އިންޑިއާއިން ސްރީ ލަންކާގައި ގާއިމުކުރުމަށް ހުށަހަޅާފައިވާ، ހަކަތައިގެ ސަރަހައްދީ މަރުކަޒުގެ މަސައްކަތް އަވަސްކުރުމަށް، އިއްޔެ ކޮލަމްބޯގައި ފެށި ދެ ގައުމުގެ ރަސްމީ ވާހަކަތަކުގައި އިންޑިއާގެ އިސް އޮފިޝަލުން ގޮވާލައްވައިފި އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ސްރީ ލަންކާގެ އިރުއުތުރުގެ ބަނދަރެއް ކަމަށްވާ ޓްރިންކޮމަލީގައި ތެޔޮ ރައްކާކުރާ މަރުކަޒެއް ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން، ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާ އެކު ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ވެސް ބައިވެރިވާ މި މަޝްރޫއަކީ 2023 ވަނަ އަހަރުން ފެށިގެން މަޝްވަރާކުރަމުން އަންނަ މަޝްރޫއެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އިންޑިއާގެ ނައިބު ރައީސް ސީ.ޕީ. ރާދާކްރިޝްނަންއާ އެކު ލަންކާއަށް ކުރައްވަމުންދާ ދަތުރުގައި މިސްރީ ވިދާޅުވީ، މިފަދަ ސްޓެރެޓީޖިކް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދެން އިތުރަށް ބޭކާރު ކުރާނެ ވަގުތެއް ނެތް ކަމަށެވެ.
މަޝްރޫއުގެ މުހިންމު ބައިތައް:
- ދެ ގައުމު ގުޅުވައިދޭ ތެޔޮ ހޮޅިއެއް އެޅުން.
- ޓްރިންކޮމަލީގައި ތެޔޮ ރައްކާކުރާ ކޮމްޕްލެކްސްއެއް ގާއިމުކުރުން.
- ތެޔޮ ސާފުކުރާ ކާރުހާނާއެއް އެޅުން.
- ދެ ގައުމުގެ މެދުގައި ކަރަންޓު ހިއްސާކުރުމަށް ކަރަންޓު ވިއުގައަކުން ގުޅާލުން.
މިސްރީ ވިދާޅުވީ، މި ހަކަތައިގެ މަރުކަޒު ނިމިފައި އޮތް ނަމަ، ވަކިން ހާއްސަކޮށް މި ދަނޑިވަޅުގައި އޭގެ ފައިދާ ވަރަށް ބޮޑަށް ކުރީސް ކަމަށެވެ. ސްރީ ލަންކާ އަކީ ބޭނުންވާ ހުރިހާ ތެލަކާއި ކަރަންޓު އުފެއްދުމަށް ބޭނުންވާ ކޯލް އިމްޕޯޓްކުރާ ގައުމަކަށްވާއިރު، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ބޮޑުވުމުގެ ދަތިކަން ވަނީ އެ ގައުމަށް ވަރަށް ބޮޑުވެފަ އެވެ.
އިނގިރޭސި އިސްތިއުމާރުގެ ދުވަސްވަރު ޓްރިންކޮމަލީގައި ހަދާފައިވާ 99 ތެޔޮ ޓޭންކު ހުރި ނަމަވެސް، މިހާރު އިންޑިއާގެ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބޭނުންކުރަމުންދަނީ އެތަނުން އެންމެ 14 ޓޭންކެވެ. އާދީއްތަ ދުވަހުގެ ބައްދަލުވުމުގައި ދެ ގައުމުން ވެސް ވަނީ މި މަޝްރޫއު ވީއެންމެ އަވަހަކަށް އަމަލީ ގޮތުން ފެށުމަށް އެއްބަސްވެފަ އެވެ. -- އޭއެފްޕީ