އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރިމަތިވެފައިވާ ގަދަ ހޫނުގައި ދަރިވަރުންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކުން ސަލާމަތްކޮށްދިނުމުގެ ގޮތުން، ފެންބުއިމަށް ހަނދާންކޮށްދޭ "ވޯޓަ ބެލް" ޖެހުމަށް އެ ސްކޫލްތަކަށް އަންގައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ  އިންޑިއާގައި ހޫނު ގަދަވާ ދުވަސްވަރު އެތައް މިލިއަން ބައެއްގެ ފުރާނައަށް ނުރައްކާވެ އެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2012 އާއި 2021 އާ ދެމެދު، ހޫނުގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހިގެން ގާތްގަނޑަކަށް 11,000 މީހުން މަރުވެފައިވެ އެވެ.

އިންޑިއާގައި 2024 ވަނަ އަހަރުގެ މެއި މަހު ދިއްލީގެ ހޫނުމިން 49.2 ޑިގްރީ ސެލްސިއަސް އަށް އެރިއިރު، މިއީ 2022 ވަނަ އަހަރު ރެކޯޑުކުރެވުނު އެންމެ މަތީ ހޫނުމިނާ އެއްވަރުގެ އަދަދެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކަށް ތަޖުރިބާކުރަން ޖެހިފައިވާ ގަދަ ހޫނުގެ "ރާޅުތަކުގައި" 2022 ވަނަ އަހަރަކީ 1901 ވަނަ އަހަރުން ފެށިގެން އިންޑިއާއަށް އެންމެ ހޫނުގަދަވި އަހަރެވެ.

މިއަދު ހެނދުނު ދިއްލީގެ ހޫނުމިން ހުރީ 29.4 ޑިގްރީ ސެލްސިއަސް ގަ އެވެ. ނަމަވެސް މޫސުމާ ބެހޭ މާހިރުން ލަފާކުރާ ގޮތުގައި މިއަދުގެ ހޫނުމިން 41-43 އާ ދެމެދަށް އުފުލޭނެ އެވެ. އަދި މި ހަފުތާގެ ފަހުކޮޅު ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް އެރުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. އެހެންވެ އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ދިއްލީއަށް "ޔެލޯ އެލާޓް" ނެރެފަ އެވެ.

އަންގާރަ ދުވަހު ދިއްލީގެ އެޑިއުކޭޝަން ޑައިރެކްޓަރޭޓުން ނެރުނު އާ އުސޫލުތަކުގެ ދަށުން ސްކޫލްތަކުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި؛ 

  • ބޭރުގައި ހިންގާ ހަރަކާތްތައް ހުއްޓާލުން: ކުޅިވަރާއި ހަށިގަނޑު ދުޅަހެޔޮކުރުމުގެ ހަރަކާތްތައް ބޭރުގައި ނުބޭއްވުން.
  • އެސެމްބްލީ ކުރުކުރުން: ހިޔާލިބޭ ތަންތަނުގައި ނުވަތަ އެތެރޭގައި އެސެމްބްލީތައް ބޭއްވުމާއި ބާއްވާ ވަގުތު ވީހާ ވެސް ކުރުކުރުން.
  • ވޯޓަ ބެލް ސިސްޓަމް: ކޮންމެ 45-60 މިނެޓަކުން ބެލް ޖަހައި، ދަރިވަރުން ފެންބޯން ހަނދާންކޮށްދިނުން.
  • "ބަޑީ ސިސްޓަމް": އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ސިއްހީ ހާލަތަށް ފާރަވެރިވުމަށްޓަކައި ކޮންމެ ދަރިވަރަކު ވެސް ކޮންމެވެސް އެހެން ދަރިވަރަކާ އެކީގައި އަބަދު ތިބޭ ގޮތަށް ހަމަޖެއްސުން.

މީގެ އިތުރުން، އެއްވެސް ކްލާހެއް ބޭރުގައި ނުބޭއްވުމަށާއި، ހަށިގަނޑުން ފެން މަދުވިޔަނުދިނުމުގެ މުހިންމުކަމާ ބެހޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް ވެސް ސްކޫލްތަކަށް ވަނީ އަންގައިފަ އެވެ. -- އޭއެފްޕީ