ޗައިނާ ބަހުން ލިބޭ ވިކިޕީޑިއާ އެ ގައުމުގައި ބޭނުން ނުކުރެވޭ ގޮތަށް ހަދާފައި ވަނިކޮށް، އެހެން ހުރިހާ ބަހެއްގެ ވިކިޕީޑިއާ ވެސް ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ.

ޗައިނާ އަކީ މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގާއި ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ވެސް ބޮޑެތި ހިފަހެއްޓުންތަކެއް ގެންގުޅޭ ގައުމެކެވެ.

ވިކިމީޑިއާ ފައުންޑޭޝަނުން ބުނީ ޗައިނާގައި އެއްވެސް ބަހަކުން ވިކިޕީޑިއާ ބޭނުން ނުކުރެވޭ ގޮތަށް ބްލޮކްކޮށްފައިވާކަން އެނގުނީ މިދިޔަ މަހު އިންޓާނަލް ޓްރެފިކް ރިޕޯޓުން ކަމަށެވެ.

"އޭގެ މާނައަކީ މިހާރު އެއްވެސް ބަހަކުން ޗައިނާގައި ވިކިޕީޑިއާ ބޭނުމެއް ނުކުރެވޭނޭ،" ވިކިމީޑިއާ އިން ބުންޏެވެ. "މިއީ ވަރަށް ކަންބޮޑުވާ ކަމެއް. އަދި ވިކިޕީޑިއާ ލިބޭނެ ގޮތް ހެދުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން."

ދެހާސް ސަތާރައިގައި ތުރުކީ ވެސް ވިކިޕީޑިއާ ބްލޮކްކޮށްފައިވާ އިރު، މި އަހަރުގެ ކުރީކޮޅު ވެނެޒުއެލާގައި ވަނީ ވިކިޕީޑިއާ ބޭނުން ކުރެވޭ މިންވަރު ލިމިޓްކޮށްފަ އެވެ.