ނިއު ޔޯކް (ޖެނުއަރީ 4) - ކިއުބާގެ ގުއަންޓަނާމޯ ބޭ ޖަލުން ގައިދީން މިނިވަން ކުރުން ހުއްޓުވާނެ ކަމަށް އެމެރިކާގެ ރައީސް ކަމަށް ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ ޖަލުގައި މިހާރު އެ ތިބީ ވަރަށް ނުރައްކާ ކުށްވެރިންތަކެއް ކަމަށާއި އެ މީހުން އެއްގޮތަކަށް ވެސް މައިދާނަށް ނެރެގެން ނުވާނެ ކަމަށެވެ. އެކަމަކު ރައީސް ބަރަކް އޮބާމާ ވަނީ ޖެނުއަރީ 20 ވަނަ ދުވަހު ވެރިކަމުން ފައިބައިވަޑައިގަތުމުގެ ކުރިން ގުއަންޓަނާމޯ ބޭ ޖަލު ހުސް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ޖަލުގައި މިހާރު ވެސް 60 ގައިދީން ތިބި ކަމަށް ވައިޓްހައުސް އިން ބުނެފައިވެ އެވެ. އަދި ޖެނުއަރީ 20 ގެ ކުރިން އިތުރު ގައިދީން ދޫކޮށްލާނެ ކަމަށް ވެސް ވައިޓްހައުސް އިން ބުނެފައިވެ އެވެ.

ގުއަންޓަނާމޯ ބޭ ޖަލު ބަންދުކުރަން އޮބާމާ ގެންގުޅުއްވާ ސިޔާސަތަށް ޓްރަމްޕް ވަނީ ރިޔާސީ ކެމްޕޭނު ތެރޭގައި ވެސް ދެކޮޅު ހައްދަވައިފަ އެވެ.

ގުއަންޓަނާމޯ ބޭ ޖަލު ހުޅުވީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުށްވެރިން ބަންދު ކުރުމަށެވެ. އެ ޖަލުގައި ފުރަތަމަ 20 ގައިދީން ބަންދުކުރީ ޖެނުއަރީ 11، 2002 ގަ އެވެ. އޭގެ ފަހުން ގުއަންޓަނާމޯ ބޭ ޖަލުގައި 780 އަށް ވުރެ ގިނަ މީހުން ބަންދުކޮށްގެން ގެންގުޅުނެވެ. މީގެ ތެރޭން ގިނަ މީހުން ޖަލުގައި ގެންގުޅުނީ އެ މީހުންގެ މައްޗަށް އެއްވެސް ކުށެއް ސާބިތު ކުރުމަކާ ނުލަ އެވެ.