އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާއިން އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ޕާކިސްތާނުން ފެށި މަސައްކަތްތަކާ ގުޅިގެން، އެމެރިކާއާ އެކު ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމާ މެދު އީރާނުން "ޕޮޒިޓިވްކޮށް" މިހާރު ވިސްނަމުން ކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު ހޯމަ ދުވަހު ރޮއިޓާސްއަށް ވިދާޅުވެއްޖެ އެވެ.

ބަނދަރުތަކުގެ މި މައްސަލައަކީ ސުލްހައިގެ މަސައްކަތްތަކުގައި އީރާނުން އަލުން ބައިވެރިވުމަށް އޮތް އެންމެ ބޮޑު ހުރަހެވެ. ނަމަވެސް، އެ އޮފިޝަލް ވިދާޅުވީ، މަޝްވަރާތަކުގައި ބައިވެރިވުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

އިޒްރޭލާއި އެމެރިކާއިން އީރާނަށް ފެބްރުއަރީ 28 ގައި ދޭން ފެށި ހަމަލާތަކާ އެކު ފެށުނު ހަނގުރާމަ ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލަން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ގާތްވެފައި ވާއިރު އީރާނުން މިހާތަނަށް ބުނަމުން އައީ އެމެރިކާގެ އަމަލުތައް ހުރި ގޮތުން އަލުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ޕާކިސްތާނުގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމާ އެކު ވަކި ގޮތެއް ނުނިންމާ ކަމަށް އައީ ބުނަމުންނެވެ.

އެހެންވެ މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށާއި އެމެރިކާގެ އުދުވާނަށް ބަދަލުހިފާނެ ކަމަށް ބުނެ ކުރިން އީރާނުން ދެމުންދިޔަ ބަޔާންތަކުގެ ރާގު މިހާރު ބަދަލުވެފައިވާ ކަމަށް ބެލެވެ އެވެ. 

އީރާނުގެ އޮފިޝަލް ވިދާޅުވީ، މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން، އެމެރިކާގެ ބްލޮކޭޑް ނައްތާލުމަށާއި މަޝްވަރާތަކުގައި އީރާނުން ބައިވެރިވާނެކަން ކަށަވަރުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލަން މަސައްކަތްކުރި އީރާނުގެ މުދާ އުފުލާ ބޯޓެއް ހިފަހައްޓާފައިވާ ކަމަށް އެމެރިކާއިން ބުނުމާއި، އީރާނުން ބަދަލުހިފާނެ ކަމަށް ބުނުމާ ގުޅިގެން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޮތީ ނުރައްކަލެއްގެ ތެރޭގަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ހޯމަ ދުވަހު ވިދާޅުވީ، ޑިޕްލޮމެޓިކް މަރުހަލާ ކުރިއަށް ގެންދިއުމުގައި އެމެރިކާއިން "ސީރިއަސްކަމެއް" ދައްކާފައި ނުވާ ކަމަށާއި، އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ހަމަވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޕާކިސްތާނުގައި މަޝްވަރާތައް ފެށުމަށް އެމެރިކާއިން އުންމީދު ކުރަމުންދާއިރު، އިސްލާމްއާބާދުގައި ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތައް ގެންދަނީ އަޅަމުންނެވެ. ނަމަވެސް ބަގާއީ ވިދާޅުވީ، އެމެރިކާއިން އަދިވެސް ޑިމާންޑްކުރަނީ "ބުއްދިއަށް ގަބޫލުނުކުރެވޭ، ހަގީގަތާ ދުރު" ކަންތައްތަކަކަށް ކަމަށެވެ.