ހަނގުރާމައިގެ ކުރިން އީރާނުގައި ކުރި މުޒާހަރާތަކުގެ ތެރޭގައި މިސްކިތެއްގައި ހުޅުޖެހުމަށް އެހީތެރިވެދިން ކަމުގެ ކުށާއި، އިޒްރޭލާއި އެމެރިކާއާ ގުޅިގެން ޖާސޫސީ މަސައްކަތްކުރި ކަމުގެ ކުށް ސާބިތުވި މީހަކަށް އިއްވި މަރުގެ ހުކުމް މިއަދު ތަންފީޒުކޮށްފި އެވެ.
"ހަތިޔާރު ބޭނުންކުރި ހަރަކާތްތަކުގައި ބައިވެރިވި ގައުމުގެ ހަތުރުންނާ ގުޅިގެން އުޅުނު މީހުންގެ ތެރެއިން، ގޮލްހަކް ގްރޭންޑް މިސްކިތުގައި ހުޅުޖަހަން އެހީވެ، އެ ސަރަހައްދުގައި މޮސާޑްގެ ނެޓްވޯކުން ސަލާމަތީ ބާރުތަކާ ދެކޮޅަށް ހިންގި ހަރަކާތްތަކުގެ ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އާމިރު އަލީ މިރްޖައުފަރީ... މިއަދު ހެނދުނު ވަނީ ދަންޖައްސައި މަރާލާފައި،" ޖުޑީޝަރީގެ މީޒާން އޮންލައިން ވެބްސައިޓުގައި ރިޕޯޓުކޮށްފައިވެ އެވެ.
އެ ވެބްސައިޓުން ބުނެފައިވާ ގޮތުގައި، ސުޕްރީމް ކޯޓުން މަރުގެ މި ހުކުމް ދަމަހައްޓައި ހުކުމް ތަންފީޒުކުރަން ނިންމީ "ޒަޔަނިސްޓް ސަރުކާރާއި އެމެރިކާގެ ހަތުރުވެރި ސަރުކާރާއި ގައުމުގެ ސަލާމަތާ ދެކޮޅު ހަތުރުވެރި ގްރޫޕްތަކަށްޓަކައި، ގޮލްހަކް ގްރޭންޑް މިސްކިތާއި އާންމު ތަންތަނުގައި ހުޅުޖެހި މައްސަލައިގަ" އެވެ.
މީޒާން އިން ބުނި ގޮތުގައި، ހުޅުޖެހި ހާދިސާ ހިނގީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ޑިސެމްބަރު މަހުގެ ފަހުކޮޅު އީރާނުގައި ފެށުނު މުޒާހަރާތަކުގެ ތެރޭގަ އެވެ. މި މުޒާހަރާތައް ފަހުން މުޅި ގައުމަށް ފެތުރި، ޖެނުއަރީ 8 އަދި 9 ގައި ހާލަތު ވަރަށް ގޯސްވި އެވެ.
މުޒާހަރާތަކާ ގުޅުން ހުރި ކަމަށް ބެލެވިގެން، އިޒްރޭލް، އެމެރިކާ އަދި އިދިކޮޅު ޖަމާއަތްތަކުގެ (މަނާކޮށްފައިވާ ޕީޕަލްސް މުޖާހިދީން/އެމްއީކޭ ހިމެނޭގޮތަށް) އެތައް ބަޔަކު އީރާންގައި ވަނީ މިދިޔަ ދެތިން ހަފްތާ ތެރޭ މަރާލައިފަ އެވެ. -- އޭއެފްޕީ