މި އަހަރު ރަމަޟާން މަހުގެ ހަނދު ފެނިއްޖެ ކަމަށް ސައޫދީ އަރަބިއްޔާއިން އިއުލާނުކޮށްފި އެވެ.
އެހެންވެ އެ ގައުމުން ވަނީ މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ރަސްމީކޮށް ކަނޑައަޅައިފަ އެވެ.
ރާއްޖެއަށް ވެސް މިއަދު ރަމަޟާން މަހުގެ ހަނދު ފަލަކީ ގޮތުން ސާބިތުވާނެ ކަމަށް ދައްކަ އެވެ. އަދި ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން މާދަމާ އަކީ މުލަ ރޯދަ ދުވަސް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ފަލަކީ ހިސާބުން ދައްކާ ގޮތުން ސައޫދީއަށް މިއަދު އިރު އޮއްސުމަށް ފަހު ތިން މިނެޓަށް ވުރެ ވެސް ފަހުންނެވެ. އެ ގައުމާ އެކު އެ ސަރަހައްދުން ދެން ރަމަޟާން މަސް ފެށުނުކަން އިއުލާނުކުރި ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، ކުވައިތު އަދި ބަހްރެއިން ހިމެނެ އެވެ.
އެކަމަކު މެލޭޝިއާ، އިންޑޮނީޝިއާ، އޮމާން، ތުރުކީ، ޖޯޑަން، މިސްރު، ސިންގަޕޫރު، ބުރޫނާއީ، އަޒަރްބައިޖާން، ކަޒަކްސްތާން، ކިރްގިސްތާން އަދި އުޒްބެކިސްތާނުން ކަނޑައަޅާފައިވަނީ ރޯދަ މަސް ފެށޭނީ ފެބްރުއަރީ 19 ވާ ބުރާސްފަތި ދުވަހު ކަމަށެވެ. އޮސްޓްރޭލިއާ އާއި ފްރާންސުން ވެސް ރޯދަ މަސް ފަށަނީ ބުރާސްފަތި ދުވަހު އެވެ.
މި ގައުމުތަކާ ހިލާފަށް އިންޑިއާ، ޕާކިސްތާން އަދި ބަންގްލާދޭޝްގައި މިއަދަކީ ޝައުބާން މަހުގެ 28 ވަނަ ދުވަސް ކަމަށް ބަލާފައި ވާތީ އެ ގައުމުތަކުގައި ރޯދައަށް ހަނދު ބެލުން އޮންނާނީ ވެސް މާދަމާ އެވެ. އެހެންވެ އެ ގައުމުތަކަށް ރޯދަމަސް ފެށޭނީ ބުރާސްފަތި ނުވަތަ ހުކުރު ދުވަހު އެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް ވެސް މިއަދު އިރު އޮއްސޭއިރު ހަނދު ފެންމަތީ ހުންނާނެ ކަމަކަށް ހިސާބުތަކުންނެއް ނުދައްކަ އެވެ. އެކަމަކު ރާއްޖޭގެ އެންމެ ދެކުނަށް އިރު އޮއްސުމަށް ފަހު ސިކުންތުކޮޅަކަށް ހަނދު ފެންމަތީ ހުންނާނެ ކަމަށް ދައްކަ އެވެ.
ފަލަކީ ހިސާބަށް ބަލާއިރު ދުވަހުގެ އިރު އޮއްސުމަށް ފަހު އާ މަހުގެ ހަނދު ކިތަންމެ ކުޑަ އިރުކޮޅަކަށް ވިޔަސް ފެންމަތީ ހުންނާނެކަން ކަށަވަރުވާ ނަމަ އެ ހިސާބުން އާ މަސް ފެށުނީ ކަމަށް ބައެއް ގައުމުތަކުން ކަނޑައަޅަ އެވެ. އެހެން ބައެއް ގައުމުތަކުގައި ހަމަލޮލަށް ހަނދު ނުފެންނަ ނަމަ މަސް ފެށުނު ކަމަކަށް ނުބަލަ އެވެ.