މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް، ބޭރުގެ އެއާލައިންތަކުގެ ފްލައިޓްތައް ގަތަރުގެ މައި އެއާޕޯޓަށް ޖެއްސުމުގެ ހުއްދަ ދޭން ފަށާނެ ކަމަށް އެ ގައުމުގެ އޭވިއޭޝަން އޮތޯރިޓީން މިއަދު އިއުލާނުކޮށްފި އެވެ.
"ގަތަރު ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ބޭރުގެ އެއާލައިންތަކުގެ އޮޕަރޭޝަންތައް މަޑުމަޑުން އަލުން ފެށުމަށް ނިންމައި، އެކަން އަންގާ 'ނޯޓިސް ޓު އެއާމަން' ނެރެފައި،" އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން ފެށުނު މި ހަނގުރާމައިގައި، ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެމެރިކާ އާއި އީރާނުން އެއްބަސްވުމަށް ފަހު އަދިވެސް ދަނީ މަޝްވަރާކުރަން މަސައްކަތްކުރަމުންނެވެ.
ގަތަރުގެ އެއާޕޯޓްތައް ބަންދުކުރީ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ރައްދުގައި ދިން ޑްރޯން އަދި މިސައިލް ހަމަލާތަކާ ގުޅިގެންނެވެ. އަދި މިދިޔަ މަހުގެ 7 ގައި ވައިގެ ސަރަހައްދު ކުޑަކޮށް ހުޅުވާލި ނަމަވެސް، އެ ފުރުސަތު ދީފައިވަނީ ހަމައެކަނި އެ ގައުމުގެ ގައުމީ އެއާލައިން ކަމަށްވާ ގަތަރު އެއާވޭސްގެ ފްލައިޓްތަކަށް އެކަންޏެވެ.
ގަތަރުގެ އޭވިއޭޝަން އޮތޯރިޓީން ބުނީ ބޭރުގެ އެއާލައިންތަކަށް ވައިގެ ސަރަހައްދު އަލުން ހުޅުވާލަން ނިންމީ "ހާލަތު ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު" ކަމަށެވެ. އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ އިދާރާގެ އެންމެ އިސް ޒިންމާ ކަމުގައި ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.