އިންޑޮނީޝިއާގެ އިރުމަތީގައި އޮންނަ ރަށެއް ކަމަށްވާ ފްލޯރެސް ކައިރިއަށް މީގެ އިރުކޮޅެއް ކުރިން 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. 

ނަމަވެސް އިންޒާރު ދިންތާ އިރުކޮޅެއް ފަހުން މިހާރު ވަނީ ސުނާމީގެ ބިރެއް ނެތް ކަމަށް ކަނޑައަޅައި އިންޒާރު ކެންސަލްކޮށްފަ އެވެ. 

މި ބިންހެލުމާ ގުޅިގެން، ރާއްޖޭގެ މެޓް އޮފީހުން އާންމުކުރި މައުލޫމާތުގައި ވެސް ބުނެފައިވަނީ ސުނާމީ އުފެދުނު ކަމަށް ނުދައްކާ ކަމަށާއި އެހެންވެ އިންޑިއާ ކަނޑުގެ ގައުމުތަކަށް ނުރައްކަލެއް ނެތް ކަމަށެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)  އިން ބުނި ގޮތުގައި މި ބިންހެލުމުގެ މަރުކަޒު ނުވަތަ އެޕިސެންޓަރު ހުރީ އެ ރަށުގެ އުތުރު ފަރާތު އައްސޭރިފަށުން، އެންޑޭގެ ހުޅަނގުއުތުރުން 68 ކިލޯމީޓަރު (42 މޭލު) ދުރުގަ އެވެ. އަދި ބިންހެލުން އައިސްފައިވަނީ ވަރަށް ތިލަކޮށް، އެންމެ 10 ކިލޯމީޓަރުގެ ފުނުން ކަމަށް ވެސް ބުންޏެވެ.

ފުރަތަމަ އައި ބިންހެލުމަށް ފަހު، އެ ސަރަހައްދަށް 5.6 އަދި 5.9 މެގްނިޓިއުޑްގެ ބާރުގަދަ ދެ ލޮޅުންތަކެއް އައިސްފައިވެ އެވެ.

އިންޑޮނީޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމަޓޮލޮޖީ، އެންޑް ޖިއޯފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) އިން ވަނީ މި ބިންހެލުމުގެ ސަބަބުން ސުނާމީ އުފެދުމުގެ ފުރުސަތު އޮތުމުން ފްލޯރެސް އާއި އެ ހިސާބުގެ. ޖަޒީރާ ރަށްތަކުގެ އެންމެން، ރައްކާތެރި ހިސާބުތަކަށް އަވަހަށް ދާން އަންގައި އިންޒާރު ނެރެފަ އެވެ. 

އިންޑޮނީޝިއާ އާއި އެގައުމާ ޖެހިގެން އޮންނަ ގައުމުތަކަކީ "ރިންގް އޮފް ފަޔަ" ގައި ހިމެނޭ ގައުމުތަކެވެ. އެއީ ޖަޕާނުން ފެށިގެން އިރު ދެކުނު އޭޝިއާ އާއި ޕެސިފިކް ކަނޑުގެ ސަރަހައްދަށް ފެތުރިފައިވާ، ބިންހެލުންތައް އާންމުކޮށް އަންނަ ހިސާބެކެވެ.