ޑރ. ޒާކިޔާ އަހުމަދުގެ އެންމެ ޅައުމުރުގައި ވެސް ބޭނުންވީ ޑޮކްޓަރަކަށް ވާށެވެ. އާއިލާގެ ވެސް އެދުމާއެކު ސްކޫލު ނިންމުމަށް ފަހު އުމުރުން 17 އަހަރުގައި އޭނާ އެމްބީބީއެސް ހަދަން ފެށި އެވެ.
މެޑިކަލް އޮފިސަރު އަދި ސީނިއާ މެޑިކަލް އޮފިސަރެއްގެ ގޮތުގައި ހަތަރު އަހަރު މަސައްކަތްކުރެއްވުމަށްފަހު ލިބިވަޑައިގެންނެވި ފުރުސަތެއްގައި އަންހެނުންގެ ބަލިތަކުން ހާއްސަވެ، ސަރުކާރުގެ މައި ހޮސްޕިޓަލާ އަނެއްކާ ވެސް ގުޅިވަޑައިގަތީ 2015 ވަނަ އަހަރެވެ.
އެކަމަކު، ކިޔަވާ ނިންމައިގެން 2008 ވަނަ އަހަރު މެޑިކަލް އޮފިސަރެއްގެ ގޮތުގައި އައިޖީއެމްއެޗަށް ގުޅިވަޑައިގަތް އިރު ވެސް އަންހެނުންގެ ބަލިތަކުން ހާއްސަވެ، ދަރިމައިވުމުގެ މައްސަލަތަކުން ސަބް-ސްޕެޝަލައިޒްވުމުގެ އެއްވެސް ޝައުގެއް އޭނާ ނެތެވެ.
ނަމަވެސް، އޯޕީޑީން ފެންނަން ފެށި މަންޒަރުން ޒާކިޔާގެ ވިސްނުން ބަދަލުވާން ފެށި އެވެ. އޭނާއަށް ގަބޫލުކުރެއްވުނީ ދަރިމައިވުމުގެ މައްސަލަ ރާއްޖޭގައި ވަރަށް ގިނަ ކަމެވެ. އޭގެ އިތުރުން މައްސަރު ކަންތަކާއި ޕީސީއޯއެސްގެ މައްސަލަ ވެސް ވަރަށް ގިނަ އެވެ. އެ ދާއިރާތަކަށް ހާއްސަ ނަޒަރަކުން އަޅާލަން ޖެހޭކަން އޭނާ އަށް ގަބޫލުކުރެއްވުނެވެ.
"އޭގެ ފަހުން އަޅުގަނޑަށް ވެސް ވިސްނުނީ ރާއްޖޭގައި މިއީ، އިންފާޓިލިޓީއަކީ ވަރަށް މުހިއްމު ބައެއްކަން ގައިނީގައި. އެގޮތަށް ޝައުގުވެރިވީ އިންފާޓިލިޓީން ސްޕެޝަލިޓީ ހަދަން،" ޒާކިޔާ ވިދާޅުވި އެވެ.
ދަރިމައިވުމުގެ މައްސަލަތަކަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުކަމުގެ ޝަރަފާ އެކު ޒާކިޔާ ވަނީ މިދިޔަ ޑިސެމްބަރު މަހު ޓްރީޓޮޕް ހޮސްޕިޓަލާ ގުޅިވަޑައިގެންފަ އެވެ.
ދަރިމައިވުމުގެ މައްސަލަ ރާއްޖޭގައި ވަރަށް ގިނައިރު، އެކަމަށް ދެވޭނެ މާ ބޮޑު ފަރުވާއެއް ރާއްޖޭގައި އަދި ވެސް ނެތެވެ. އެހެންވެ، ގިނަ މީހުން އަދިވެސް ޖެހެނީ ބޮޑު ހަރަދެއް ކޮށްފައި ރާއްޖެއިން ބޭރަށް ދާށެވެ. އެކަމަކު، ޓްރީޓޮޕް ހޮސްޕިޓަލުން އަންނަނީ ޒާކިޔާގެ އެހީގައި އެކަމަށް ވެސް ނިމުމެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ހޮސްޕިޓަލުން އަންނަނީ ފާޓިލިޓީ ސެންޓަރާ އެކު އައިވީއެފް ހެދުމުގެ ތައްޔާރީތައް ވަމުންނެވެ.
ޒާކިޔާ ވިދާޅުވި ގޮތުގައި އިންފާޓިލިޓީ އަށް އިތުރަށް ދެވޭނެ ފަރުވާއެއް ރާއްޖޭގައި ނެތުމަކީ، އޭނާ ކައިރިން ފަރުވާ ހޯދާ ގިނަ ބައެއްގެ ކަންބޮޑުވުމެވެ.
"ވަރަށް ގިނަ އަންހެން ބޭފުޅުން ރޮއެފައި އައިސް ބުނާނެ ތިމަންނަމެންނަށް އެޓްލީސްޓް ބޭސް ދޭށޭ ބަނޑުބޮޑުވާން. ބޭރު ގައުމުތަކުގައި އިންފާޓިލިޓީއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ފަރުވާ ކުރެވޭ ކަމެއް. އެކަމަކު، ރާއްޖެއިން ފަރުވާ ކުރެވެން ނެތީމަ ކަންނޭނގެ އެންމެ ބޮޑު ހިތްވަރަކަށް ވީ އިތުރަށް ކިޔަވަން." ބެންގަލަރޫގެ މިލަން ފާޓިލިޓީ ސެންޓަރުން ކިޔަވާ ވިދާޅުވި ޑޮކްޓަރު ވިދާޅުވި އެވެ.
އެ މައްސަލަ ގިނަވިއަސް ރާއްޖޭގައި ރަސްމީކޮށް އެއްވެސް ދިރާސާއެއް ހެދިފައެއް ނެތެވެ. އެހެންވެ، އެކަމުގައި ރާއްޖެ އޮތް ހާލަތު ބުނެދޭން ނޭނގުނަސް، ޓްރީޓޮޕްގައި އައިވީއެފް ހަދަން ފެށުމުން އެކަން ވެސް ކުރިއަށްގެންދާނެ އެވެ.
ޒާކިޔާ ވިދާޅުވީ ކިޔަވައިގެން ވަޑައިގަތްއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ އައިވީއެފް އަށް ދެވޭނެ މާ ބޮޑު ފަރުވާއެއް ނެތުމެވެ. ދަރިމައިވުމުގެ މައްސަލަ ދިމާވާ މީހުންނަށް މިހާރު ދޭ އެންމެ ޒަމާނީ ފަރުވާއަކީ އައިވީއެފް އަދި އިކްސީ އެވެ. އެކަމަކު، ޒާކިޔާ ވިދާޅުވީ އެ ހުރިހާ އެންމެންނަކީ އެ ފަރުވާ ބޭނުންވާނެ ބައެއް ނޫނެވެ.
އިންފާޓިލިޓީ ސްޕެޝަލިސްޓެއްގެ ތަފާތަކީ ބަލި މީހުންނާ އެޕްރޯޗްކުރާ ގޮތެވެ. އިންފާޓައިލް އަށް ޑައިގްނޯޒް ނުވިޔަސް ފަރުވާއަކީ ކޮންމެ ފަހަރަކު އައިޔޫއައި ނުވަތަ އައިވީއެފްއެއް ނޫނެވެ. ބައެއް މީހުންނަށް ކައުންސެލިން އިން ވެސް ފުދެ އެވެ. އަނެއް ބައި މީހުންނަށް ބޭހުން އެކަނި ވެސް ފުދެ އެވެ.
އެހެންވެ، ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ދިނުމުގައި، ޒާކިޔާ ވިދާޅުވީ އޭނާ ބަލާނީ އެ މީހެއްގެ ހާލަތަށެވެ. އެ ފަރުވާތަކުން، އެތައް ބަޔަކަށް ހާއްސަކޮށް އަންހެނުންނަށް ލުއެއް ގެނެސްދެވޭނެ ކަމުގެ ހިތްހަމަޖެހުން އޭނާއަށް މާ ބޮޑެވެ.