ވޮޝިންޓަން (މާޗް 2) - އެމެރިކާގެ ރިޔާސީ އިންތިޚާބު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވާފައިވާތީ އެކަމުން ހިތްވަރު ލިބިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން މަޝްހޫރު ޝޯ ހުށަހެޅުންތެރިޔާ އޯޕްރާ ވިންފްރީ ފާޅުކުރައްވައިފި އެވެ.

ބްލޫމްބާގު ޓީވީގައި ވާހަކަ ދައްކަވަމުން އޯޕްރާ ވިދާޅުވީ ސިޔާސީ އެއްވެސް ތަޖްރިބާއެއް ނެތި ރިޔާސީ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރައްވާފައިވާތީ ވައިޓްހައުސް އަށް ވަޑައިގަތުމަށް ވިސްނުމާ މެދު ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އަދި އެމެރިކާގެ ރައީސް ކަމަށް އައުމުގައި ސިޔާސީ ތަޖްރިބާ މުހިންމު ނޫންކަން އެންމެ ފަހުގެ އިންތިޚާބުން އެނގިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

އޮބާމާގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި 2007 ވަނަ އަހަރު އޯޕްރާ ވަނީ ބައިވެރިވެވަޑައިގެންފައި. --ފޮޓޯ: ގެޓީ އިމޭޖަސް
އޮބާމާގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި 2007 ވަނަ އަހަރު އޯޕްރާ ވަނީ ބައިވެރިވެވަޑައިގެންފައި. --ފޮޓޯ: ގެޓީ އިމޭޖަސް

އުމުރުން 63 އަހަރުގެ ބިލިއަނަރު އޯޕްރާ ކުރިން ވަނީ ސިޔާސީ ދާއިރާގެ ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އޯޕްރާ ތާއީދު ކުރައްވާފައި ވަނީ ހިލަރީ ކްލިންޓަނަށެވެ. އޯޕްރާ ވަނީ 2008 ވަނަ އަހަރުގެ އިންތިޚާބުގެ ވަރަށް ކުރީކޮޅު ރައީސް ބަރަކް އޮބާމާ އަށް ތާއީދު ކުރައްވައިފަ އެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި ރިޔާސީ ޕްރައިމަރީ އޮބާމާ އަށް ކާމިޔާބު ކުރެއްވުމުގެ އެއް ސަބަބަކީ އޯޕްރާގެ ތާއީދެވެ.

ރައީސް ޓްރަމްޕް ވެސް ވަނީ 1999 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވި އިރު ރަނިން މޭޓަކަށް އޯޕްރާ ހެއްދެވުމަށް ހުށަހަޅުއްވައިފަ އެވެ. އަދި މިދިޔަ އަހަރު ވެސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ޓިކެޓުގައި އޯޕްރާގެ ނަން އޮންނަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު އޯޕްރާ ކުރިން ވަނީ ކެންޑިޑޭޓެއްގެ ގޮތުގައި ސިޔާސީ ދާއިރާ އަށް ނުކުންނެވުމުގެ ވިސްނުން ނެތް ކަމަށް ވިދާޅުވެފަ އެވެ.

ފޭސްބުކުގެ ސީއީއޯ މާކް ޒުކަބާގު، ލަވަކިޔުންތެރިޔާ ކަންޔޭ ވެސްޓް އަދި ޑިޒްނީގެ ޗީފް އެގްޒެކެޓިވް ބޮބް އިގާ ވެސް ރައީސް ކަމަށް ވާދަކުރުމުގެ ޝައުގު ހުރި ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.