އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ހުރި މިންވަރަށް ވުރެ މާ ބޮޑު އަގުތަކެއް ބައެއް ގައުމުތަކުން ތެލަށް ދައްކަންޖެހޭ ކަމަށާއި ސްރީ ލަންކާއިން ތެޔޮ ފީފާއެއް 286 ޑޮލަރަށް ވެސް ގަނެފި ކަމަށް އެޗްއެސްބީސީން ބުނެފި އެވެ.
ހޮންކޮންގްގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމެއްގައި ވާހަކަ ދައްކަވަމުން އެޗްއެސްބީސީގެ ސީއީއޯ ޖޯޖް އެލްހެޑްރީ ވިދާޅުވީ، ހުޅަނގުގެ މާކެޓްތަކުގައި ތެލުގެ އަގު ކަނޑައަޅާ ބެންޗްމާކްތަކުން ފެންނަ އަގަކީ ހަގީގީ އަގު ނޫން ކަމަށެވެ. ބްރެންޓް ކުރޫޑްގެ އަގު ބާޒާރުގައި 95 ޑޮލަރާއި 110 ޑޮލަރާ ދެމެދު ހުރި ނަމަވެސް، އޭޝިއާގެ ގައުމުތަކުން ތެޔޮ ހޯދުމަށް ކުރަންޖެހޭ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަގު ބޮޑުވާން ދިމާވި ސަބަބުތައް
އެލްހެޑްރީ ފާހަގަކުރެއްވި ގޮތުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލެން ދިމާވީ ހަމައެކަނި ތެލުގެ އަގު ބޮޑުވުމަކުން ނޫނެވެ. އެހެން ސަބަބުތަކުގެ ތެރޭގައި:
- ޝިޕިން ހަރަދު: ރަތް ކަނޑުން ތެޔޮ އުފުލުމަށް ޝިޕިންގެ ގޮތުގައި އެކަނި ވެސް ފީފާއަކަށް 30 އާއި 40 ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވޭ.
- އިންޝުއަރެންސް: ކުރިން ކުޑަ މިންވަރެއްގައި ހުރި އިންޝުއަރެންސް ފީ މިހާރު ވަނީ ފަސް ޕަސެންޓަށް އުފުލިފައި. އަދި ހަނގުރާމައިގެ ނުރައްކާ އޮތް ސަރަހައްދުތަކަށް ދޭ 'ވޯ އިންޝުއަރެންސް' ވެސް ވަނީ މެދުކަނޑާލާފައި.
- ސަޕްލައި ބްލޮކްވުން: އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާއި، އެމެރިކާއިން އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ބްލޮކޭޑްގެ ސަބަބުން ތެޔޮ ހޯދުމަށް ވަނީ ދަތިވެފައި.
"ބާޒާރުގެ އަގަކީ ހަގީގަތެއް ނޫން"
"އަޅުގަނޑު ކަންބޮޑުވަނީ ހަމައެކަނި ހަބަރުތަކުގެ ސުރުހީތަކަށް ބަލައިގެންނެއް ނޫން. ބާޒާރުގައި ތެޔޮ ފީފާއެއް 100 ނުވަތަ 110 ޑޮލަރުގައި ހުރި ނަމަވެސް، ހަގީގަތުގައި މެދުއިރުމަތިން ތެޔޮ ހޯދަން އުޅޭ ނަމަ 140 ނުވަތަ 150 ޑޮލަރު އެބަ ހަރަދުވޭ،" އެލްހެޑްރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތެލަށް އެންމެ ބޮޑު އަގެއް ދައްކަން ޖެހުނު ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވަނީ ސްރީލަންކާއިން ކަމަށެވެ. އެ ގައުމުން ފީފާއަކަށް 286 ޑޮލަރު ދައްކާފައިވަނީ ތެޔޮ ލިބުމުގެ ދަތިކަމާއި، ބޮޑު އަގުގައި އިންޝުއަރެންސް ނަގައިގެން ތެޔޮ ގެންނަން ޖެހުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާލަތު ކުރިމަތިވެފައިވަނީ ޔަމަނުގެ ހޫތީން ބާބުލް މަންދަބް ކަނޑުއޮޅި ބަންދުކޮށް، އީރާނުން ރަތް ކަނޑު ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް، ހާއްސަކޮށް ތެލަށް ބަރޯސާވާ އޭޝިއާގެ ގައުމުތަކަށް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ އެކު ކުރިމަތިވި ތެލުގެ ދަތިކަމުގެ ތެރޭގައި ލަންކާއިން ވަނީ ތެޔޮ ވިއްކުން ކޮންޓްރޯލްކުރުމާ އެކު ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. އަދި ތެލުގެ އަގު ވެސް ވެސް ވަނީ އެކި ފަހަރުމަތިން ބޮޑުކޮށްފަ އެވެ.