އީރާނާ އެކު ސުލްހައިގެ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެ ގައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ބުރިޖުތައް ހިމެނޭހެން އިންފްރާސްޓްރަކްޗާގެ މުހިންމު ހުރިހާ ބިނާތަކެއް ނައްތާލާނެ ކަމުގެ ހަރުކަށި އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ދެއްވައިފި އެވެ.

ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި، "ދެން މާ ރީއްޗަށް ކަންތައް ކުރުމެއް ނޯންނާނެ" ކަމަށް ދޭހަވާ ގޮތަށް "ނޯ މޯ ނައިސް ގާއި" އޭ ލިޔުއްވައި ދެއްވި އިންޒާރުގައި ވަނީ އެމެރިކާއިން މިހާރު ހުށަހަޅާފައިވަނީ "އިންސާފުވެރި" ގޮތެއް ކަމަށެވެ. އެ ހުށަހެޅުމަށް އީރާނުން އަމަލުނުކޮށްފި ނަމަ ދެން ކުރިމަތިވާނީ ނުރައްކާތެރި ހަމަލާތަކެއްކަން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި އިންޒާރުތަކާ އެކު، ސުލްހައިގެ މަޝްވަރާތަކުގެ އާ ބުރަކަށް އެމެރިކާގެ ވަފުދެއް މާދަމާ ޕާކިސްތާނުގެ އިސްލާމްއާބާދަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މަޝްވަރާތަކުގައި ހުރި ގޮންޖެހުންތައް

މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކާ އެކު ފެށުނު ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލާފައި އޮތް ދެ ހަފުތާގެ މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާނެ އެވެ. ނަމަވެސް، ދާއިމީ ހައްލަކަށް ދިއުމަށް އަދިވެސް ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ:

  • ނިއުކްލިއާ މައްސަލަ: އީރާނުގައި ހުރި 440 ކިލޯގްރާމްގެ ޔުރޭނިއަމް އެމެރިކާއާ ހަވާލުކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ބާރުއަޅުއްވަމުން ގެންދެވި ނަމަވެސް، އީރާނުން ބުނަނީ އެތަކެތި ހަވާލުކުރުމުގެ ވާހަކައަކީ މަޝްވަރާގެ މޭޒުގައި ދެކެވޭނެ ވާހަކައެއް ނޫން ކަމަށެވެ.
  • ހޮރްމޫޒް ކަނޑުއޮޅި: ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ވަނީ ބަންދުކޮށްފަ އެވެ. އީރާނުގެ ޕާލަމަންޓް ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ބްލޮކޭޑް އުވާނުލަނީސް ކަނޑުއޮޅި ހުޅުވައިނުލާނެ ކަމަށެވެ.

އެމެރިކާގެ ވަފުދު ޕާކިސްތާނަށް އައުމުގެ ކުރިން، އިސްލާމްއާބާދުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. މުހިންމު ހޮޓާތަކާއި ސަރުކާރުގެ އިމާރާތްތައް ހިމެނޭ ސަރަހައްދުތަކުގައި ހަތިޔާރު އެޅި ސިފައިން ދަނީ ފޯރިމަރަމުންނެވެ.

އީރާނުން ހޮރްމޫޒް ކަނޑުއޮޅީގައި އިންޑިއާގެ ދެ އުޅަނދަކަށް ބަޑީގެ ހަމަލާދިން ހާދިސާއާ ގުޅިގެން މަސްރަހު އިތުރަށް ގޯސްވެފައިވާއިރު، ރައީސް ޓްރަމްޕް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އީރާނުން އެމެރިކާއަށް "ބްލެކްމެއިލް" ކުރަން މަސައްކަތް ކުރަނީ ކަމަށާއި، އެމެރިކާއިން މިކަމުގައި ގެންގުޅޭނީ ހަރުކަށި ސިޔާސަތެއް ކަމަށެވެ.

މުޅި ދުނިޔެ މިހާރު އޮތީ ބުދަ ދުވަހުގެ ކުރިން ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް އާދެވިދާނެތޯ ނުވަތަ މުޅި ސަރަހައްދު އަލުން ބޮޑު ހަނގުރާމައެއްގެ ތެރެއަށް ދާނީތޯ އުފެދިފައިވާ ސުވާލާ އެކު ކަންބޮޑުވެފަ އެވެ.