ސްކޫލު މަރުހަލާ ނިންމާލަނީ އާއިލާ ފަހުރުވެރިވާނެ ނަތީޖާއަކުންނެވެ. އޭގެ ފަހުން ކިޔަވައިގެން ކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށް އެ މަރުހަލާ ވެސް އެ ނިންމާލަނީ މަތީ ވަނަތަކާ އެކުގަ އެވެ. އެކަމަކު ތައުލީމީ ދާއިރާގައި ކިތަންމެ ވިދާލިޔަސް މަތީ ތައުލީމަށް ފަހު ދިވެހި އަންހެނުން މަޑުމަޑުން ފަނޑުވެ، އޮއްސެނީ އެވެ. އެކި ހާލަތްތައް މެދުވެރިވެ، މަސައްކަތުގެ މައިދާނުން ފެންނަ އަންހެނުންގެ އަދަދު މި ނިސްބަތުން ވަރަށް މަދެވެ. 

މިދިޔަ ފަސް އަހަރަށް ބަލާއިރު ރާއްޖޭގައި ކޮންމެ އަހަރަކު އެވްރެޖުކޮށް 5،000 އެއްހާ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާފައ ވެ އެވެ. އޭގެ ތެރެއިން ދެ ހާހެއްހާ ދަރިވަރުން އޭ ލެވެލް ކިޔަވަން ފަށަ އެވެ. މީގެ ތެރޭގައި ވެސް ގިނައީ އަންހެން ކުދިންނެވެ.

ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔަވައިދޭން ސަރުކާރުން ހިންގާ ސްކީމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް މިހާތަނަށް 10،050 އަންހެން ދަރިވަރުން މި ޕްރޮގްރާމްގައި ބައިވެރިވި އިރު ފިރިހެން ދަރިވަރުންގެ އަދަދު މީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދެވެ. ފިރިހެން ދަރިވަރުންގެ އަދަދު އުޅެނީ 4،950 ގަ އެވެ. މި ދަރިވަރުންގެ ތެރެއިން ކޯސް ނިންމި ނިސްބަތް ވެސް އަންހެން ދަރިވަރުންގެ ތެރޭގައި ވަރަށް މައްޗެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 2020 ވަނަ އަހަރު ތައްޔާރުކުރި މަތީ ތައުލީމާއި ތަމްރީނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ތަމްރީން ހޯދާ މީހުންގެ ބޮޑުބަޔަކީ  އަންހެނުންނެވެ. އަދި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ދަފްތަރުން ވެސް ފެންނަން އޮތް މަންޒަރަކީ ހަމަ އެއީ އެވެ.

އެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ޖުމްލަ 2،116 ދަރިވަރަކު ތިބިއިރު އޭގެ ތެރެއިން 1،201 ކުދިންނަކީ އަންހެން ދަރިވަރުންނެވެ.

ސްކޫލު ކުދިންތަކެއް ރިޕޯޓް ފޮތް ދައްކާލަނީ: މަތީ ތައުލީމަށް ކިޔަވާ ކުދިންގެ ތެރޭގައި ގިނައީ އަންހެން ކުދިން-- ފޮޓޯ: ނިޝާން އަލީ | މިހާރު
ސްކޫލު ކުދިންތަކެއް ރިޕޯޓް ފޮތް ދައްކާލަނީ: މަތީ ތައުލީމަށް ކިޔަވާ ކުދިންގެ ތެރޭގައި ގިނައީ އަންހެން ކުދިން-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ތަފާސްހިސާބުތަކުން ވެސް ރާއްޖޭގައި ގިނަ އަންހެނުން ތިބީ ކިޔަވައިގެންކަން ހާމަވެ އެވެ. އެކަމަކު  އެހާ މައްޗަށް ކިޔެވިޔަސް ވަޒީފާ އަދާކުރާ މީހުންގެ މައުލޫމާތުތަކުން ކަށަވަރު ވަނީ ވަޒީފާ އަދާނުކުރާ މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމެވެ.  

ރާއްޖޭގެ ސްޓެޓިސްޓިކް ބިއުރޯ އިން މިދިޔަ މޭ މަހު އާންމުކޮށްފައިވާ 2024-2025 ގެ މާލޭގެ މަސައްކަތްތެރިންގެ ސާވޭގައިވާ ގޮތުން އެ މުއްދަތުގައި މާލޭގައި މަސައްކަތްކުރާ މީހުންގެ އާބާދީ ހުރީ 188،062 ގަ އެވެ. އެއީ 15 އަހަރުން މަތީގެ މީހުންނެވެ. އެ އާބާދީގެ ތެރެއިން 128،129 މީހުންނަކީ ދިވެހިންނެވެ. ބާކީ 59،933 މީހުންނަކީ ބިދޭސީންނެވެ.

އެ ތަފާސްހިސާބުތަކުގައިވާ ގޮތުން މަސައްކަތްކުރާ މީހުންގެ އާބާދީގެ 70 ޕަސެންޓް މީހުން އުޅެނީ ވަޒީފާގަ އެވެ. މުސާރައަށް ނުވަތަ މާލީ ތަނަވަސްކަމަށް މަސައްކަތްކުރާ މީހުންގެ އަދަދު އެ މުއްދަތުގައި ހުރީ 141،039 ގަ އެވެ. 

މަސައްކަތްކުރާ އުމުރުގެ މީހުންގެ އާބާދީގެ ތަފާސްހިސާބުތައް.
މަސައްކަތްކުރާ އުމުރުގެ މީހުންގެ އާބާދީގެ ތަފާސްހިސާބުތައް.

އާއިލީ ޒިންމާތައް ގިނަވެ، އަންހެނުންނަށް ވަޒީފާއަކަށް ނުދެވޭ!

އެ ސާވޭގައިވާ ގޮތުން ވަޒީފާ އަދާކުރާ އަންހެނުންގެ އާބާދީ ވަރަށް ދަށެވެ. ވަޒީފާގައި އުޅޭ ފިރިހެނުންގެ އާބާދީއަކީ 87.7 ޕަސެންޓު ކަމަށްވާއިރު ވަޒީފާގައި އުޅޭ އަންހެނުންގެ އާބާދީ އުޅެނީ 54 ޕަސެންޓްގަ އެވެ.  

ރާއްޖޭގެ އާބާދީގެ ތެރެއިން ވަޒީފާގައި އުޅޭ ފިރިހެނުންގެ ޕަސެންޓު 78 ގައި އުޅޭއިރު އަންހެނުންގެ އަދަދަކީ 51 ޕަސެންޓު ކަމަށް ވެސް ސާވޭ އިން ދައްކަ އެވެ.

ރާއްޖޭގެ މަސައްކަތް ކުރެވޭ މީހުންގެ އާބާދީގެ ތިން ބައިކުޅަ އެއްބައިގެ ތެރޭގައި (33.1 ޕަސެންޓް) މަސައްކަތް ނުކުރާ 42،399 މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އަންހެނުންގެ އަދަދު މައްޗެވެ. އެ މީހުންގެ އަދަދު ގާތްގަނޑަކަށް 46.6 ޕަސެންޓަށް އަރަ އެވެ. އޭގެ މާނައަކީ އެއީ ވަޒީފާ އަދާނުކުރާ މީހުން ނުވަތަ ވަޒީފާއެއް ހޯދުމަށް ވެސް މަސައްކަތް ނުކުރާ މީހުން ކަމަށް ސާވޭގައި ބުންޏެވެ. 

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ސްކޫލެއްގައި ބޭއްވި ޖަލްސާއެއްގައި ޓީޗަރުންތަކެއް ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ސްކޫލެއްގައި ބޭއްވި ޖަލްސާއެއްގައި ޓީޗަރުންތަކެއް ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ނަމަވެސް އެ މީހުންގެ ތެރެއިން 6،269 މީހުން ނުވަތަ 14.3 ޕަސެންޓަކީ "ޕޮޓެންޝަލް ލޭބާ ފޯސް" ގައި ހިމެނޭ މީހުންނެވެ. އޭގެ ތެރޭގައި ވަޒީފާ ހޯދަން މަސައްކަތްކުރާ މީހުން ހިމެނެ އެވެ. ބާކީ 37،465 މީހުންނަކީ މަސައްކަތްތެރިންގެ ގޮތުގައި ނުހިމެނޭ މީހުންނެވެ. އެ މީހުންނަކީ ވަޒީފާ ހޯދަން މަސައްކަތް ނުކުރާ އަދި ވަޒީފާ އަދާނުކޮށް ތިބި މީހުންނެވެ. އޭގެ ތެރޭގައި ދަރިވަރުންނާއި ގޭގައި އަމިއްލަ މަސައްކަތްކުރާ މީހުންނާއި ދުވަސްވީ މީހުންނާއި އެކި ސަބަބުތަކާ ހުރެ ވަޒީފާގެ ބާޒާރަށް ނުކުންނަން ބޭނުންނުވާ މީހުން އެބަ ތިއްބެވެ. 

އަންހެނުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ވިމެން އެންޑް ޑިމޮކްރަސީ" ގެ ނައިބް ރައީސް އަދި ބޯޑު މެމްބަރު އައިޝަތު ޝީޒާ "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ އަންހެނުންނަކީ ފިރިހެނުންނަށް ވުރެ މައްޗަށް މަތީ ތައުލީމު ހާސިލުކޮށް އަދި ރަނގަޅު ނަތީޖާ ހޯދަމުން އަންނަ ބައެއް ކަމަށެވެ.

އެކަމަކު އޭނާ ގަބޫލު ކުރައްވާ ގޮތުގައި އަންހެނުން މަސައްކަތުގެ މާހައުލުން ފެންނަ މިންވަރު މަދުވާ ސަބަބަކީ "ވޯކް ލައިފް" ބެލެންސް ކުރުމުގައި އެ އޮންނަ ގޮންޖެހުމެވެ. ގިނަ އަންހެނުން ގޭގައި މަޑުކޮށްގެން ނުވަތަ ނުރަސްމީ ދާއިރާތައް އިހުތިޔާރު ކުރަނީ ދުވާލަކު ނުވަ ގަޑިއިރު ހަފްތާގެ ފަސް ދުވަހު ވަޒީފާ އަދާކުރަން ބޭނުން ނުވާތީ އެވެ. 

ސީޒާ ވިދާޅުވި ގޮތުގައި އެ މީހުންގެ ބޭނުންތައް ނުފުދި، އެކަށިގެންވާ ފްލެކްސިބިލިޓީއެއް ނުލިބޭ ވަޒީފާތަކަށް ދާން އަންހެނުން ބޭނުން ނުވަނީ ކަމަށް ބެލެވެ އެވެ. 

ވަޒީފާއަށް ނުދެވޭ މީހުންގެ އުމުރުފުރާ އާއި ނުދެވޭ ސަބަބުތައް.
ވަޒީފާއަށް ނުދެވޭ މީހުންގެ އުމުރުފުރާ އާއި ނުދެވޭ ސަބަބުތައް.

މަސައްކަތުގައި ނޫޅޭ ނުވަތަ ވަޒީފާ އަދާކުރަން ބޭނުން ނުވާ މީހުންގެ އާބާދީގައި ހިމެނޭ އަންހެނުންގެ އަދަދު 27,236 އަށް އަރާ ކަމަށް ރާއްޖޭގެ ސްޓެޓިސްޓިކް ބިއުރޯ އިން މިދިޔަ މޭ މަހު އާންމުކޮށްފައިވާ 2024-2025 ގެ ސާވޭ އިން ދައްކަ އެވެ. ސާވޭއަށް މައުލޫމާތު ދިން އަންހެނުންގެ ދެބައި ކުޅަ އެއްބައި އަންހެނުން ބުނެފައި ވަނީ އެ މީހުން މަސައްކަތް ނުކުރަނީ ގޭބިސީގެ މަސައްކަތްތަކާއި އާއިލީ ޒިންމާތަކާ ހުރެ ކަމަށެވެ. އަދި ހަތަރު ބައިކުޅަ އެއްބައި ބުނެފައި ވަނީ ކިޔެވުމާއި ތަމްރީނުތަކާ ހެދި މަސައްކަތް ނުކުރެވެނީ ކަމަށެވެ. 

ވަޒީފާ އަދާކުރާ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އެހާ ބޮޑު ފަރަގެއް އުފެދިފައި ވަނީ ސާވޭގައި ބުނި ގޮތުގައި އާއިލީ މަސްއޫލިއްޔަތުތަކުގެ ސަބަބުން އެ މީހުންނަށް މަސައްކަތުގެ މާހައުލުގައި އުޅެވެން ނެތުމާއި އެއީ އެގޮތަށް އޮންނަންޖެހޭ ކަމެއްގެ ގޮތުގައި މުޖުތަމައަށް ގަބޫލުކުރެވިފައި އޮތުމުންނެވެ.  

ވަޒީފާއަށް ނުދާ އަދަދާއި ސަބަބު:  

  • އުމުރުން 15 އަހަރާއި 34 އަހަރު: 20.2 ޕަސެންޓް ބުނީ ވަޒީފާ އަށް ނުދެވެނީ އާއިލީ ޒިންމާތަކާ ހެދި ކަމަށް. 
  •  އުމުރުން 35 އަހަރާއި 44 އަހަރާ ދެމެދުގެ މީހުން: އާއިލީ ޒިންމާއާ ހެދި ވަޒީފާ އަށް ނުދެވޭ ކަމަށް ބުނީ 37.3 ޕަސެންޓް މީހުން.
  • އުމުރުން 45 އަހަރުން މަތި: އާއިލީ ޒިންމާއާ ހެދި ވަޒީފާ އަށް ނުދެވެނީ 42.5 ޕަސެންޓް މީހުންނަށް

ވަޒީފާތަކުން އަންހެނުންނާއި ފިރިހެނުންގެ މުސާރައިގެ ފަރަގު

ސްޓެޓިސްޓިކް ބިއުރޯ އިން އަންނަނީ ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރި ގޮތުގެ ސާވޭ (ހަޔާސް) 2026 މިހާރު ހަދަމުންނެވެ. އެކަމަކު މީގެ ކުރިން ހަދާފައިވާ ސާވޭއެއްގައި ދައްކަނީ މަސައްކަތުގައި އުޅޭ ގަޑިއިރަކަށް މާލޭގައި އެވްރެޖްކޮށް ޖެހޭ އާމްދަނީއަކީ ފިރިހެން މުވައްޒަފުންނަށް 97.76 ރުފިޔާ އަދި އަންހެން މުވައްޒަފުންނަށް 66.52 ރުފިޔާ އެވެ. އެއީ 31.24 ރުފިޔާގެ ފަރަގެކެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މުޅި ރާއްޖެ އަށް ބަލާ އިރު 2016 ވަނަ އަހަރު އަންހެން މުވައްޒަފުންގެ މުސާރަ ފިރިހެން މުވައްޒަފުންގެ މުސާރަ އަށް ވުރެ އެވްރެޖްކޮށް 20 ޕަސެންޓް ކުޑަ އެވެ. އަދި ހަމައެކަނި ދިވެހިންނަށް ބަލާ ނަމަ އެ ފަރަގު (ޖެންޑަ ޕޭ ގެޕް) 26 ޕަސެންޓަށް އަރަ އެވެ.

ޝީޒާ ވިދާޅުވީ ރާއްޖެއަކީ އަންހެނުންނަށް ވަކި ދާއިރާއެއްގައި މަސައްކަތް ނުކުރެވޭނެ މުޖުތަމައެއް އޮތް ގައުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

"އެ މީހަކު މަސައްކަތް ކުރާނެ ދާއިރާއެއް ކަނޑައެޅުމަކީ އަމިއްލަ ޗޮއިސްއެއް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މުސާރައިގެ ފަރަގުގެ ތަފާތުކުރުންތައް އެހާ ބޮޑު އިޝޫއެއްގެ ގޮތުގައި. އެކަމަކު އަންހެނުންނަށް ޗެލަންޖަސްތައް ކުރިމަތިވޭ ވަޒީފާގެ ފުރުސަތުތަކާއި ކެރިއާ އިހްތިޔާރުކުރުން ފަދަ ކަންކަމުގައި،" އޭނާ ވިދާޅުވި އެވެ. 

އިންޓަނޭޝަނަލް ޓީޗާސް 7 ވަނަ ކޮންފަރެންސްގެ ބައިވެރިން.-- ފޮޓޯ: ރައީސް އޮފީސް
އިންޓަނޭޝަނަލް ޓީޗާސް 7 ވަނަ ކޮންފަރެންސްގެ ބައިވެރިން.-- ފޮޓޯ: ރައީސް އޮފީސް

އެކަމަކު ތަފާސްހިސާބުތަކުގައިވާ ގޮތުން ހަމައެކަނި ދިވެހިންނަށް ބަލާއިރު ވަޒީފާ އަދާކުރާ އަންހެނުންނާއި ފިރިހެނުންގެ މުސާރައިގެ ފަރަގު މެނޭޖަރުންގެ ފެންވަރުގައި ބޮޑެވެ. އެއީ 61 ޕަސެންޓެވެ. އަދި ޕްރޮފެޝަނަލް ވަޒީފާތަކުގައި 39 ޕަސެންޓުގެ ފަރަގެއް އުޅެ އެވެ. މެނޭޖަރުންގެ ގޮތުގައި މަސައްކަތްކުރާ އަންހެނުންނަށް ގަޑިއިރަކަށް އާމްދަނީ ލިބެނީ ފިރިހެން މުވައްޒަފުންނަށް ގަޑިއިރަކަށް ލިބޭ އާމްދަނީ އަށް ވުރެ އެވްރެޖްކޮށް 146.70ރ. މަދުންނެވެ. އަދި ޕްރޮފެޝަނަލް އަންހެން މުވައްޒަފުންނަށް 48.95ރ. މަދުންނެވެ.

މުސާރައިގެ ފަރަގަކީ އަންހެނުންނަށް ވަޒީފާގެ މާހައުލުގައި ކިޔަވައިގެން ތިއްބަސް ކުރިމަތިވަމުންދާ ކަމެކެވެ. ކިޔަވައިގެން ތިއްބަސް ފިރިހެނުންނާ އެއް ހަމައެއްގައި މަސައްކަތް ކުރަން ފުރުސަތު ނުލިބުމާއި މުސާރައިގެ ފަރަގު ފަދަ ކަންކަމަކީ ވެސް އަންހެނުން މަސައްކަތުގެ މާހައުލުން ނުފެނިދާނެ ސަބަބުތަކެވެ. 

އަންހެނުން ކުރާ މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ރެހެންދި އެވޯޑު ލިބުނު ބަޔަކު އެ ޖަލްސާގައި ބައިވެރިވަނީ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ
އަންހެނުން ކުރާ މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ރެހެންދި އެވޯޑު ލިބުނު ބަޔަކު އެ ޖަލްސާގައި ބައިވެރިވަނީ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަތީ ތައުލީމަށް ކިޔެވުމުގައި ފިރިހެން ކުދިންނަށް ވުރެ އަންހެން ކުދިން ގިނަ ކަމަށް އެ ކޮލެޖަށް ވަންނަ ދަރިވަރުންގެ އަދަދުން އެނގޭ ކަމަށެވެ. އަންހެން ކުދިންގެ ނަތީޖާ ވެސް ފިރިހެނުންނަށް ވުރެ ރަނގަޅު ކަމަށް ވިދާޅުވެ އެވެ. 

އެކަމަކު އެހާ މައްޗަށް ކިޔަވައި ރަނގަޅު ނަތީޖާއެއް ހޯދިޔަސް އޭގެ މަންފާ މުޖުތަމައުން ފެންނަ މިންވަރަށް ދަށްވުމަކީ ހިތާމަ އެކެވެ. އަންހެނުންނަކީ ދަރިން ބަލަން ގޭގައި ތިބެން ޖެހޭ ބައެއްގެ ގޮތުގައި ދެކޭ ދެކުން ދޫކޮށްލަންޖެހެ އެވެ. 

ޝީޒާ ވިދާޅުވީ ގާނޫނީ ގޮތުން ހަމަހަމަ ފުރުސަތުތަކެއް އަންހެނުންނާއި ފިރިހެނުންނަށް އޮތަސް މަސައްކަތުގެ މާހައުލުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް ސަރުކާރަށް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ކުދިން ބަލައިދޭ ޑޭކެއާ ސެންޓަރުތަކަކީ އަތްފޯރާ އަގެއްގައި ހިދުމަތް ލިބޭ ތަނެއްގެ ގޮތުގައި ހަމަޖައްސައިދީ، މަސައްކަތުގެ މާހައުލުގައި ދެމިހުރުމަށް ފަސޭހަ މަގުތައް ހޯދައިދެވިދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. 

ރަށެއްގެ އަތިރިމަތީގައި އިށީނދެލައިގެން ތިބެ އަންހެނުންތަކެއް މަސައްކަތްކުރަނީ.--- މިހާރު ފައިލް ފޮޓޯ
ރަށެއްގެ އަތިރިމަތީގައި އިށީނދެލައިގެން ތިބެ އަންހެނުންތަކެއް މަސައްކަތްކުރަނީ.--- މިހާރު ފައިލް ފޮޓޯ

އަންހެނުން ބާރުވެރިކޮށް މަސައްކަތުގެ ބާޒާރަށް ނެރޭ މިންވަރު އިތުރުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ގާބިލު އެތައް އަންހެނުންނެއް ގޭގައި ތިބެން ޖެހިފައި ވަނީ ކީއްވެތޯ ބަލައި ހައްލުތަކެއް ހޯދައިދޭންޖެހެ އެވެ. އާއިލީ ކަންކަން އަދާކުރުމުގައި އެ މީހުންނަށް ދޭންޖެހޭ ލުއިތައް ދީގެން ވިޔަސް މިކަމަށް ހައްލެއް ހޯދުމުގެ ވިސްނުންތަކެއް ނެރުން މުހިންމެވެ.