ދިފާއީ ނިޒާމު ހަލާކުކޮށްލައި، މަރާ ހަނގުރާމަކުރަންޖެހޭ އެއިޑްސް ޖައްސާ އެޗްއައިވީ ޖެހޭ މީހުންގެ އަދަދު ސްރީ ލަންކާގައި އިތުރުވަމުންދާ ކަމަށާއި، އެންމެ ގިނައިން ކޭސްތައް ފެންނަނީ ކޮލަމްބޯ އަދި ގަމްޕަހާއިން ކަމަށް އެ ގައުމުގެ ކޮންސަލްޓަންޓް ކޮމިއުނިޓީ ފިޒިޝަން ޑރ. ސަތުޔާ ހީރަތު ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންއެއްގައި ޑރ. ހީރަތު ވިދާޅުވީ، ރިޕޯޓްކުރާ އެޗްއައިވީ ކޭސްތަކުގެ އަދަދު 2023 ވަނަ އަހަރުން ފެށިގެން ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި، އަންހެނުންނަށްވުރެ ފިރިހެނުންގެ މެދުގައި މި ބަލި ފެންނަ މިންވަރު ގިނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެޗްއައިވީ ފެތުރޭ މައިގަނޑު ސަބަބަކީ ރައްކާތެރިނޫން ގޮތްގޮތުގައި ހިންގާ ޖިންސީ ގުޅުންތަކެވެ. މީގެ އިތުރުން، ކަށި، ސިރިންޖު އަދި އިންޖެކްޓް ކުރަން ބޭނުންކުރާ އެހެނިހެން ސާމާނު، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭ އެތައް ބަޔަކު ހިއްސާކުރުމަކީ މި ވައިރަސް ފެތުރެން މެދުވެރިވާ ސަބަބެކެވެ.
އެޗްއައިވީ އަކީ މުޅިން ފަސޭހަކުރެވޭ ބައްޔެއް ނޫންކަން ފާހަގަކުރައްވައި ޑރ. ހީރަތު ވިދާޅުވީ ބަލިޖެހޭ މީހުން އުމުރަށް ބޭސް ބޭނުންކުރަން ޖެހި، ގަވާއިދުން މެޑިކަލް ފޮލޯ-އަޕް ހަދަންޖެހޭނެ ކަމަށެވެ.
ނޭޝަނަލް އެސްޓީޑީ/އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމުން ކޮލަމްބޯ އަދި ގަމްޕަހާގައި އެޗްއައިވީ، ޖިންސީ ގުޅުމުން ފެތުރޭ ބަލިތައް (އެސްޓީއައި) އަދި ހެޕަޓައިޓިސް ދެނެގަތުން އިތުރުކުރުމަށް ހާއްސަ މޮބައިލް ކްލިނިކް ޕްރޮގްރާމެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޖެނުއަރީ މަހު ފެށި މި ޕައިލެޓް ޕްރޮގްރާމުގެ ދަށުން ހިލޭ އަދި ސިއްރު ހިފެހެއްޓޭ ގޮތަށް ސްކްރީން ކުރުމާއި، ކައުންސިލިން ދިނުމާއި ފަރުވާގެ ހިދުމަތް ފޯރުކޮށްދެ އެވެ.
އެހެން ގައުމުތަކާ އަޅާބަލާއިރު ސްރީ ލަންކާގައި އެޗްއައިވީ ފެތުރިފައިވާ މިންވަރު އަދިވެސް ނިސްބަތުން ދަށް ނަމަވެސް، އަލަށް ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް ޑރ. ހީރަތު ވިދާޅުވި އެވެ.
"ލިބިފައިވާ ރިޕޯޓްތަކުން އެނގޭ ގޮތުގައި 2023 އިން ފެށިގެން އެޗްއައިވީ ކޭސްތައް ދަނީ މަޑުމަޑުން އިތުރުވަމުން. އަދި މި އަހަރުގެ އަދަދުތައް މިހާރުވެސް މިދިޔަ އަހަރަށްވުރެ މަތި. ކޮލަމްބޯ އަދި ގަމްޕަހާއިން އެންމެ ގިނައިން ކޭސްތައް ރިޕޯޓްކުރަމުންދަނީ އެ ސަރަހައްދުތަކުގެ އާބާދީ ވެސް ބޮޑުވުމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.