ފަލަސްތީނުގައި އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ ހަރަކާތްތެރިންނަށް، އިޒްރޭލުން ޖާސޫސް ކުރަމުންދާ ކަމަށް، ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ، އަޔަލޭންޑްގެ ޖަމިއްޔާއެއް ކަމަށްވާ ފްރޮންޓްލައިން ޑިފެންޑާޒް އާއި އެމްނެސްޓީ އިންޓަނޭޝަނަލް އަދި ޔުނިވަސިޓީ އޮފް ޓޮރޮންޓީގެ ސިޓިޒަން ލެބް އިން ކުރި ދިރާސާތަކަށް ފަހު އެކުލަވައިލި މި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ފަލަސްތީނުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހަރަކާތްތެރިންގެ ތެރެއިން ހަ މީހެއްގެ ފޯނުން، އިޒްރޭލުގެ ޖާސޫސީ ސޮފްޓްވެއާ ފެނިފައިވެ އެވެ. އެއީ އިޒްރޭލުގެ ޖާސޫސް ކުރާ ސޮފްޓްވެއާ އުފައްދާ އެންއެސްއޯ ގްރޫޕުން އުފައްދާފައިވާ "ޕެގަސުސް ސްޕައިވެއާ" ކިޔާ ސޮފްޓްވެއާ އެވެ.
ޕެގަސުސް ސްޕައިވެއާ އަކީ އަސްކަރީ ސިއްރު މައުލޫމާތު ހޯދޭ ފެންވަރަށް ތަރައްގީކޮށްފައިވާ ޖާސޫސްކުރާ ސޮފްޓްވެއާ އެކެވެ.
ނަމަވެސް މި ސޮފްޓްވެއާ އެ ފޯނުތަކަށް އިންސްޓޯލް ކުރީ ކޮން ބައެއް ކަމެއް ދިރާސާގައި ހޯދިފައެއް ނުވެ އެވެ. އެ ސޮފްޓްވެއާ އިންސްޓޯލްވުމާ އެކު، އެ ފޯނުން ކުރާ ހުރިހާ މުއާމަލާތްތަކާއި، ފޯނުގައި ރައްކާކޮށްފައި ހުންނަ ހުރިހާ މައުލޫމާތެއް ވެސް، އެ ސޮފްޓްވެއާ ބޭނުންކުރާ ޖާސޫސީ އިދާރާއަށް ލިބޭނެ އެވެ. އަދި އެ ފޯނު ހިފައިގެން އުޅޭ ވަގުތު، ފޯނުގެ ވެރިފަރާތަށް ނޭނގި ފޯނުގެ ކެމެރާ މެދުވެރިކޮށް، އެ ފޯނު އެ ވަގުތަކު އޮތް ތަނެއްގައި ހިނގާ ކަންތައް ބަލައިލުމުގެ ގާބިލުކަން ވެސް، ޖާސޫސީ އިދާރާ އަށް ލިބޭނެ އެވެ.
މި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ޖާސޫސީ ސޮފްޓްވެއާ އަޅާފައިވާ ފޯނުތަކުގެ ތެރެއިން ތިން ފޯނެއްގެ ވެރި ފަރާތް މަސައްކަތް ކުރަމުން އަންނަނީ ތަފާތު މަދަނީ ޖަމިއްޔާތަކުގަ އެވެ. އަދި ދެން ތިބި ތިން މީހުންނަކީ ކޮން ތަނެއްގައި މަސައްކަތް ކުރާ ބައެއްކަން އެ ދިރާސާގައި ބުނެފައެއް ނުވެ އެވެ.
ޖާސޫސީ ސޮފްޓްވެއާ އަޅާފައިވާ އެއް ފޯނުގެ ވެރިއަކީ، ހުޅަނގު އައްސޭރީގެ ރާމަﷲގައި، ބައިސަން ސެންޓާ ފޯ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ކިޔާ، ދިރާސީ މަރުކަޒެއް ހިންގާ، އުބައި އަބޫދީ، 37، އެވެ. އެމެރިކާގެ ރައްޔިތުކަން ވެސް އޮންނަ އުބައި ހިންގާ މި މަރުކަޒަކީ، އިޒްރޭލު ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނި ތަންތަނުގެ ތެރެއިން ތަނެކެވެ.
އޭނާ ބުނީ، ޖާސޫސީ ސޮފްޓްވެއާ ބޭނުންކޮށްގެން އޭނާގެ ފޯނު ހެކްކުރި ކަން އެނގުމުން، މިހާރު އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި، އޭނާގެ ފޯނުން ބޭރުގެ ޑިޕްލޮމޭޓުންނާ އެކު ކޮށްފައިވާ މުއާމަލާތްތައް، އެ ފޯނު އަޑުއެހި ބަޔަކަށް އިވިފައި އޮވެދާނެތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް އޭނާ ބުންޏެވެ. ދިރާސާ ކުރި ފަރާތުން ބުނެފައިވާ ގޮތުގައި އުބައިގެ ފޯނަށް އިޒްރޭލުގެ ޖާސޫސީ ސޮފްޓްވެއާ އިންސްޓޯލްކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ފްރޮންޓްލައިން ޑިފެންޑާޒް އިން ތުހުމަތުކުރާ ގޮތުގައި، ފަލަސްތީނުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުންގެ ފޯނުތައް، ޖާސޫސީ ސޮފްޓްވެއާ ބޭނުންކޮށްގެން ވަގަށް އަޑުއަހާ ބަޔަކީ އިޒްރޭލު ސަރުކާރެވެ.
ޖާސޫސީ ސޮފްޓްވެއާ އިންސްޓޯލްކޮށްފައިވާ ހަ ފޯނުގެ ތެރެއިން ފުރަތަމަ ފާހަގަކުރެވުނު ތިން ފޯނަށް އެ މައްސަލަ ކުރިމަތިވެފައިވާ ކަން ދެނެގަނެވުނީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ، ފަލަސްތީނުގެ މަދަނީ ހަ ޖަމިއްޔާއެއް، ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނިކަން އިޒްރޭލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒް އިއުލާން ކުރެއްވިތާ ތިން ވަނަ ދުވަހެވެ.
ފޯނުތައް ހެކްކުރެވުނު ހަ މީހުންގެ ތެރެއިން ނަން ހާމަކުރަން ބޭނުންވި އަނެއް ދެ މީހުންނަކީ، އަލް ހައްގު ޖަމިއްޔާގެ ދިރާސާކުރާ މީހެއް ކަމަށްވާ ޣައްސާން ހަލައިކާ އެވެ. އަނެއް މީހަކީ، އައްޒަމީރު ކިޔާ ޖަމާއަތެއްގެ ގާނޫނީ ވަކީލު ސަލާހް ހައްމޫރީ އެވެ.