ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށާއި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކެއް ނާކާމިޔާބުކޮށްލާފައިވާކަމަށް ސައުދީގެ އަސްކަރިއްޔާއިން ބުނެފި އެވެ. 

އިއްޔެއިން ފެށިގެން އެމެރިކާއާ ގުޅިގެން އިޒްރޭލުން ދެމުންދާ ވަރުގަދަ އުދުވާނުތަކުގެ ރައްދުގައި، މެދުއިރުމަތީގެ އެކި ގައުމުތަކަށް އީރާނުން ދަނީ ރައްދު ހަމަލާތައް ދެމުންނެވެ.

މިގޮތުން، މިއަދު ވެސް އީރާނުން ވަނީ އޮމާނާއި، ގަތަރު އަދި ޔޫއޭއީއަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތައް ދެމުންނެވެ.

ސައުދީގެ އަސްކަރީ އޮފިޝަލަކާ ހަވަލާދީ އޭއެފްޕީ ނޫހުން ބުނީ، ސައުދީގެ ރިޔާދު އެއާޕޯޓުގެ އިތުރުން އެމެރިކާ ސިފައިން ތިބި ޕްރިންސް ސުލްތާން އަސްކަރީ ވައިގެ ބަނދަރަށް އީރާނުން ދިން ހަމަލާތަކެއް އަސްކަރީ ދިފާއީ ނިޒާމުން ވައްޓާލާފައިވާ ކަމަށެވެ.

އަދި އެ މިސައިލްތައް ވައްޓައިލުމުގައި އެއްވެސް ތަނަކަށް ވެސް މީހަކަށް ވެސް ގެއްލުމެއް ލިބިފައިނުވާކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

އީރާނުން ރައްދު ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ، އެމެރިކާ އާ ގުޅިގެން އިޒްރޭލުން ދިން ހަމަލާތަކުގައި، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލް ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

ޔޫއޭއީން ބުނި ގޮތުގައި، މިއަދު އެކަނިވެސް އީރާނުން ވަނީ 130 އަށް ވުރެ ގިނަ މިސައިލާއި 200 އަށް ވުރެ ގިނަ ޑްރޯން ހަމަލާ ފޮނުވާލާފައިވާ ކަމަށެވެ.

އެ ހަމަލާތަކުގައި ދުބާއީގެ ބައެއް ހޮޓާތަކާއި ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.

ގަތަރުން ބުނީ، އީރާނުން މިހާތަނަށް 65 މިސައިލާއި 12 ޑްރޯން ހަމަލާ ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، އޮމާނާއި އުރުދުން އަދި ކުވެއިތަށް ވެސް އީރާނުން ހަމަލާތައް އަމާޒުކުރަމުންދާ ކަމަށް އެ ގައުމުތަކުން ވަނީ ބުނެފަ އެވެ.