ސްމާޓްފޯން ވިޔަފާރި އަކީ މައިކްރޮސޮފްޓުން ވަަރަށް ފޮނި އުންމީދާ އެކު ފެށި މަސައްކަތެކެވެ. ވާދަވެރިން ފަހަތަށް ޖައްސާލާނެ ކަމަށް ބުނެ މަލާމާތްކުރަމުންނެވެ. މައިކްރޮސޮފްޓް ޑެސްކްޓޮޕް އޮޕަރޭޓިން ސިސްޓަމް، ވިންޑޯޒް އަށް ދޫނުކުރާ ވަރުގެ ކާމިޔާބީއެއް ހޯދުމުގެ ނިޔަތުގަ އެވެ. ނަމަވެސް ކުރި އެއްވެސް މަސައްކަތެއް ދެމެހެއްޓެނިވި ކަމެއް ގޮތުގައި އަދިއަދަށް ވެސް ވެފައި ނެތެވެ. މިހާރު އިވެނީ، ވިންޑޯޒް 10 މޮބައިލް އިންސައިޑާ ޕްރޮގްރާމް މެދުވެރިކޮށް، ފޯނުތަކަށް ދެން އެއްވެސް އަޕްޑޭޓެއް ނުދޭނެ ވާހަކަ އެވެ. ދޭހަ އަކީ ވިންޑޯޒް 10 މޮބައިލް ބޭނުންކުރާ މީހުންނަށް އާ ފީޗާއެއް ވެސް ދެން ނުލިބޭނެ ކަމެވެ.
ވިންޑޯޒް 10 މޮބައިލަށް އާ ފީޗާއެއް މައިކްރޮސޮފްޓުން ދެން އިތުރެއް ނުކުރާނެ އެވެ. މައިކްރޮސޮފްޓް ސީނިއާ ޕްރޮގްރާމް މެނޭޖާ، ބްރޭންޑަން ލިބްލަންކް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އޭނާ ކުރި ޓްވީޓަކުން، ވިންޑޯޒް 10 މޮބައިލް ބޭނުންކުރާ މީހުން ވަނީ ރޮއްވާލާފަ އެވެ.
ވިންޑޯޒް 10 މޮބައިލް އިންސައިޑާ ޕްރޮގްރާމްގައި ގިނަ ބަޔަކު ބައިވެރިވީ ވެސް، ވިންޑޯޒް 10 މޮބައިލް އަށް އޮތް ވާދަވެރިކަން ދެނެތިބެ އެވެ. ސްމާޓްފޯން މާކެޓްގައި މައިކްރޮސޮފްޓް ފަހަތަށް ޖައްސައި، ވާދަވެރިން ކުރި ހޯދުން އެކަށީގެންވާކަން އެނގި ތިބެ އެވެ. އެހެން ނަމަވެސް މައިކްރޮސޮފްޓް ކަހަލަ، މަސްރަހުގައި ބިޔަ ކުންފުންޏެއްގެ ނިވަލުގައި ތިބުމުން ލިބިދާނެ ހިމާޔަތަކަށް ޝައުގުވެރިވީ އެވެ.
ޓެކްނޮލޮޖީ ސިނާއަތުގައި މައިކްރޮސޮފްޓަށް ފުރުސަތު ލިބުނު ދުވަހު ވަނީ މޮޅަށް ކުޅެފަ އެވެ. އޭގެ ނަތީޖާ އަކީ މައިކްރޮސޮފްޓް ޑެސްކްޓޮޕް އޮޕަރޭޓިން ސިސްޓަމް، ވިންޑޯޒް އަދި މައިކްރޮސޮފްޓް އޮފީސް ސޮފްޓްވެއާ ޕެކޭޖް ހޯދާފައިވާ ކާމިޔާބެވެ. އެހެންކަމުން ސްމާޓްފޯނެއް ކަހަލަ، މުށަށް ލައިގެން އުޅޭ ވަރުގެ އާލާތެއް، މައިކްރޮސޮފްޓަށް ދުއްތުރާކޮށްފާނެ ކަމަށް ހުވަފެނުގައި ވެސް އެ މީހުން ނުދެކެވެ.
ސްމާޓްފޯން މާކެޓަށް އެނބުރި އައުމަކީ މައިކްރޮސޮފްޓަށް ދެން ފަސޭހަކަމަކަށް ނުވާނެ އެވެ. ސަބަބަކީ މައިކްރޮސޮފްޓަށް ގޯސްކޮށް ކުރެވިގެން އުޅެނީ ކޮން ކަމެއްކަން އަދި ވެސް ނޭނގުމެވެ. އެނގުނުކަމުގައި ވި ނަމަވެސް، އެނގެން ބޭނުންނުވުމެވެ.
ސްމާޓްފޯން ބޭނުންކުރާ މީހުންނަށް އެންމެ މުހިންމު އެއްޗަކީ އެޕްލިކޭޝަނެކެވެ. ވާދަވެރިންނާ ފައިހަމަކުރެވޭ ވަރާ ގާތަށް ވެސް ވިންޑޯޒް މޮބައިލްތަކަށް އެޕްލިކޭޝަނެއް ނެތެވެ. ވިންޑޯޒް މޮބައިލް މާކެޓް ބަލިކަށިވެފައިވާ ވަރުން، އެ ޕްލެޓްފޯމަށް އެޕްލިކޭޝަން ލިޔަން ޑިވެލޮޕަރުން ދެކޮޅުހަދަ އެވެ. އެހެންކަމުން މައިކްރޮސޮފްޓަށް އޮތީ ވިންޑޯޒް މޮބައިލް ޕްލެޓްފޯމްގައި ވާދަވެރިންގެ އެޕްތައް ހިންގޭނެ ނިޒާމެއް ހޯދުން ނުވަތަ ވާދަވެރިންނާ ގުޅުމެވެ. ނޮކިއާ އަދި ބްލެކްބެރީ މިހާރު ކަންކުރާ ގޮތަށެވެ.