އެމެރިކާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ލޫއީޒިއާނާގައި، އާދީއްތަ ދުވަހު ހިނގި ގެވެށި އަނިޔާގެ ހާދިސާއެއްގައި ފިރިހެނަކު ބަޑި ޖަހައި އަށް ކުޑަކުދިން މަރާލާފައިވާ ކަމަށާއި މީގެ ތެރޭގައި އެކަން ކުރި މީހާގެ ހަތް ދަރިން ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.
މިއީ "ގަން ވައިލެންސް އާކައިވް" ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެމެރިކާގައި ދިން އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާއެވެ.
މި ހާދިސާގައި ދެ އަންހެނަކަށް ވެސް ބަޑިން ހަމަލާ ދިނުމުން ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި، އޭގެ ތެރޭގައި މަރުވި ބައެއް ކުދިންގެ މަންމަ ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބަޑިޖެހި މީހަކީ އުމުރުން 31 އަހަރުގެ ޝަމާރު އެލްކިންސް ކިޔާ މީހެއް ކަމަށާއި ކުޑަކުދިންތައް މަރާލުމަށް ފަހު އޭނާ ކާރެއް ފޭރިގެން ފިލަން ދުއްވަނިކޮށް ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ.
އޭއެފްޕީގެ ވީޑިއޯގްރާފަރަކަށް ފެނުނު ގޮތުގައި، ބަޑިޖެހި ހާދިސާ ހިނގި ދެ ބުރިއަށް ހުރި ކުޑަ ގޭގެ ދޮރުގައި ވެސް ބަޑީގެ އުންޑަ އަރައި ލޯވަޅުތައް ހެދިފައި ހުއްޓެވެ.
ފުލުހުން ބުނީ މަރުވި ކުދިންގެ އުމުރަކީ 18 މަހާއި 12 އަހަރާ ދެމެދު ކަމަށާއި، އަށް ކުދިންގެ ތެރެއިން ހަތް ކުދިންނަކީ ބަޑިޖެހި މީހާގެ އަމިއްލަ ދަރިން ކަމަށެވެ. ފުލުހުން ދަނީ މިކަން ކުރި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރަމުންނެވެ. ހާދިސާ ހިނގި ގޭގައި ނުވަ ކުޑަކުދިން ތިބި ކަމަށާއި ސަލާމަތްވި ކުއްޖާއަށް މިހާރު ދަނީ ހޮސްޕިޓަލްފައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ. އެ ކުއްޖާއަށް، ފުރާނައަށް ނުރައްކާވާ ފަދަ ޒަހަމެއް ލިބިފައި ނެތް ކަމަށްވެ އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި މި އަމަލު ހިންގުމުގައި އިތުރު މީހަކު ނުވަތަ ބަޔަކު ބައިވެރިވި ކަމަށް ނުބެލެވޭ ކަމަށާއި އެކަމަކު އިތުރަށް ތަހުގީގުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެލްކިންސްއަކީ ހަތިޔާރު ގެންގުޅުނު މައްސަލައެއްގައި 2019 ވަނަ އަހަރު ހައްޔަރުކޮށް، އެ ކުށަށް އިއުތިރާފުވެފައިވާ މީހެކެވެ. ނަމަވެސް، ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއްގެ ކުރީގެ ރެކޯޑެއް ނެތެވެ.
ފަސޭހައިން ހަތިޔާރު ލިބޭ އެމެރިކާއަކީ، ބަޑީގެ ހަމަލާތަކުގައި ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު މަރުވާ ގައުމެކެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ހުރިހާ ގައުމުތަކުގެ ތެރެއިން، ބަޑީގެ ހަމަލާތަކުގައި މީހުން މަރުވާ ނިސްބަތް އެންމެ މަތީ އެމެރިކާގަ އެވެ. -- އޭއެފްޕީ