އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެން މަންދޫބުންގެ އަދަދު އިތުރުކުރުމަށް މަޖިލީހުގެ ގޮނޑިތައް އިތުރުކުރަން ހުށަހެޅި ބިލް އެ މަޖިލީހުގެ ތިރިގެ (ލޮކް ސަބާ) އިން ފާސްނުވެ އިއްޔެ ފެއިލްވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ 1.4 ބިލިއަން މީހުންގެ އުޅޭ އިންޑިއާގެ 543 ގޮނޑީގެ ލޮކް ސަބާގައި މިހާރު އަންހެނުން ތަމްސީލުކުރަނީ އެންމެ 14 ޕަސެންޓެވެ.
ނަމަވެސް މިކަން ބަދަލުކޮށް އަންހެނުންނަށް ވަކި ޕަސެންޓެއް ހާއްސަކުރުމުގެ ބިލް ފާސްކުރަން ބޭނުންވާ މިންވަރަށް ސަރުކާރު ކޯލިޝަނަށް ވޯޓެއް ނުލިބުނެވެ.
އަންހެން މެންބަރުންގެ އަދަދު އިތުރުކުރުމަކީ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ތާއީދުކުރާ ކަމަކަށް ވިޔަސް، މަޖިލީހުގެ ޖުމްލަ ގޮނޑީގެ އަދަދު އިތުރުކޮށްގެން އެކަން ކުރަން އުޅުމަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއަށް ނާޖާއިޒު ފައިދާ ލިބޭނެ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
ސަރުކާރުން ބޭނުންވީ:
- 2023 ވަނަ އަހަރު ފާސްކުރި، މަޖިލީހުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރުމުގެ ގާނޫނު އަވަހަށް ތަންފީޒުކުރުން.
- އާބާދީއަށް ބަލައި ދާއިރާތައް އަލުން ކަނޑައަޅައި، މަޖިލީހުގެ ގޮނޑީގެ އަދަދު 800 އަށްވުރެ މައްޗަށް އިތުރުކުރުން.
ނަމަވެސް، އިއްޔެ ނެގި ވޯޓުގައި މި ބިލަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތެއް ނުލިބުނެވެ.
އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި، މަޖިލީހުގެ ގޮނޑިތައް އިތުރުކޮށްފި ނަމަ އެކަމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ އާބާދީ ބޮޑު އުތުރުގެ ސްޓޭޓްތަކަށެވެ. އެއީ މޯދީގެ ބީޖޭޕީއަށް ބޮޑު ތާއީދެއް އޮންނަ ސަރަހައްދުތަކެވެ. އަދި އާބާދީ މަދު ދެކުނުގެ ސްޓޭޓްތަކުގެ ނުފޫޒު މަޖިލީހުގައި ކުޑަވެގެންދާނެތީ، އެ ސްޓޭޓްތައް ކޮންޓްރޯލްކުރާ އިދިކޮޅު ޕާޓީތަކުން ކަންބޮޑުވެ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީގެ މެންބަރު ޖައިރާމް ރަމޭޝް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރީ އަންހެނުންނަށް ގޮނޑި ހާއްސަކުރުމުގެ ނަމުގައި "ނުރައްކާތެރި" ގޮތަކަށް ދާއިރާތައް ބަދަލުކުރަން ކަމަށެވެ. އޭގެ ބަދަލުގައި، މިހާރު އޮތް ގޮތަށް މަޖިލިސް ބާއްވައިގެން 2029 ގެ އިންތިހާބުގައި 33 ޕަސެންޓް ކޯޓާ ތަންފީޒުކުރުމަށް އޭނާ ގޮވައިލެއްވި އެވެ.
ސަރުކާރުން ހުށަހަޅާފައިވަނީ 2011 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލައިގެން ގޮނޑިތައް ކަނޑައެޅުމަށާއި، މި ބަދަލު 2029 ވަނަ އަހަރުގެ އާންމު އިންތިހާބަށް އަމަލުކުރަން ފެށުމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ މިހާރު ކުރިއަށްދާ އާ ބޯހިމެނުމުގެ ނަތީޖާ ލިބެންދެން މަޑުކުރުމަށެވެ. -- އޭއެފްޕީ