ތުއްތު ކުދިންނަށް ހާއްސާ ކާނާ ފުޅިއެއްގެ ތެރެއިން، މީދާ މަރާ ވިހަ ފެނިފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޮސްޓްރިއާގެ ފުލުހުން ބުނެފި އެވެ.

މިކަމާ ގުޅިގެން އެ އުފެއްދުން ބާޒާރުން ނެގުމަށް ސަޕްލަޔަރު ވަނީ އަންގާފައެވެ.

ޖަރުމަނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 'HiPP' އިން އޮސްޓްރިއާގެ "ސްޕާ" ސުޕަމާކެޓްތަކުގައި ހުރި އެ ބްރޭންޑުގެ "ކެރަޓް ވިތު ޕޮޓޭޓޯ" ޕިއުރޭ ފުޅިތައް އަނބުރާ ގެންދަން ނިންމީ، ބަޔަކު ގަސްތުގައި އޭގެ ތެރެއަށް ނުރައްކާތެރި މާއްދާއެއް އަޅާފައި ހުރެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ޖަރުމަނާއި އޮސްޓްރިއާގެ އިތުރުން ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާއިން ވެސް ފުލުހުން ވަނީ މި ބާވަތުގެ ފުޅިތައް ތަހުގީގަށް ނަގައިފަ އެވެ. އޮސްޓްރިއާގެ ފުލުހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަހުގީގަށް ނެގި ސާމްޕަލްތައް ޓެސްޓުކުރިއިރު މީދާ ވިހަ ފެނިފައިވާ ކަމަށެވެ.

އޮސްޓްރިއާގެ ފުޑް ޕްރޮޓެކްޝަން އެޖެންސީން ބުނާ ގޮތުގައި، މިއީ ބަޔަކު ސަރުކާރަށް ނުވަތަ ކުންފުންޏަށް ބިރުދައްކައިގެން ފައިސާ ހޯދަން ކުރި ކަމަކަށް ވެދާނެ އެވެ.

އެހެންވެ މިހާރު ވަނީ މީގެ އުފެއްދުންތައް ބޭނުން ނުކުރުމަށް ކަސްޓަމަރުންގެ ކިބައިން އެދިފަ އެވެ. މި ބާވަތުގެ ފުޅި ވަކިކުރަން އެނގޭނީ ފުޅީގެ ފުލުގައި އިންނަ، ރަތްކުލައިގެ ވަށް ބުރެއް ޖަހާފައިވާ ހުދު ކުލައިގެ ލޭބަލަކުންނެވެ. މިފަދަ ފުޅިއެއް ގަނެފައިވާ ނަމަ އަނބުރާ ފިހާރައަށް ރައްދުކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ.

މިއީ ތުއްތު ކުދިންގެ ކާނާގެ ބާޒާރަށް ފަހުން ކުރިމަތިވި މިފަދަ ފުރަތަމަ ނުރައްކަލެއް ނޫނެވެ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ނެސްލޭ، ޑެނޯން އަދި ލެކްޓާލިސް ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ "ސެރޫލައިޑް" ކިޔާ ވިހައަކުން ތަޣައްޔަރުވެފައިވާ ކަމަށް ޝައްކުކުރެވޭ، ކުޑަކުދިންނަށް ދޭ ކިރުގެ ބާވަތްތައް 60 އަށްވުރެ ގިނަ ގައުމަކުން ނަގައިފަ އެވެ.

ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ވިހަ އެކުލެވޭ ކިރު ބުއިމުގެ ސަބަބުން ބައެއް ތުއްތު ކުދިން ވަނީ މަރުވެފަ އެވެ. މި ވިހައިގެ ސަބަބުން މޭނުބައިކުރުމާއި، ހޮޑުލެވުމުގެ އިތުރުން ބޮޑުކަމުދާ ނިޒާމަށް މައްސަލަތައް ކުރިމަތިވެ އެވެ. -- އޭއެފްޕީ