ލަންޑަން (ފެބްރުއަރީ 6) - ގެއްލުވާލާފައިވާ މިނިވަންކަމުގެ ހައްގު އަނބުރާ ހޯދައިދިނުމަށް ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އިނގިރޭސި ވިލާތާއި ސްވިޑަންގެ ކިބައިން އެދިއްޖެ އެވެ.
ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީގައި އަސާންޖް ދިރިއުޅޭތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ. އެމްބަސީން ނުކުމެއްޖެ ނަމަ އޭނާ އެމެރިކާއާ ހަވާލު ކުރާނެ ކަމުގެ ބިރު ބޮޑެވެ.
އަސާންޖް މި މޭރުމުން ވާހަކަ ދައްކާފައި ވަނީ އޭނާ ހައްރުކޮށްފައިވަނީ އެއްވެސް ކުށެއް ސާބިތު ކުރުމެއް ނެތި ގާނޫނާ ޚިލާފަށް ކަމަށް އދ.ގެ ވޯކިން ގްރޫޕުން ނިންމިތާ އެއް އަހަރު ފަހުންނެވެ. އދ.ގެ ވޯކިން ގްރޫޕުން ވަނީ އޭނާ ދޫކޮށްލުމަށް ވެސް ގޮވާލައިފަ އެވެ. ނަމަވެސް އިނގިރޭސި ވިލާތުން ބުނެފައި ވަނީ އދ.ގެ ނިންމުމުގެ ސަބަބުން އެއްވެސް ކަމެއް ބަދަލު ނުވާނެ ކަމަށެވެ.
އަސާންޖް ބުނީ އިނގިރޭސި ވިލާތާއި ސްވިޑަން އިން އދ.ގެ މުއާހަދާތަކުގައި ސޮއިކޮށް، އިންސާނީ ހައްގުތަކުގެ މެކޭނިޒަމަށް ތަބާވާ އިރު ވޯކިން ގްރޫޕުގެ ނިންމުމަށް އަމަލު ކުރުމަށް އެ ދެ ގައުމު ނުކުޅެދިފައިވާ ކަމަށެވެ.
އިކުއެޑޯ އެމްބަސީގައި އަސާންޖް ދިރިއުޅެމުންދަނީ ޖޫން 9، 2012 އިން ފެށިގެންނެވެ. އިކުއެޑޯ އެމްބަސީގެ ހިމާޔަތް އަސާންޖް ހޯދާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ގޯނާގެ މައްސަލާގައި ސްވިޑަން އަށް ފޮނުވުން ހުއްޓުވައި ދިނުމަށް ސްޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފް ނާކާމިޔާބުވުމުންނެވެ. އަސާންޖް ވަނީ ސްވިޑަން އަށް ދިއުމަށް ދެކޮޅު ހަދައިފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ސްވިޑަން އަށް ގެންގޮސްފި ނަމަ އޭނާ އެމެރިކާއާ ހަވާލު ކުރާނެ އެވެ. ވިކިލީކްސް އިން ވަނީ އެމެރިކާގެ 500،000 އަށް ވުރެ ގިނަ ސިއްރު ފައިލް ބޭޒާރުކޮށްފަ އެވެ.
ވިކިލީކްސް އިން ކުރިން ބުނަމުން ދިޔައީ އެމެރިކާގެ ސިއްރު މައުލޫމާތު އެ މީހުންނަށް ފޯރުކޮށްދިން ޗެލްސީ މޭނިން އަށް މައާފްދީފި ނަމަ އަސާންޖް ސްވިޑަން އަށް ދާނެ ކަމަށެވެ. އެކަމަކު ރައީސް ބަރަކް އޮބާމާ، މޭނިންގެ އަދަބު ލުއިކޮށްދެއްވުމުން މެއި 17 ގައި އޭނާ މިނިވަންވާނެ އެވެ.