ކުރިން ދުވަހަކުވެސް ހީނުކުރާ ފަދަ ނުރައްކާތަކާއި އިންޒާރުތަކާ މިހާރު ކުރިމަތިލާންޖެހިފައިވާ ކަމަށް އެ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޮންގްރެސްގައި ވިދާޅުވެއްޖެ އެވެ.

އެ ބޭފުޅުން ވިދާޅުވި ގޮތުގައި މި ނުރައްކާތައް ބޮޑުވަމުން ގޮސް ވަޒަން ނާރާ ޖެކެޓް (ބުލެޓްޕްރޫފް ވެސްޓް) ބޭނުންކުރަންޖެހެނީ ކީއްވެގެން އެ ބޭފުޅުންގެ ދަރިންނަށް ކިޔައިދޭންޖެހޭ ހިސާބަށް ވެސް ވަނީ ގޮސްފަ އެވެ.

ނަމަވެސް، މަދުން ނޫނީ އާންމުކޮށް ވާހަކަ ނުދައްކަވާ މި ބޭފުޅުން ދެއްވި ހެކިބަހުގައި ފަނޑިޔާރުން ވަނީ ވަރުގަދަ މެސެޖެއް ދެއްވައިފަ އެވެ. އެއީ ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް އޮތް ނަމަވެސް އަދި ބިރުދެއްކުންތައް ހުއްޓުމެއްނެތި އައި ނަމަވެސް، ކޯޓުން މައްސަލަތައް ނިންމަމުންދާނީ "އެއްވެސް ބިރެއް ނެތި އަދި ވަކި ފަރާތަކަށް ޖެހުމެއްނެތި" ކަމުގެ ޔަގީންކަމެވެ.

ފަނޑިޔާރުން މިގޮތަށް ވާހަކަދެއްކެވީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ދެމެދު ނުތަނަވަސްކަން ބޮޑުވި ދައުރަކަށްފަހު، ޖުޑީޝަރީގެ ދާއިރާގެ ސަލާމަތީ ކަންކަމަށް މިލިއަނުން އިތުރު ފަންޑު ހޯދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މި ހެކިބަސް ދެއްވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އެމީ ކޯނޭ ބެރެޓް އާއި އެލީނާ ކޭގަން އެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން އެމެރިކާގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންތަކެއް، ބަޖެޓް ކޮމިޓީތަކުގެ ކުރިމައްޗަށް ހާޒިރުވި ފުރަތަމަ ފަހަރެވެ.

ލިބަރަލް ފިކުރުގެ ފަނޑިޔާރު ކޭގަން ވިދާޅުވީ، ބައެއް ފަނޑިޔާރުންނާ ހަމައަށް މި ނުރައްކާތައް ވަރަށް ކައިރިން ފޯރާފައިވާ ކަމަށާއި އަދި ކޮންމެ ވަގުތެއްގައި ވެސް މިފަދަ ކަމެއް އަލުން ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމުގައި އެންމެންވެސް ދިރިއުޅެމުންދާ ކަމަށެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ފަދައިން، ހުރިހާ ފަނޑިޔާރުން ވެސް މަސައްކަތް ކުރައްވާނީ ގާނޫނީ ގޮތުން ރަނގަޅު ކަމަށް ގަބޫލުކުރެވޭ ގޮތަށް، ވަކި ފަރާތަކަށް ބެލުމެއްނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

އެބޯޝަން ހެދުމަކީ ހައްގެއް ނޫން ކަމަށް 2022 ވަނަ އަހަރު ކަނޑައެޅި ހުކުމުގެ ޑްރާފްޓް ލީކުވި ދުވަސްވަރު، ވަޒަން ނާރާ ޖެކެޓެއް ހިފައިގެން ގެއަށް ދާންޖެހުނު ހާދިސާ ފަނޑިޔާރު ބެރެޓް ހިއްސާކުރެއްވި އެވެ. އޭނާ ވިދާޅުވީ ކޮޓަރީގައި ޖެކެޓް ބޭއްވި ވަގުތު، އޭނާގެ 12 އަހަރުގެ ފިރިހެން ދަރިފުޅު ކޮޓަރީގެ ދޮރުމަތީގައި ހުއްޓިގެން ހުރި ކަމަށެވެ. ގައުމީ ހިދުމަތެއް ކުރުމުގެ ސަބަބުން، ވަޒަން ނާރާ ޖެކެޓަކީ ކޮބައިކަމާއި އެ ބޭނުންކުރަންޖެހޭ ސަބަބު ތިމާގެ ދަރިންނަށް ކިޔައިދޭން ޖެހިދާނެ ކަމަށް ދުވަހަކުވެސް ހީފުޅުނު ނުކުރައްވާ ކަމަށް ބެރެޓް ވިދާޅުވި އެވެ.

މި ހެކިބަސް ދެއްވާފައިވަނީ ޓްރަމްޕްގެ ސިޔާސަތުތަކާ ގުޅޭ ބޮޑެތި މައްސަލަތަކެއް ކޯޓުން ނިންމި ދުވަސްވަރެއްގަ އެވެ. އޭގެ ތެރޭގައި އެމެރިކާގައި އުފަންވާ މީހުންނަށް އޮޓޮމެޓިކުން ރައްޔިތުކަން ލިބުން ހުއްޓުވުމަށް ޓްރަމްޕް ކުރެއްވި މަސައްކަތް ބާތިލުކުރުމާއި، ދުނިޔޭގެ ފެންވަރުގައި ޓެރިފް (އިމްޕޯޓް ޑިއުޓީ) ބޮޑުކުރަން އުޅުނު އުޅުން ހުއްޓުވުން ހިމެނެ އެވެ.

ރައީސްގެ އިމްތިޔާޒުތަކާ ގުޅޭ މައްސަލަތަކުގައި ކޯޓުން ޓްރަމްޕްގެ ކޮޅަށް ހުކުމް ކުރުމުން އޭނާ ވަނީ ކޯޓަށް ތައުރީފު ކުރައްވައިފަ އެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ނިންމާ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ. ޓްރަމްޕް 2020 ގައި އައްޔަންކުރެއްވި ބެރެޓް، ކޮންޒަވޭޓިވް ފިކުރުގެ ހުކުމްތަކަށް ތާއީދުކުރެއްވި ނަމަވެސް، ޓްރަމްޕާ ދެކޮޅަށް ނިންމި ބައެއް މައްސަލަތަކުގައި ބައިވެރިވުމުން ކޮންޒަވޭޓިވް ބައެއް ފަރާތްތަކުގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ.

ޖުޑީޝަރީ ދާއިރާގެ ސަލާމަތީ ކަންކަމަށް 921 މިލިއަން ޑޮލަރު ހޯދުމަށް އެދިފައިވާއިރު، ސުޕްރީމް ކޯޓުން އެކަނިވެސް 228.4 މިލިއަން ޑޮލަރު ބޭނުންވެ އެވެ. މިއީ ކުރީ އަހަރަށްވުރެ 20.5 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ކޯޓުގެ ހާއްސަ ފުލުހުންނާއި އިމާރާތުގެ ސަލާމަތީ ކަންކަމަށް 14.6 މިލިއަން ޑޮލަރު އަދި ޒިޔާރަތްކުރާ މީހުން ސްކްރީންކުރާ އާ ފެސިލިޓީއަކަށް 6.5 މިލިއަން ޑޮލަރު ހިމެނެ އެވެ.

ހައުސް އެޕްރޮޕްރިއޭޝަންސް ކޮމިޓީގެ އިސް ޑިމޮކްރެޓް މެންބަރު ރޮސާ ޑިލައުރޯ ވިދާޅުވީ، ވޭތުވެދިޔަ އަހަރު ފެޑެރަލް ފަނޑިޔާރުންނަށް 564 އިންޒާރެއް ލިބިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 31 ޕަސެންޓުގެ އިތުރުވުމެކެވެ.

ފަނޑިޔާރު ބެރެޓް ވަނީ މިފަދަ ނުރައްކަލެއް ތަހައްމަލު ކުރައްވައިފަ އެވެ. މޭ މަހު ވަނީ، ފޭކް ކޯލެއް ކޮށްގެން،  ހަތިޔާރު އެޅި ފުލުހުން އެ ގެޔަށް ފޮނުވައި ރެއިޑްކޮށްފަ އެވެ. އަދި 2022 ވަނަ އަހަރު، ހަތިޔާރު އެޅި މީހަކު ފަނޑިޔާރު ބްރެޓް ކެވެނޯ އަވަހާރަކޮށްލަން އޭނާގެ ސަރަހައްދަށް ދިޔަ ހާދިސާއަކީ ފަހުގެ ތާރީހެއްގައި ފަނޑިޔާރަކަށް ދޭން އުޅުނު އެންމެ ނުރައްކާތެރި ހަމަލާއެވެ. އެ މީހާ މިހާރު ވަނީ 8 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލައިފަ އެވެ.

މި ބައްދަލުވުމުގައި ރިޕަބްލިކަން ސެނެޓަރު ސޫޒަން ކޮލިންސް ވަނީ ސިޔާސީ ޕާޓީތަކުން ފަނޑިޔާރުންނަށް އަމާޒުކޮށް ބޭނުންކުރާ ނުރައްކާތެރި ބަސްމަގު ކުށްވެރިކުރައްވައިފަ އެވެ. އަދި ޑިމޮކްރެޓް ޖެކް ރީޑް ވަނީ ޓްރަމްޕްގެ ބައެއް ބަސްތަކަށް ވަކިން ވާހަކަ ދައްކަވައިފަ އެވެ. ޓްރަމްޕް ވަނީ ފަނޑިޔާރުންނަކީ ގައުމަށް ހުރި ލަދެއް ކަމަށާއި، މޮޔައިން ކަމަށާއި، އަދި ގާނޫނުއަސާސީއަށް ވަފާތެރިނޫން ބައެއް ކަމަށް ވިދާޅުވެފަ އެވެ.

ފަނޑިޔާރު ކޭގަން ވިދާޅުވީ، ކޮންމެ ސިޔާސީ ޝަހުސިއްޔަތަކު ވިދާޅުވި ނަމަވެސް، މިފަދަ ވާހަކަތަކަކީ އެއްވެސް ފައިދާއެއް ނެތް އަދި ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ. -- އޭއެފްޕީ