ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި އިއްޔެ ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާއަށް 24 ގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރު މިހާތަނަށް ވީގޮތެއް ނޭނގޭ މީހުންގެ އަދަދު 1،300 އަށް ވުރެ ގިނަ ކަމަށާއި އޭގެ ތެރޭގައި ގައުމުން ބޭރުގެ 517 މީހަކު ހިމެނޭ ކަމަށް ނޭޕާލްގެ އޮފިޝަލުން ބުނެފި އެވެ.
ނޭޕާލްގެ ޓޫރިޒަމް ބޯޑުން ބުނީ މި ހާދިސާގައި ނޭޕާލާއި ޗައިނާއިން 1,300 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، 180 މީހަކު މަރުވެފައިވާކަން މިހާތަނަށް ކަށަވަރުވެފައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުންދާ ބޭރު މީހުންގެ ތެރޭގައި ހިމެނެނީ:
- އިންޑިއާ: 178 މީހުން
- އެމެރިކާ: 65 މީހުން
- ޔޫކްރޭން: 53 މީހުން
- މެލޭޝިއާ: 51 މީހުން
- އޮސްޓްރޭލިއާ: 35 މީހުން
- ބްރިޓެން: 33 މީހުން
- ކެނެޑާ: 25 މީހުން
- ސިންގަޕޫރު: 9 މީހުން
- ޖަރުމަނު: 8 މީހުން
- ރަޝިއާ: 8 މީހުން
ނޭޕާލްގެ ޓޫރިޒަމް ބޯޑުން ބުނި ގޮތުގައި ހާދިސާ ހިނގި ސަރަހައްދުގައި ތިބި ޓޫރިސްޓުންގެ މައުލޫމާތު ހޯދުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
ނޭޕާލްގެ ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެ ގައުމުން އެކަނިވެސް 823 މީހުން ގެއްލިފައިވާއިރު 177 މީހުން ވަނީ މަރުވެފަ އެވެ.
މި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގަން މެދުވެރިވީ ހިމާލަޔާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ގްލޭޝިއާއެއް (ސްނޯ ފަރުބަދައެއް) ކަނޑައިގެން ގޮސް ވެއްޓުމާ ގުޅިގެންނެވެ.
ނޭޕާލާއި ޓިބެޓްގެ ބޯޑަރު ކައިރީގައިވާ އުސް ފަރުބަދައަކުން ބޮޑު ގްލޭސިއާއެއްގެ ބައެއް ތިރިއަށް ވެއްޓުނު ވަގުތު، އޭގެ ބާރު ގަދަކަމުން، ޖިއޮލޮޖިކަލް ސާވޭތަކުން ފުރަތަމަ ލަފާކުރީ މިއީ 4.4 އާއި 5.2 އާ ދެމެދުގެ ބިންހެލުމެއް ކަމަށެވެ.
ކަނޑައިގެން ދިޔަ ގްލޭސިއާއާ އެކު އެތައް މިލިއަން ޓަނެއްގެ ގަނޑުފެނާއި، ކިސަޑާއި ހިލަތައް ތިރީގައިވާ ވާދީތަކާއި ކޯރުތަކަށް ފައިބައިގެން ދިޔަ އެވެ. އަދި ކުރަމުންދިޔަ މޫސުމީ ވިއްސާރައިގެ ސަބަބުން މި ފެންގަނޑު ފެތުރުމުގެ ބާރު އަވަސްވެ، ފެންގަނޑު ބޮޑުވެގެން ދިޔަ އެވެ. އަދި ވާދީތަކުން ފެންގަނޑު ދެމިގަތީ އާދަޔާ ހިލާފް ބާރަށް އަދި އުސްކޮށެވެ.
ފެންގަނޑު ފެތުރިގެން ދިޔަ މަގުމަތީ ހުރި އިމާރާތްތައް ވަނީ ކިސަޑާއި ކުނިބުނީގެ ތެރޭގައި ވަޅުލެވިފަ އެވެ.