ކޮތަޅުތަކާއި އެކި ޕެކޭޖްތަކުގެ ބޭރުގައި ﷲ ގެ އިސްމުފުޅު ލިޔުން ސައޫދީގެ ކޮމާސް މިނިސްޓްރީން މަނާކޮށްފި އެވެ. 

ކޮމާސް މިނިސްޓްރީން ބުނީ އެއްޗެހި އަޅަން އަދި ބަންދުކުރަން ގެންގުޅޭ، ރަނގަޅު ނޫން ގޮތް ގޮތަށް ބޭނުންކުރެވޭ ތަކެތީގައި ﷲ ގެ އިސްމުފުޅު ލިޔުން މަނާކުރީ އެއީ އިހުތިރާމް ކުޑަކުރުމުގެ އަމަލަކަށް ވާތީ ކަމަށެވެ. 

މިނިސްޓްރީ އޮފް ކޮމާސްގެ ތަރުޖަމާނު އަބްދުއްރަހްމާން އަލް ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ﷲ ގެ މާތް އިސްމުފުޅުތައް ނުވަތަ އަސްމާއުލް ހުސްނާއަށް އިހުތިރާމްކޮށް ހުރުމަތްތެރިކޮށް ހިތުމުގެ ނިޔަތުގައި ނިންމި ނިންމުމެއް ކަމަށެވެ. 

މީގެ މަހެއްހާ ދުވަސް ކުރިން ކޮމާސް މިނިސްޓްރީން  ވަނީ ވިޔަފާރީގެ ނަންތަކުގެ ގޮތުގައި ވެސް ﷲ ގެ އިސްމުފުޅު ހިމެނޭ ނަންތައް ފާސްކޮށްދިނުން ހުއްޓާލައިފަ އެވެ. 

މީގެ އިތުރުން ސައޫދީގެ ސަރުކާރާއި ސަރުކާރާ ގުޅުން ހުރި ތަންތަނާއި އެ ގައުމުގެ އަވަށްތަކާއި ސިޓީތަކުގެ ނަންތައް ވެސް ވިޔަފާރީގެ ނަންނަމުގެ ގޮތުގައި ރަޖިސްޓްރީކޮށްދިނުން ވަނީ ހުއްޓާލައިފަ އެވެ.