ލަންޑަން (އޮކްޓޯބަރު 18) - ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީން ސިޔާސީ ހިމާޔަތް ހޯދައިގެން ހުރި ޖޫލިއަން އަސާންޖަށް އިންޓަނެޓުގެ ޚިދުމަތް ކަނޑާލައިފައިވާ ކަމަށް ވިކިލީކްސް އިން ބުނެފި އެވެ.
ވިކިލީކްސްގެ ބާނީ އަށް އިންޓަނެޓުގެ ޚިދުމަތް އިކުއެޑޯ އިން ކަނޑާލީ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ އީމެއިލްތަކެއް އާއްމުކުރި ފަހުންނެވެ.
އަސާންޖް ގެންދަނީ ޖޫން 2012 އިން ފެށިގެން ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީގައި ދިރިއުޅެމުންނެވެ. ޖިންސީ މައްސަލައަކާ ގުޅިގެން އަސާންޖަށް ދައުވާ ކުރުމަށް ސްވިޑަން އަށް ފޮނުވުމަށް އިނގިރޭސި ވިލާތުގެ ކޯޓަކުން އަމުރު ނެރެފައިވަނިކޮށް އޭނާ ސަލާމަތްކޮށް ދިނީ އިކުއެޑޯ އެމްބަސީން ހިމާޔަތް ދީގެންނެވެ.
ވިކިލީކްސް އިން ބުނީ އަސާންޖަށް އިންޓަނެޓުގެ ޚިދުމަތް ކަނޑާލި ނަމަވެސް އެހެން ގޮތެއް ހޯދައިދޭން މަސައްކަތް ކުރާ ކަމަށެވެ. ވިކިލީކްސްގެ ޓްވިޓާ ފީޑް އޮޕަރޭޓް ކުރަނީ އަސާންޖް އަމިއްލަ އަށް ކަމަށްވެ އެވެ.
އިންޓަނެޓް ކަނޑާލި މައްސަލާގައި އިކުއެޑޯ ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެ ގައުމުގެ ޚާރިޖީ ވަޒީރު ގުއިލައުމް ލޯންގު ވިދާޅުވީ އަސާންޖް ހުރީ އިކުއެޑޯ ސަރުކާރުގެ ހިމާޔަތުގައި ކަމަށެވެ. އަދި އަސާންޖަށް ސިޔާސީ ހިމާޔަތް ދިން ހުރިހާ ކަމެއް އަދި ވެސް ދެމިއޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އިކުއެޑޯގެ ރައީސް ރަފޭލް ކޯރިއާ ވަނީ އަސާންޖުގެ މައްސަލާގައި އެމެރިކާއާ އޮތް ގުޅުން ހީނަރުވި ނަމަވެސް އަސާންޖުގެ ހައްގުތަައް ރައްކާތެރި ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މަގާމުގެ މުއްދަތު އަންނަ އަހަރު ހަމަވާ ކޯރިއާ ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ހިލަރީ ކްލިންޓަނަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާ ސަރުކާރާއި ޑިމޮކްރެޓިކް ޕާޓީގެ އޮފިޝަލުން ވޭތުވެދިޔަ ދުވަސްތަކުގައި ބުނަމުން ދަނީ ނޮވެމްބަރު މަހު 8 ވަނަ ދުވަހު އޮންނަ އިންތިޚާބާ ދިމާކޮށް ހިލަރީގެ އީމެއިލްތައް އާއްމުކޮށް ސައިބާ ހަމަލާ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށެވެ. އެކަމަކު ޑިމޮކްރެޓިކް ޕާޓީގެ މެސެޖްތައް ލިބުނު ގޮތެއް ހާމަކުރަން ވިކިލީކްސް އިން ވަނީ ދެކޮޅު ހަދައިފަ އެވެ.
ޑިމޮކްރެޓިކް ޕާޓީ އާއި ވިކިލީކްސް އިން ލަފާކުރަނީ ވައިޓްހައުސްގެ ކުރީގެ އެޑްވައިޒާ އަދި ހިލަރީގެ ކެމްޕޭން މެނޭޖަރު ޖޯން ޕޮޑެސްޓާގެ އަމިއްލަ އީމެއިލްގެ 40،000-50،000 އީމެއިލް ވިކިލީކްސް އަށް ލިބިފައިވާ ކަމަށެވެ.