މެޑްރިޑް (ސެޕްޓެމްބަރު 15) - ސްޕެއިންގެ އަންހެނުންގެ ފުޓްބޯޅަ އޯގަނައިޒޭޝަން (އެފްޕީއެފް) އާއެކު މިނިމަމް ވޭޖް މުސާރައިގެ މައްސަލައިގައި އެއްބަސްވުމަކަށް އާދެވުމުން، އެ ގައުމުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަންގެ ކުޅުންތެރިން ހަޅުތާލު ހުއްޓާލައިފި އެވެ.
އެފްޕީއެފް އަކީ ސްޕެއިންގެ އަންހެނުންގެ އެއްވަނަ ޑިވިޝަން ފުޓްބޯޅަ ލީގު އިންތިޒާމް ކުރާ ފަރާތެވެ. ކުޅުންތެރިން އިހުތިޖާޖު ފެށީ، ކުޅޭނެ ރަނގަޅު މާހައުލަކާއި އެކަށޭނަ އުޖޫރައެއް ނުލިބޭތީ، ލީގު ފެށުމުގެ ދެ ހަފްތާ ކުރިން، މި މަހުގެ ކުރީކޮޅެވެ.
"މުއާމަލާތުގެ މަރުހަލާގައި ކްލަބްތަކުން ދިން އެއްބާރުލުމާއި މަސައްކަތުން މުބާރާތަށް ގެއްލުން ނުވާ ގޮތަށް ސުލްހަވެރިކަމާ އެކު މައްސަލައަށް ހައްލެއް ހޯދިއްޖެ،" އެފްޕީއެފްގެ ބަޔާނުގައި ވެއެވެ.
މިދިޔަ މަހު ވޯލްޑް ކަޕް ތަށި ދިނުމުގެ ރަސްމިއްޔާތުގައި އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަމުގައި ހުރި ލުއިސް ރުބިއާލެސް، އެގައުމުގެ މިޑްފީލްޑަރު ޖެނީ ހާމޯސޯ އަށް ބޮސްދިން މައްސަލައާ، ކުޅުންތެރިންގެ ހަޅުތާލާ އެއްވެސް ގުޅުމެއް ނެތެވެ. ނަމަވެސް ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގެ ކުޅުންތެރިންނާއި ސްޕެއިންގައި ނަގާކިޔާ އެހެން ކުޅުންތެރިން ވެސް ވަނީ، ފެޑެރޭޝަންގެ މިހާރުގެ ލީޑާޝިޕް އޮތްހާ ހިނދަކު އަންހެން ގައުމީ ޓީމު ބޮއިކޮޓް ކުރާނެ ކަމަށް ބުނެފަ އެވެ.
ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަމުން ރުބިއާލެސް މިހާރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ކުޅުންތެރިންގެ ޔޫނިއަން އާއި އެފްޕީއެފް އާއެކު ވަނީ ކުރިއަށް އޮތް ތިން ސީޒަނަށް އެއްބަސް ވުމަކަށް އައިސްފަ އެވެ. އެއްބަސްވުމާ ގުޅިގެން މި ސީޒަންގައި ކޮންމެ ކުޅުންތެރިއަކަށް އެންމެ މަދުވެގެން 21،000 ޔޫރޯގެ މުސާރައެއް ލިބޭނެ އެވެ. އަދި ކޮމާޝަލް ފައިދާއާ އެކު މި އަދަދު 23،000 އަށް ވެސް އުފުލުމުގެ ފުރުސަތު އޮވެ އެވެ.
ޖެހިގެން އޮތް ސީޒަންގައި އެންމެ މަދުވެގެން 22،500 އާއި 25،000 ޔޫރޯއާ ދެމެދުގެ މުސާރައެއް ލިބޭގޮތަށް ހަމަޖެހިފައި ވާއިރު، ތިންވަނަ ސީޒަންގައި މަދުވެގެން 23،500 އާއި 28،000 ޔޫރޯއާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ.