ދެކުނު ކޮރެއާގެ ރައީސްގެ މަގާމަށް އެ ގައުމުގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ޔޫން ސުކް އިއްޔެ އިންތިހާބު ކޮށްފި އެވެ.
އެ ގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން މިއަދު ހެނދުނު އާންމުކުރި ބަޔާނެއްގައި ބުނި ގޮތުގައި، އިއްޔެ ބޭއްވި އިންތިހާބުގައި ނެގި ވޯޓުގެ 99.99 ޕަސެންޓް މިހާތަނަށް ގުނައި ނިމިފައިވާ އިރު، އެންމެ ގިނަ ވޯޓު ހޯއްދެވި އިދިކޮޅު ލީޑަރު ޔޫން ސެކް އަށް، ވޯޓު ލީ މީހުންގެ 48.56 ޕަސެންޓް މީހުންގެ ވޯޓު ލިބިވަޑައިގަތެވެ. ވެރިކަން ކުރާ ޕާޓީގެ ފަރާތުން ވާދަކުރެއްވި ލީ ޖައެ-މިޔުންގް އަށް ލިބިވަޑައިގަތީ 47.83 ވޯޓެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ވެސް، ވެރިކަން ކުރާ ޕާޓީގެ ލީ ވަނީ، އިންތިހާބުގައި ނާކާމިޔާބުވިކަން ގަބޫލުކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވި ޔޫން ސުކް އަށް މަރުހަބާ ވިދާޅުވެފަ އެވެ. ދެކުނު ކޮރެއާގެ ގާނޫނުއަސާސީ ބުނާ ގޮތުން، އެ ގައުމުގެ ރައީސް ކަމުގެ މަގާމުގައި ދެމިހުންނެވޭނީ ފަސް އަހަރުގެ އެންމެ ދައުރެއްގައި ކަމަށްވާތީ، މިހާރުގެ ރައީސް މޫން ޖައެ-އިން، އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތެވެ.
މިފަހަރުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވި ލީ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ގިނަ ބަޔަކު އޭނާ އަށް ތާއީދުކުރި ނަމަވެސް، އިންތިހާބު ކާމިޔާބު ނުކުރެއްވުނީ އޭނާގެ ކިބައިގައި ހުރި އުނި ކަންތަކެއްގެ ސަބަބުންނެވެ. މިއީ އޭނާ އަށް ވޯޓު ދިން ރައްޔިތުންނަށް ލިބުނު ނާކާމިޔާބެއް ނޫން ކަމަށާއި، ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީ އަށް ވެސް ލިބުނު ނާކާމިޔާބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑަ ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވި ޔޫން ސުކް މިއަދު ވިދާޅުވި ގޮތުގައި އޭނާ އަށް ލިބިވަޑައިގެންނެވި ކާމިޔާބީގެ ސިއްރަކީ ރައްޔިތުން ދެއްކި އެއްބައިވަންތަކަމެވެ. އަދި މިހާ ހިސާބުން ވާދަވެރިކަން ނިމުނީ ކަމަށާއި ދެން އޮތީ ގައުމަށްޓަކައި އެންމެން އެއްބައިވަންތަ ވާންވީ ދުވަސްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫން އަކީ މި އަހަރުގެ ތެރޭގައި ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. މިދިޔަ 27 އަހަރު އޭނާ ހޭދަކުރައްވާފައިވަނީ، ޖިނާއީ މައްސަލަތަކުގައި ކޯޓުތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރައްވާ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ.