އިންޑިއާގެ ކެރަލާގައި މީހަކު މެރި މައްސަލައެއްގައި ޖަލަށް ލާފައި ވަނިކޮށް ކަފާލާތުގެ ދަށުން ދޫކޮށްލުމުން ގޮސް އިތުރު ދެ މީހަކު މަރާލި ޗެންތަމަރާ، އޭނާ އަކީ މަހާތަމާ ގާންދީ ނޫން ކަމަށާއި އުނދަގުލެއް ކުރި ކޮންމެ މީހަކު އަދިވެސް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފި އެވެ.
އުމުރުން 58 އަހަރުގެ ޗެންތަމަރާ މިހެން ބުނީ އޭނާ 2025 ވަނަ އަހަރު ދެ މީހުން މެރި މައްސަލާގައި ހުކުމް އިއްވުމުގެ ކުރިން ވާހަކަ ދައްކަން ފަނޑިޔާރު ދެއްވި ފުރުސަތުގަ އެވެ.
"ބޭނުންނަމަ އަހަރެން ދަންޖައްސައި، މަރުގެ އަދަބުދީ. އަހަންނަކީ މަހާތުމާ ގާންދީއެއް ނޫން. އަހަރެންގެ މަގަށް ހުރަސްއެޅި ކޮންމެ މީހަކު އަދިވެސް މަރާލާނަން،" ހިންގި ޖަރީމާތަކާ މެދު ހިތާމަކުރުމުގެ އެއްވެސް އަސަރެއް ނެތި އޭނާ ބުންޏެވެ.
ޗެންތަމަރާގެ މައްޗަށް އިއްޔެ ވަނީ ދެ މީހުން މެރިކަން ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. އަދި މާދަމާ އަދަބު ކަނޑައަޅާނެ އެވެ.
ޗެންތަމަރާ އެންމެ ފުރަތަމަ، 2019 ވަނަ އަހަރު ވަނީ ސަޖިތާ ކިޔާ އަންހެނަކު މަރާލައިފަ އެވެ. އެއީ ކައިވެނި ރޫޅުނީ މި އަންހެން މީހާގެ ސަބަބުން ކަމަށް ބުނެ އެވެ. މި މައްސަލާގައި އުމުރު ދުވަހުގެ ދެ ހުކުމް އިއްވައި ޖަލަށް ލާފައި ވަނިކޮށް ކަފާލާތުގެ ދަށުން 2022 ވަނަ އަހަރު މިނިވަންވެގެން ގޮސް، ކަފާލަތުގެ ޝަރުތުތަކާ ހިލާފަށް، އޭނާގެ އަވަށަށް ގޮސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ސަޖިތާގެ ފިރިމީހާ ސުދާކަރަން އާއި އޭނާގެ މަންމަ ލަކްޝްމީ ވެސް ވަނީ ބޮޑު ވަޅިއަކުން ހަމަލާދީ މަރާލައިފަ އެވެ.
އެ ހާދިސާ ހިނގި ދުވަހު ސަޖިތާގެ ފިރިމީހާއަށް ހަމަލާ ދިނުމުން އޭނާގެ 75 އަހަރުގެ މަންމަ، ދަރިފުޅުގެ ހަޅޭކުގެ އަޑަށް ނުކުމެގެން އައުމާ އެކު އޭނާއަށް ވެސް ހަމަލާދިނީ އެވެ.
މި ދެ މީހުން މަރާލުމަށް ފަހު ޗެންތަމާ ވަނީ ޖަންގަލި ތެރެއަށް ވަދެ ފިލައިފަ އެވެ. އެކަމަކު ދެ ދުވަސް ވަންދެން ފުލުހުން ކުރި މަސައްކަތުން ހޯދައި ހައްޔަރުކުރީ އެވެ. ތަހުގީގުން އެނގުނު ގޮތުގައި ލޮރީ ޑްރައިވަރެއް ކަމަށްވާ ޗެންތަމަރާ، ނައްތާލަން ބޭނުންވާ މީހުންގެ ލިސްޓެއް ވެސް ގެންގުޅުނެވެ. އެއީ އޭނާގެ ކުރީގެ އަނބިމީހާ، އަންހެން ދަރިފުޅު އަދި ފުލުހެއްގެ ވަޒީފާގައި އުޅޭ ދަނބިދަރިފުޅެވެ.
ކޯޓުގައި ކުށް ސާބިތުކުރުމަށް ޗެންތަމަރާއާ ދެކޮޅަށް 132 ހެކިން ހުށަހެޅި އިރު އޭގެ ތެރެއިން ހަތަރު މީހަކު ވަނީ އޭނާއާ އެއްކޮޅަށް ވާހަކަ ދައްކައިފަ އެވެ. އެކަމަކު ފޮރެންސިކް އަދި ސައިންޓިފިކް ހެކިތަކާ އެކު ވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. ޗެންތަމަރާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބަލަން ކުރި ޓެސްޓުތަކުން ވަނީ އެއީ އެފަދަ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫންކަން އެނގިފަ އެވެ.