ދެކުނު ކޮރެއާ މީހުން ދަތްކޮއްޓި ތެލުލައިގެން ކެއުން އިތުރުވެ އެކަން ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ސަރުކާރުން އިންޒާރުގެ ބަޔާނެއް ނެރެފި އެވެ.
ސްޓާޗުން ހަދާފައި ހުންނަ ދަތްކޮއްޓި ޑީޕް-ފްރައިކޮށް، ޗީޒް އަދި އެކި ފާޑުގެ ސީޒަނިންއާ އެކު ކާނެ ގޮތް ދެކުނު ކޮރެއާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އަންނަނީ ފަތުރަމުންނެވެ. މިގޮތަށް ކުރާ ޕޯސްޓްތަކަށް ވަރަށް ބޮޑަށް ސަމާލުކަން ލިބި ހާހުން ޝެއާ އާއި ލައިކް ލިބިފައި ހުރެ އެވެ.
މިގޮތަށް ކަނީ ސްޓާޗުން ހަދާފައި ހުންނަ ދަތްކޮއްޓި ކަމަށް ވިޔަސް ދެކުނު ކޮރެއާގެ ފުޑް އެންޑް ޑްރަގް ސޭފްޓީ މިނިސްޓްރީން ވަނީ މިއީ ކެއުމަށް ރައްކާތެރި އެއްޗެއް ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ބުނެފަ އެވެ.
"މިއީ ކާނާއެއްގެ ގޮތުގައި ރައްކާތެރި އެއްޗެއްކަން ބެލިފައެއް ނެތް. މި ނުކެއުމަށް އެދެން،" ފުޑް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި އިލްތިމާސްކޮށްފައިވެ އެވެ.
ދަތްކޮއްޓި ތެލުލާއިރު އެކި ކުލަތައް އަޅައި ރީތި ކުލަތަކާއި އޮފުކަން އަންނަ ގޮތަށް މި ހަދާ ގޮތް ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި އަންނަނީ ދައުރުވަމުންނެވެ.