ސްރެބްރެނިކާ ގަތުލުއާމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ ހަނގުރާމައިގެ މުޖުރިމެއްގެ ގޮތުގައި ހުކުމް އިއްވާފައިވާ ބޮސްނިއާގެ ސާބުންގެ ކުރީގެ އަސްކަރީ އިސްވެރިޔާ ރަޓްކޯ މްލާޑިޗް، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހު މަރުވެއްޖެ ކަމަށް އދ. އިން ބުނެފި އެވެ.
މްލާޑިޗް، 84، ދިޔައީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ޔޫރަޕްގައި ހިންގި އެންމެ ނުރައްކާތެރި ލޭއޮހޮރުވުން ކަމަށްވާ ސްރެބްރެނިކާގެ ގަތުލުއާމުގެ އިސްވެރިޔަކަށް ހުރެ ހިންގި ނަސްލު ނައްތާލުމުގެ އަމަލުތަކާއި، ހަނގުރާމައިގެ ޖަރީމާތަކާއި އަދި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ކުށް ސާބިތުވެ ދަ ހޭގްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އޭނާ ޖަލަށް ލީ ފަހުން ފަހުން އެތައް ފަހަރަކު ސްޓްރޯކް ޖެހި ހާލު ގޯސްވުމުން އޭނާ މިނިވަންކުރަން އާއިލާގެ ފަރާތުން ކުރިން އެދުނެވެ. ނަމަވެސް ބައިނަލްއަގުވާމީ ކޯޓުން ނިންމީ ޖަލުގައި ބަހައްޓައިގެން ފަރުވާ ދޭށެވެ.
ކޮމިއުނިޒަމްގެ ނިމުމާ އެކު ކުރީގެ ޔޫގޯސްލާވިއާ ބޭއިންސާފާއި އަނިޔާވެރިކަމުގެ ތެރެއަށް ވެއްޓިގެން ދިޔަ ދުވަސްވަރު، ހަނގުރާމައިގެ ތެރޭގައި ހިންގި ލާއިންސާނީ ގަތުލްތަކުގެ ކުށް އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެން މީޑިއާތަކުން ވަނީ އޭނާއަށް 'ބުޗާ އޮފް ބޮސްނިއާ' ގެ ނަމުން ނަން ދީފައިވެ އެވެ.
މި ހަނގުރާމަ 1992 އިން 1995 އަށް ހިންގި އިރު ގާތްގަނޑަކަށް 100،000 މީހުން މަރުވެ، 2.2 މިލިއަން މީހުން ވަނީ ގެދޮރުގެއްލި ހާލުގައި ޖެހިފަ އެވެ.
މްލާޑިޗަކީ އަނިޔާވެރި ތިން އިސްވެރިންގެ ތެރެއިން އަސްކަރީ ގޮތުން އިސްކޮށް ހުރި މީހާ އެވެ. ސިޔާސީ ގޮތުން މި ކަންކަން ހިންގުމުގައި އިސްކޮށް ތިބީ ކުރީގެ ޔޫގޯސްލާވިއާގެ ރައީސް ސްލޮބޮޑާން މިލޯސެވިޗް އާއި ބޮސްނިއާގެ ސާބުންގެ ކުރީގެ ލީޑަރު ރަޑޯވަން ކަރަޑިޗް އެވެ.
މިލޯސެވިޗް ވެސް ވަނީ އޭނާގެ ޖަރީމާތަކާ ގުޅިގެން ހޭގްގެ ޖަލުގައި ބަންދުކޮށްފައި ވަނިކޮށް ހާޓް އެޓޭކެއް ޖެހިގެން މާޗް 11، 2006 ގައި މަރުވެފަ އެވެ. ކަރަޑިޗްގެ މައްޗަށް ކުށް ސާބިތުވެ އޭނާއަށް އދ.ގެ ޓްރައިބިއުނަލްއަކުން 40 އަހަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް އދ.ގެ އިސްތިއުނާފީ ކޯޓަކުން 2019 ވަނަ އަހަރު ވަނީ އެ ހުކުމް އުމުރު ދުވަހަށް ބަދަލުކޮށްފަ އެވެ. ކަރަޑިޗް ފަހުން ވަނީ އިނގިރޭސި ވިލާތުގެ ޖަލަކަށް ބަދަލުކޮށްފަ އެވެ.
ސްރެބްރެނިކާގެ އަނިޔާލިބުނު ފަރާތްތަކުގެ މައިންގެ ޖަމިއްޔާ (މަދާސް އޮފް ސްރެބްރެނިކާ) ގެ މަންދޫބަކު މްލާޑިޗްގެ މަރާ ގުޅިގެން އޭއެފްޕީއަށް ބުނީ، މްލާޑިޗްގެ ނަން އަބަދުވެސް ރަމްޒުކޮށްދޭނީ "ނަސްލު ނައްތާލުން" ގެ ގޮތުގައި ކަމަށެވެ.
ސްރެބްރެނިކާގައި 1995 ވަނަ އަހަރު 8،000 އަށްވުރެ ގިނަ މުސްލިމް ފިރިހެނުންނާއި ފިރިހެން ކުދިން އެއްވެސް ރަހުމެއްނެތި މަރާލުމުގެ މޭސްތިރިއަކީ މްލާޑިޗެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ހިންގި އެންމެ ބޮޑު ލޭއޮހޮރުވުމެވެ. ބޮސްނިޔާގެ ވެރިރަށް ސަރަޔޭވޯ ތިން އަހަރަށްވުރެ ދިގު މުއްދަތަކަށް ހިސާރުކޮށް، ބޮންއަޅައި، 10،000 އަށްވުރެ ގިނަ އާންމުން މަރާލުމުގެ ޒިންމާ ވެސް މްލާޑިޗް އުފުލަން ޖެހެ އެވެ.
ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ކަނޑައެޅުމުން، އޭނާ ވަނީ 16 އަހަރު ވަންދެން ފިލައިގެން އުޅެފަ އެވެ. އޭނާ ހައްޔަރުކުރީ 2011 ވަނަ އަހަރު ސާބިއާގެ އަވަށެއްގައި ފިލައިގެން އުޅެނިކޮށެވެ.