންތިހާބުތަކުގައި ކެންޑިޑޭޓުންގެ ވާދަވެރިން އެ ވާހަކަ ނުދައްކާނެ ނަމައޭ ހިތަށްއަރާ ވަރުގެ ކަމަކަށް ވަނީ ވެފަ އެވެ.

"އެ މީހުންގެ އިޝްތިހާރުތަކުގައި އެމެރިކާގެ ފޮރިން ޕޮލިސީތަކާއި އިޒްރޭލުގެ ވާހަކަ އެއްވެސް ވަރަކަށް ނުގެންނަނީ ސީދާ އެ ސަބަބާ ހުރެ،" 'ޓްރެކް އައިޕެކް' އެޑްވޮކެސީ ޕްލެޓްފޯމްގެ ކޯ-ފައުންޑަރު ކޭސީ ކެނެޑީ އޭއެފްޕީއަށް ވިދާޅުވި އެވެ.

"އައިޕެކްއަކީ ނުރުހުން އޮތް ވިހަ ޖަމާއަތެއްކަން އެ ޖަމާއަތަށް ވެސް އެނގޭ. އަދި އެ މީހުން ފައިސާ ހަރަދުކުރާ ވަރަކަށް، ސިޔާސީ އެކި ފިކުރުތަކުގައި ވޯޓުލާ މީހުންގެ މެދުގައި އެ މީހުންނާމެދު އޮތް ނުރުހުން ދާނީ އިތުރުވަމުން."

-- އޭއެފްޕީ