އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު ފެށުނު ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގައި "މިއަދު" އީރާނާ އެކު ސޮއިކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.
ރިޕޯޓަރު މާރިއާ ބާޓީރޯމޯއަށް މި އިންޓަވިއު ދެއްވީ ކޮން އިރަކު ކަމެއް ސާފު ނުވާތީ ޓްރަމްޕު އެ ވިދާޅުވާ ދުވަހަކީ ކޮބައިކަމެއް ޔަގީނެއް ނޫނެވެ. އެކަމަކު ވިދާޅުވީ "މިއަދު ޕާކިސްތާނުގައި ސޮއިކުރާނެ" ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ޓްރަމްޕު ވިދާޅުވި ނަމަވެސް އީރާނުން މިކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ.
ނަމަވެސް، ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ ނިއު ޔޯކް ޕޯސްޓުން ބުނެފައިވާ ގޮތުގައި، ދެވަނަ ބުރުގެ މަޝްވަރާއަކަށް އީރާނުން "އިޖާބަދޭން ބޭނުންވާ" ކަމަށް ވީ ބުނެފަ އެވެ. އެކަމަކު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ ކުރިން ޓްރަމްޕު ވަނީ މަޝްވަރާ އަށް ނައިބު ރައީސް ޖޭޑީ ވެންސް ޕާކިސްތާނަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މިހާރު ވަނީ ވެންސްގެ އިތުރުން، ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާ، މަޝްވަރާގެ އާ ބުރަކަށް އިސްލާމްއާބާދަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް ވަނީ، އެއްބަސްވުމެއްގައި ސޮއިނުކޮށްފި ނަމަ، އީރާނުގައި ކަރަންޓު އުފައްދާ ހުރިހާ ތަނެއް އަދި ކޮންމެ ފާލަމެއް ގޮއްވާލާނެ" ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
އީރާނުން ބުނެފައިވަނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ވެސް އީރާންގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށް އީރާންގެ އުޅަނދުތަކަށް ހުރަސްއަޅަމުން ދާތީ، އެމެރިކާގެ ނިޔަތް ސާފު ނޫންކަން އެނގޭ ކަމަށެވެ. ނަމަވެސް ފަހުން ބުނީ މި ހުރަސްތައް ނައްތާލަން ޕާކިސްތާނުން ކުރަމުން އަންނަ "އެދެވޭ މަސައްކަތަށް" ބަލައި އަލުން މަޝްވަރާއަށް ދިއުމަށް ޕޮޒިޓިވްކޮށް ވިސްނަމުން އަންނަ ކަމަށެވެ.
ޕާކިސްތާނުން ވަނީ އޭޕްރީލް 11 އާއި 12 ގައި އެމެރިކާ އާއި އީރާނުގެ މެދުގައި ބޭއްވި މަތީ ފަންތީގެ ފުރަތަމަ ސީދާ ބައްދަލުވުން އިންތިޒާމްކޮށްފަ އެވެ. މިއީ 1979 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ކެނޑުނު ފަހުން ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުމެވެ. ނަމަވެސް އެ މަޝްވަރާތައް ނިމުނީ އެއްވެސް ކުރިއެރުމެއް ނުލިބި އެވެ.