ހަނގުރާމައިގައި އީރާނުން "މައިދާނުގައި ކާމިޔާބީ" ހޯދާފައިވާ ކަމަށާއި، ހަމަލާ ބަދަލުކުރުން މެދުކަނޑާލަން އެމެރިކާއާ އެކު ވަގުތީ ގޮތުން އެއްބަސްވީ އީރާނުގެ ހުށަހެޅުންތަކަށް އެމެރިކާއިން އިޖާބަދިނުމުން ކަމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޣާލީބާފް މިއަދު ވިދާޅުވެއްޖެ އެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން ޣާލީބާފް ވިދާޅުވީ، ހަނގުރާމައިގައި އެމެރިކާއިން ބޭނުންވި މަގްސަދުތައް ހާސިލްވެފައި ނުވާ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ އަތްދަށުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަހަރެމެން ހަމަލާތައް މެދުކަނޑާލަން އެއްބަސްވީ، އެ މީހުން [އެމެރިކާއިން] އަހަރެމެންގެ ޝަރުތުތައް ގަބޫލުކުރުމުން،" ޣާލީބާފް ވިދާޅުވި އެވެ. "ދުޝްމަނުންގެ ހުރިހާ ވެސް މަގްސަދަކީ އެ މީހުންގެ ބޭނުންވާ ގޮތް އަހަރެމެންގެ މައްޗަށް މަޖުބޫރުކުރުވުން. ނަމަވެސް އަހަރެމެންގެ ހައްގުތައް ކަށަވަރުކުރުމަކީ މުހިންމު ކަމެއް. އެހެންކަމުން މި މަޝްވަރާތަކަކީ ވެސް ޖިހާދުގެ ނުވަތަ ހަނގުރާމައިގެ އުސޫލެއް."

މިހާރު އަމަލުކުރަމުންދާ ދެ ހަފުތާގެ އެއްބަސްވުން އަންނަ ބުދަ ދުވަހަށް ހަމަވާނެ އެވެ. ޕާކިސްތާނު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް ބާރުއަޅަމުންދިޔަ ނަމަވެސް، މުހިންމު ބައެއް މައްސަލަތަކުގައި އަދިވެސް ވަނީ ގޮތެއް ނުނިމިފަ އެވެ.

މިދިޔަ އޭޕްރީލް 11 ވަނަ ދުވަހު ޣާލީބާފް ވަނީ އިސްލާމްއާބާދުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއާ ބައްދަލުކުރައްވާފަ އެވެ. މިއީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު، މިހާ މަތީ ފަންތީގައި އީރާނާއި އެމެރިކާގެ އިސްވެރިން ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

މި މަޝްވަރާތަކުން އަދި ފަހުގެ އެއްބަސްވުމަކަށް ނާދެވޭއިރު، އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު މިއަދު ވިދާޅުވީ ދެން އޮންނަ މަޝްވަރާގެ ބައްދަލުވުމެއް ބާއްވާނެ ތާރީހެއް އަދި ކަނޑަނާޅާ ކަމަށެވެ.

އެމެރިކާއާ އެކު ކުރިއަށް ގެންދާ މަޝްވަރާގައި ބައިވެރިވެ ވަޑައިގަންނަވާ ޣާލީބާފް ވިދާޅުވީ މި މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އެކަމަކު ދެ ފަރާތް ވެސް އަދި އޮތީ ފުރިހަމަ އެއްބަސްވުމަކަށް އާދެވުމާ ވަރަށް ދުރުގައި ކަމަށެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައި ވަނީ މިހާރު އޮތީ އެއްބަސްވުމަކާ ވަރަށް ގާތުގައި ކަމަށެވެ. -- އޭއެފްޕީ