އިންޑިއާގައި "10 މިނެޓުން ޑެލިވަރީ" ކޮށްދޭ ކަމަށް ބުނެ އިޝްތިހާރުކުރާ އީކޮމާސް ހިދުމަތްތަކުގެ ސަބަބުން މުވައްޒަފުންގެ ރައްކާތެރިކަން ގެއްލޭތީ އެފަދަ ހިދުމަތްތައް ހުއްޓާލަން އަންގައިފި ކަމަށް މިކަމުގެ މައުލޫމާތު އެނގޭ އެކި ފަރާތްތަކާ ހަވާލާދީ ބީބީސީން ބުނެފި އެވެ.

މިގޮތަށް އަންގާފައި ވަނީ 10 މިނެޓުން ޑެލިވަރީކޮށްދިނުމުގެ ހިދުމަތަށް އޮތް ބޮޑު ޑިމާންޑާ އެކު ޑެލިވަރީ ސްޓާފުން ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ބުނެ މުޅި ގައުމުގައި މުވައްޒަފުން ހަޅުތާލުކޮށްފައި ވެސް ވަނިކޮށެވެ. އަދި މި ހަޅުތާލާ ގުޅިގެން، ޑެލިވަރީ ހިދުމަތްދޭ ކުންފުނިތަކާ އެކު ވަނީ ކަމާބެހޭ އިދާރާތަކުން މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. 

މި މަޝްވަރާތަކުގައި ޒޮމާޓޯ، ބްލިންކިޓް އަދި ޒެޕްޓޯ ފަދަ ބޮޑެތި ބްރޭންޑްތައް ބައިވެރިވެފައިވެ އެވެ. މިއީ ކާބޯތަކެއްޗާއި އިލެކްޓްރޯނިކްސް އަދި ގޭތެރޭގައި ގެންގުޅޭ ސާމާނު ފަދަ ތަކެތި މަދު މިނެޓުކޮޅެއްގެ ތެރޭގައި ޑެލިވަރީކޮށްދޭ ހިދުމަތްތަކެވެ. 

ކަސްޓަމަރުންގެ މެދުގައި މި ހިދުމަތް ވަރަށް މަގުބޫލު ނަމަވެސް، މި މޮޑެލްގެ ސަބަބުން މުވައްޒަފުންނަށް ޕްރެޝަރު ވަރަށް ބޮޑުވެ، އެ މީހުންގެ ރައްކާތެރިކަން ގެއްލޭ ކަމަށް ބުނެ ފާޑުކިޔުން އޮންނަނީ އަމާޒުވެފަ އެވެ. 

ޑެލިވަރީކޮށްދޭ އެތައް ހާސް މުވައްޒަފުންނެއް މިދިޔަ މަހު ވަނީ  ރަނގަޅު އުޖޫރައެއް ދިނުމަށާއި  ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި ހަޅުތާލުކޮށްފަ އެވެ.

މިއީ ކަސްޓަމަރުންނަށް ފަސޭހަކޮށްދޭ ހިދުމަތެއް ނަމަވެސް، ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޑިޖިޓަލް އިގުތިސާދުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގައި ވަނީ މި ހިދުމަތުގެ ރައްކާތެރިކަމާ މެދު  ހޫނު ބަހުސެއް ފެށި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ލޭބާ މިނިސްޓްރީގެ އޮފިޝަލަކު ބީބީސީއަށް ވިދާޅުވެފައިވާ ގޮތުގައި ހަޅުތާލަށް ފަހު ބޭއްވި ބައްދަލުވުމުގައި ސަރުކާރުން ވަނީ  ޑެލިވަރީ ކުރުމުގެ ސުންގަޑިތައް ހަރުކަށި ކުރުން ހުއްޓާލުމަށް "ކުއިކް ކޮމާސް" ކުންފުނިތަކުގެ ކިބައިން އެދިފައި ކަމަށެވެ.

ހުރިހާ ކުންފުނިތަކުން އެގޮތަށް އަމަލުކުރަން ފެށިކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ބްލިންކިޓް ފަދަ ބައެއް ޕްލެޓްފޯމްތަކުން މިހާރު ވަނީ ބްރޭންޑިން އަދި މާކެޓިން އިން "10 މިނެޓުން ޑެލިވަރީ" ކޮށްދޭނެ ކަމަށް ބުނުން ހުއްޓާލައިފަ އެވެ. އެކަމަކު އެހެން ބައެއް ހިދުމަތްތަކުން އަދިވެސް "10 މިނެޓް ތެރޭ" ޑެލިވަކޮށްދޭނެ ކަމަށް އަދިވެސް ބުނެ އެވެ. 

އިންޑިއާގެ ގިގް އިކޮނޮމީ ނުވަތަ  ކުދި މަސައްކަތްތައް އަވަހަށް ކޮށް ނިންމާލަދޭ މަސައްކަތްތެރިންގެ މާކެޓް އިންޑިއާގައި ދަނީ ވަރަށް ބޮޑުވަމުންނެވެ. ސަރުކާރުގެ ތިންކް ޓޭންކެއް ކަމަށްވާ ނީތީ އަޔޯގް އިން ބުނީ 2021 ވަނަ އަހަރު 7.7 މިލިއަން މަސައްކަތްތެރިން ތިބި އިރު 2030 ވަނަ އަހަރު 23.5 މިލިއަނަށް މި އަދަދު އިތުރުވާނެ ކަމަށެވެ.

މި ވާދަވެރިކަމުގެ ތެރޭގައި ކުންފުނިތަކުން ދަނީ ހިދުމަތުގެ ސްޕީޑް އަވަސްކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ.