ވޮޝިންޓަން (މާޗް 9) - އެމެރިކާގެ ސެންޓްރަލް އިންޓަލިޖެންސް އެޖެންސީ (ސީއައިއޭ) އިން ފޯނާއި ޓީވީ ހެކްކުރަން ބޭނުންކުރާ އާލާތްތަކާ ބެހޭ ތަފްސީލު ލިޔުންތަކެއް ވިކިލީކްސް އިން ހާމަކުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެޑެރަލް އެޖެންސީތަކުން ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސްމާޓްފޯނު އަޑު އެހުމާއި ސްމާޓް ޓީވީ ހެކްކޮށް އެތަކެތި ބޭނުންކުރާ މީހުންނަށް ޖާސޫސްކުރަން ބޭނުންކުރާ އާލާތްތަކާ ބެހޭ އެތައް ހާސް ތަފްސީލް ލިޔުމެއް ވިކިލީކްސް ހާމަކުރި މައްސަލަ ބަލަނީ އެފްބީއައި އާއި ސީއައިއޭ ގުޅިގެން ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފައިވެ އެވެ. ވިކިލީކްސް އިން ލީކުކުރި ފައިލްތަކުގެ ސައްހަކަމާ މެދު ސީއައިއޭ، އެފްބީއައި އަދި ވައިޓްހައުސް އިން ވެސް ކޮމެންޓް ކޮށްފައެއް ނުވެ އެވެ.

ސީއައިއޭގެ ތަރުޖަމާނަކު ބީބީސީ އަށް ބުނީ ޓެރަރިސްޓުންނާއި އެނޫންވެސް އިދިކޮޅު މީހުންގެ ގެއްލުންތަކުން އެމެރިކާގެ ރައްޔިތުން ހިމާޔަތް ކުރުމަށް އިންޓަލިޖެންސް ކޮމިއުނިޓީގެ ގާބިލްކަމުގެ އަގު ވައްޓާލުމަށް ވިކިލީކްސް އިން ހާމަކުރާ ކޮންމެ ހާމަކުރުމަކާ އެމެރިކާގެ ރައްޔިތުން ކަންބޮޑުވާނެ ކަމަށެވެ.

އެޕަލް އިން ބުނެފައި ވަނީ އައިފޯންތަކުގައި ބޭނުންކޮށްފައި ވާނީ އެންމެ ރަނގަޅު ޑޭޓާ ސެކިއުރިޓީ ކަމަށް. --ފޮޓޯ:ރޮއިޓާސް
އެޕަލް އިން ބުނެފައި ވަނީ އައިފޯންތަކުގައި ބޭނުންކޮށްފައި ވާނީ އެންމެ ރަނގަޅު ޑޭޓާ ސެކިއުރިޓީ ކަމަށް. --ފޮޓޯ:ރޮއިޓާސް

"މިފަދަ ބޭޒާރުކުރުންތަކުން ގެއްލުން ލިބިގެންދާނީ ހަމައެކަނި އެމެރިކާގެ ރައްޔިތުންނަކަށް ނޫން. އެކަމަކު އެމެރިކާ މީހުންނަށް ގެއްލުން ދިނުމަށް ދުޝްމަނުންނަށް އިތުރު ހިތްވަރު ލިބިގެންދާނެ،" ސީއައިއޭގެ ތަރުޖަމާން ވދާޅުވި އެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ ޖިނާއީ ތަހުގީގުގައި ބަލަމުންދަނީ ވިކިލީކްސް އަށް ފައިލްތައް ލިބުނު ގޮތް ކަމަށެވެ.

ވިކިލީކްސްގެ ހާމަކުރުންތަކާ ގުޅިގެން ޓެކް ކުންފުނިތަކުން ވެސް ވަނީ ބޮޑުވުން ފާޅުކޮށްފަ އެވެ. އެޕަލް ކުންފުނިން ބުނެފައި ވަނީ އައިފޯނުގައި ބޭނުންކޮށްފައި ވަނީ ކަސްޓަމަރުންނަށް ލިބޭނެ އެންމެ ރަނގަޅު ޑޭޓާ ސެކިއުރިޓީ ކަމަށެވެ. ސެމްސަން އިން ބުނެފައި ވަނީ ކޮންޒިއުމަރުންގެ ޕްރައިވެސީ އާއި އުފެއްދުންތަކުގެ ސެކިއުރިޓީ އަކީ ކުންފުނިން އެންމެ އިސްކަން ދޭ ކަންތައް ކަމަށެވެ.

މައިކްރޯސޮފްޓް ވިންޑޯޒް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ ކޮމްޕިއުޓަރުތަކަށް އަމާޒުކޮށް ސީއައިއޭ އިން މެލްވެއާއެއް އުފައްދާފައިވާ ކަމަށް ވެސް ވިކިލީކްސް އިން ވަނީ ބުނެފަ އެވެ.