ސްމާޓްފޯން މާކެޓްގައި ވިންޑޯޒް ފޯނުތަކަށް ދިމާވި އެންމެ ބޮޑު ބަދުނަސީބަކީ، އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ނެތުމެވެ. ވިންޑޯޒް ފޯނުތަކަށް އެޕްލިކޭޝަން އުފައްދަން ޑިވެލޮޕަރުން ވެސް ބޭނުންނުވުމެވެ. ސަބަބަކީ މާކެޓްގައި ވިންޑޯޒް ފޯނުތަކަށް ހައިސިއްޔަތެއް ނެތުމެވެ.

ވިންޑޯޒް ފޯނުތަކަށް ސަޕޯޓްދިނުން ޓްރޫކޯލާ އުފައްދާ ޑިވެލޮޕަރުން ވެސް ހުއްޓާލައިފި އެވެ. އެހެންކަމުން، ވިންޑޯޒް ފޯނެއް ކޮންމެވެސް ދިމާއަކުން އަތުޖެހުނު ނަމަވެސް، ޓްރޫކޯލާ، ކޯލާ އައިޑީ ޑާޓާބޭސް، ފުރިހަމަ އަށް މަސައްކަތްކުރާނެ ކަމަށް ބެލުމަށް އޮތް ފުރުސަތު ގެއްލުނީ އެވެ.

ޓްރޫކޯލާ އަކީ ބައެއް ގައުމުތަކުގައި ވަރަށް މަގުބޫލް އެޕްލިކޭޝަނެކެވެ. ސަބަބަކީ ކޯލާ އައިޑީގެ ޒަރިއްޔާއިން، ގުޅާ މީހާ އެންގެން އޮންނާތީ އެވެ. އެހެންކަމުން، ޖެއްސުންކުރަން ގުޅާ ކޯލްތަކަށް އަޅައިނުލާން، ޓްރޫކޯލާގެ ސަބަބުން ދެނެގަނެވެ އެވެ. މައިގަނޑު ގޮތެއްގައި ޓްރޫކޯލާ ބުނެދެނީ ނަންބަރު ރެޖިސްޓްރީކޮށްފައި އޮންނަ މީހާ އެވެ. މިއީ އިންޑިއާ ފަދަ އާބާދީ ބޮޑު ގައުމުތަކަށް ވަރަށް ބޭނުންތެރި ޚިދުމަތެއް ގޮތުގައި ފާހަގަކުރެ އެެވެ.

ވިންޑޯޒް ފޯނުތަކަށް ޓްރޫކޯލާ ހުއްޓާލުމަށް ފަހު، އެންޑްރޮއިޑް އަދި އައިއޯއެސް އެޕްލިކޭޝަން ފުރިހަމަކުރުމަށް، ޑިވެލޮޕަރުން ވަނީ ސަމާލުވެފަ އެވެ. ޓްރޫކޯލާ އަކީ ފޯނުތަކަށް ލުއި އެޕްލިކޭޝަނަކަށް ހަދާނެ ކަމަށް އެ މީހުން ބުނެ އެވެ.

ޗައިނާގައި އުފައްދާ ސްމާޓްފޯނުތައް މާކެޓަށް ނެރޭއިރު ވެސް ޓްރޫކޯލާ އަޅާފައި އިނދެ އެވެ. ބޭނުމަކީ ގިނަ ބަޔަކަށް ޓްރޫކޯލާ ތައާރުފުކޮށް، ގިނަ ބަޔަކު ބޭނުންކުރާނެ ގޮތް ހެދުމެވެ. އެހެން ނަމަވެސް، އެމެރިކާ އަދި ބައިވެރިން އެކަމާ ދެކޭ ގޮތް މުޅިން ތަފާތެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި، ޓްރޫކޯލާ މެދުވެރިކޮށް ވެސް ޗައިނާއިން ޖާސޫސްކުރެ އެވެ. ޗައިނާގައި އުފައްދަ ސްމާޓް ޑިވައިސްތަކަކީ ވެސް ޖާސޫސްކުރަން އުފައްދާ އާލާތްތަކެއް ކަމަށް ބުނެ، އެ ފަދަ އާލާތްތައް ބޭނުންކުރުން މަނާކުރެވޭނެ ގޮތެއް އޮތްތޯ ވެސް އެމެކާއިން ދަނީ ބަލަމުންނެވެ.

ވިންޑޯޒް ފޯނުތަކަށް ޓްރޫކޯލާ ހުއްޓާލުމަކީ، ވިންޑޯޒް ފޯނުތައް އެނބުރި އަތުވެދާނެ ކަމުގެ އުންމީދުގައި ތިބި ބަޔަކަށް ނާއުންމީދެކެވެ. އަނެއްކޮޅުން، ފަތްޖެހޭ ގޮތަށް ސާފަސް ފޯނެއް، މައިކްރޮސޮފްޓުން ތައާރުފުކުރަން އުޅޭ ވާހަކަ އަކީ، ވިންޑޯޒް ފޯނުތައް އަލުން ދިރިދާނެ ކަމަށް އޮތް އުންމީދެކެވެ.